އެމްޑީޕީގެ އިންޞާފްގެ ދަތުރު ނިންމުމުގެ ބޮޑު ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު މާލެސިޓީގައި ފެށެނީ

ފަހަލަސަޢިދު

ފައިސާވެރިންނާ ނުފޫޒުގަދަ ފަރާތްތަކުގެ ބާރުގެ ދަށުވެފައިވާ ރާއްޖޭގެ ޖުޑިޝަރީ މިނިވަންވެ ރައްޔިތުންގެ މެދުގައި ހަމަ ހަމަ ކަމާ އެކު އިންޞާފް ގާއިމްވެގެން ދިއުމަކީ މުޅި ދިވެހި އުންމަތް އެކަމަކަށްޓަކާ ޒަމާނުއްސު ރޮއި އާދޭސް ކުރި އަދި އެކަން ކޮށްދޭނޭ މުޞްލިޙަކަށް ބޭނުންވެފައިވާ ކަމެކެވެ.

ދިވެހި ޖައްވުން އުދަވި މިއަދުގެ އިޞްލާހުގެ ބާނީ ގ.ކެނެރީގޭ މުޙައްމަދު ނަޝީދު ގައުމުގެ އެންމެ މަތީ ވެރިކަމަށް ﷲ ކަނޑައެޅުއްވުމުން ދިވެހިންގެ ހިތްތަކުން އާހެއްގެ އަޑު އިވިގެން ދިޔައެވެ.

ގަދަފަދަ ޠޫފާނަކުން ސަލާމަތްވުމުން ކުރާނޭ އުފާ ދިވެހިން ހިތްތަކަށް ލިބި މޯޅިއަކަށް ދެމިނުލާ ހަމަ އެކަކުނެތޭވެސް ބުނެވިދާނެއެވެ. އަޅުވެތިކަމާ ބިރުވެރިކަމާ ނާމާންކަމުގެ އަދިރިކަމުގެ ޙަޔާތަކުން އުފާވެރިކަމާ މިނިވަން ކަމާ ތަނަވަސް ކަމާ ދުޅަހެޔޮކަމާ އޯގާވެރިކަމުގެ ޙަޔާތަކަށް އިރު އުދަރެހުން ފާއްދާލައިފިއެވެ. ﷲގެ ހެޔޮރަޙުމަތް ދިވެހިންގެ މައްޗަށް މިންވަރު ކުރައްވައިފިއެވެ.

ވެރިކަން ގެއްލި އެކަމުގެ ސަބަބުން ހިތާމަކުރަމުންދާ ޢާއިލާތަކާ ވެރިކަން ކުރެއްވި ބޭފުޅުންގެ ވެރިކަމުގެ ބާރާނުފޫޒާ ފައިސާ ވެރިކަމާ އިއްޒަތް ގެއްލި ވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ދެމުންގެ ގެންދިޔަ އަނިޔާތަކާ ކޮށްފައި ހުރި ވައްކަމާ ޚިޔާނާތްތަކުގެ ސަބަބުން ގައުމުވަނީ އިގްތިޞާދީ ގޮތުން ދަށު ދަރަޖައެއްގައެވެ.

ރައްޔިތުންގެ މުދަލާ ފައިސާ އަކީ ވެރިކަން ކުރަންތިބި ބައެއްގެ އަމިއްލަ ތަރިކަ ކަމުގައި ބަޔަކަށް ގަބޫލު ކުރެވި ވެރިމީހާގެ ހައިބަތާ ގަދަރު ދެމެހެއްޓުމަށްޓަކާ ދައުލަތުގެ މުޅި ބައިތުލް މާލުން ހޭދަކުރަމުން ދިޔަ ފިރުޢައުނީ ވެރިކަން
ނިމިގެންދިޔަ ނަމަވެސް މިގައުމުގައި ކަލެއްގެ ޢިއްޒަތް ބޭނުންވެގެން ފިރުޢައުނުގެ ގާނޫނު ތަންފީޒު ކުރަމުން ގެންދިޔަ ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ވެރިކަމުގައި ގާނޫނު އަސާސީ ބަދަލުކޮށް ދައުލަތުގެ ހުރިހާބާރުތައް އެއްކޮށް އަންބޮނޑިޔަށް ކަހާލުމުގެ ނަތީޖާ މިއަދު މިފެންނަނީ މާލޭގެ މަގުމަތިންނެވެ.

