އަޅުގަނޑު ގައިގައި އެންމެ ލޭތިއްކެއް ހުއްޓަސް ޤާނޫނީ ވެރިކަން އެހެން ވެއްޓި އޮތަ ނުދޭނަން – ރައީސް ނަޝީދު

– މިހާރުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށް ވާތީ އެ ސަރުކާރު ގަބޫލު ނުކުރުމަށް ވެސް ދިވެހި ރައްޔިތުންނަށް އެމްޑީޕީން އިލްތިމާސްކުރި

ހަށިކޮޅުގައި އެންމެ ލޭ ތިއްކެއް ހުއްޓަސް ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން އެހެން ވެއްޓިފައި އޮތަ ނުދެއްވާނޭ ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު މެންދުރުފަހު ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ އިސްތިއުފާދެއްވީ މަޖުބޫރު ވެގެން ކަމަށެވެ. އަދި ރައީސް ކަމުގެ ގޮނޑީގައި މިހާރު އިންނެވި ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކަށް، “އެގޮނޑިން ފޭބުމަށް” ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި އިއްޔެގެ ބަޣާވާތުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙުމަދު ފާއިޒް ޙުސައިން އަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

“އަޅުގަނޑުގެ ގައިގައި އެންމެ ލޭތިއްކެއް ހުއްޓަސް ޤާނޫނީ ވެރިކަން ވެއްޓިޔަ އެހެން އޮތަކަ ނުދޭނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އަލުން އަނބުރާ މިރާއްޖޭގައި ހެޔޮވެރިކަން ޤާއިމްކޮށްދެއްވާނޭ ކަމަށާއި، ” އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގަނެ ބިރު ފަހަނައަޅައިދާނޭ” ކަމަށާއި އަދި މީގެ އިތުރުން ރާއްޖޭގައި ހަމައާއި އިންސާފް ގާއިމްކޮށްދެއްވުމަށް ” ސަރުކާރު ހިސާރުކޮށްގެން ތިބި ފަރާތްތަކަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

މިއަދުގެ ގައުމީ މަޖިލީހުގެ ޖަލްސާ ގައި މިހާރުގެ ސަރުކާރު ހިންގަމުންދަނީ އިންޤިލާބީ ފުލުހުންކަމަށާއި، އެމީހުންގެ ފަހަތުގައި ވަނީ ދިވެހިރާއްޖޭގައި 30 އަހަރުގެ
ޚުދުމުޚްތާރު އަނިޔާވެރި ވެރިކަމެއްކުރި މީހުންކަމަށް ވުމާއެކު، މި ޣައިރުޤާނޫނީ ސަރުކާރު ޤަބޫލުނުކުރުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށް، މި ސަރުކާރު ވެރިކަމުން ބޭލުމަށް ދިވެހި ރައްޔިތުންނާއެކު މިޕާޓީގެ މެންބަރުން ހިތްވަރާއެކު ނިކުތުމަށް ގޮވާލައި، އެ ގޮތަށް ޢަމަލުކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ އިޤްރާރުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ޢަދުލު އިންސާފްގެ ދާއިރާ މިނިވަން ކުރުމަށް އެމްޑީޕީން ބާއްވަން ހަމަޖައްސާފައިވާ ބޮޑު މުޒާހަރާ “އިންސާފުގެ ދަތުރު” ހަމަ އެ ތާރީޚްގައި ބާއްވާނޭ ކަމަށާއި، ޤާނޫނާއި ހިލާފަށް ފުލުހުންނާއި ސިފައިންގެ މަދު ބަޔަކު އިދިކޮޅު ސިޔާސީ ޕާޓީތަކާއި ގުޅިގެން މިރާއްޖޭގެ ވެރިކަން ޣައިރު ޤާނޫނީކޮށް، ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހަމަޖެއްސުމާއި ގުޅިގެން މިޕާޓީން އަމަލުކުރަންވީ ގޮތްތައް ތަންފީޒުކުރުމަށްޓަކައި 11 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލުމަށް ވެސް މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.