ރައީސް ނަޝީދާއި ތޮލްހަތު ހައްޔަރުކުރުމަށް ބާޣީ ސަރުކާރަށް ވަފާތެރި ކްރިމިނަލް ކޯޓުން އަމުރު ނެރެފި

ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރ ތޮލްހަތު ހައްޔަރުކުރުމަށް ބާޣީ ސަރުކާރަށް ވަފާތެރި ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ. ނަމަވެސް މި އަމުރު ތަންފީޒް ނުކުރާނޭ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ރައީސް ނަޝީދު ކެނެރީގޭގައި މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގުމަތިން މިހާރުގެ ބާޣީ ސަރުކާރު ވައްޓާލައްވަން ބޭނުންފުޅުނުވާ ކަމަށާއި، ބޭނުންފުޅުވަނީ އިންތިޚާބެއް ކަމަށެވެ. އަދި މިހާރު އިންތިޚާބެއް ބޭއްވި ނަމަވެސް އެ އިންތިޚާބު ކާމިޔާބުކުރައްވައި، އަލުން ވެރިކަމަށް ވަޑައިގެންނެވޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަގުމަތިން ވެރިކަން ވައްޓާލަން ބޭނުން ނަމަ އިއްޔެ އެކަން ކުރެވުނީސް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ލައްވައި އިސްތިއުފާގެ ސިޓީ ލިއުއްވީ މަޖުބޫރުކޮށްގެން ކަމަށާއި ސިޓީ ލިއުއްވީ ޑިފެންސް މިނިސްޓްރީގައި ހުންނަވައިގެން ކަމަށާއި، އެހެން ނަމަވެސް އެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްތިއުފާގެ ސިޓީ ލިޔުއްވުމަށް ފަހު އެ މަނިކުފާނުގެ ލީގަލް ސެކްރެޓަރީއާ ހަވާލުކުރެއްވުމުން، މަޖުބޫރުކުރި މީހުން ލީގަލް ސެކްރެޓަރީ އަތުން ސިޓީ އަތުލީ ކަމަށާއި އެހެންކަމުން އެ ސިޓީ މަޖިލީހަށް ފޮނުއްވީ އެ މަނިކުފާނުގެ ފަރާތުން ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ތޮލްޙަތު އިބްރާހީމް ކަލޭފާނު ވެސް ރައީސް ނަޝީދުގެ އަރިހުގައި ކެނެރީގޭގައި އެބައިންނެވިއެވެ. ތޮލްހަތު މީޑިއާއަށް ވިދާޅުވީ އެންމެ ބިރުފުޅުގަތީ ސަރުކާރާ ދެކޮޅަށް ނުކުތް ސިފައިން ހަތިޔާރު ހިފައިގެން އައިސް ރައީސަށް ކަމެއް ކޮށްފާނެތީ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ އޮފިސަރުންނަށް ފައިސާ ބެހިކަމުގެ މަޢުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށް ތޮލްހަތު ވިދާޅުވިއެވެ.

މިހާރުގެ ބާޣީ ސަރުކާރުން ޕޮލިސް ކޮމިޝަނަރަކަށް އައްޔަންކުރައްވާފައިވާ ޢަބްދުﷲ ރިޔާޒް އާއި ހަވާލާދެއްވައި ތޮލްހަތު ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދު ހައްޔަރުކުރައްވަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒްނުކުރައްވާނޭ ކަމަށެވެ.