ރައްބިއެއް ރަސޫލެއް ވަކިކުރަން ނުވެސް ދަންނަބަޔަކަށް ފަނޑިޔާރުކަން ދީ ކުރީގެ ރައީސް އޮފީހުން ފޮނުވާ ޙުކުމްތައް އިއްވާލުމަށް މައުމޫނު އައްޔަނު ކޮށްފައި ތިބި ދަށުދަރަޖައިގެ ފަނޑިޔާރުން މުޅި ފަނޑިޔާރުގެ ޚިޞާރު ކޮށްފައިވަނީ މައުމޫނާ އެފަރާތްތަކާ މެދުގައި ހަދާފައިވާ ޑީލެއްގެ ދަށުން ކަމަށް ގިނަބަޔަކު އެދަނީ ގޮވަމުންނެވެ.

ވެރިކަމުގެ ޢާއިލާއަށް ނިސްބަތް ވާ ހަމަ އެކެއްގެ ޝަރީޢަތެއް ވެސް މިޝަރުޢީ ނިޒާމުގެ ތެރެއިން ނުބެލޭނޭ ގޮތަށް މުޅިނިޒާމުވަނީ ތަޅު އަޅުވާފައެވެ. އެމްޑީޕީ ވެރިކަމަށް އައީ ނުވަތަ ވެރިކަމަށް ގެނެވުނީ މިގައުމުގައި ޢަދުލު އިންޞާފް ނެތިގެން ރައްޔިތުންގެ ޖާނާ މާލުން ގުރުބާންވެގެންނެވެ.

މިއަދު ސަރުކާރުން ކުރަން މިއުޅޭކަމަކީ އެދުވަހު ރައްޔިތުން އެދުނު ފަދަ މިނިވަން އިންޞާފް ވެރި ފަނޑިޔާރުގެއެއް ރައްޔިތުންގެ އަތުޖައްސައި ދިނުމުގެ މަސައްކަތެވެ. ރައްޔިތު މީހާގެ އެދުމަކީ ޢަދުލުވެރި އިންޞާފް ވެރި ފަނޑިޔާރުގެއެއް ލިބި އެ ފަނޑިޔާރުގެއަކީ ވަކި ކުލައަކަށް ނުބަލާ ދެރަމޮޅު ބެލުމެއްނެތި އެންމެންނަށް ހަމަ ހަމަކަމާއެކު އިންޞާފް ލިބޭތަނަކަށް ވެގެން ދިއުމެވެ. ރައްޔިތުން މިކަން ކުރަން ޙަވާލުކުރި ފަރާތަކީ މި ގައުމުގެ އެންމެ މަތީވެރިޔާ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވީހިނދު އެމަނިކުފާނުގެ މައްޗަށް ފަރުޟުވެގެން ވަނީ މިގައުމުގެ ޢަދުލު އިންޞާފްގެ ދާއިރާ ﷲގެ ފޮތާ ރަސޫލާގެ ސުންނަތުގައިވާ ގޮތަށް ބައްޓަން ކުރުމަށެވެ.

އެހެންކަމާއެކު އެމްޑީޕީގެ އިންޞާފްގެ ދަތުރު ނިންމާލުމަށް ގަސްދު ކޮށްފައިވަނީ ބޮޑު ރަސް މިއްޔާތަކަށް ފަހު ރައްޔިތުން އެދިފައިވާފަދައިން ފަނޑިޔާރުގެ ގާއިމް ކޮށްދިނުމަށްފަހުގައެވެ.