މެންބަރުންގެ ޚިޔާލު: މިހާރުދެން އަޅާނެ ހަރުއެއްޗެއް ނެތެވެ!

ފުނަމާ

މިގައުމަށް ބަޔަކު އިސްލާހީ ބަދަލުތަކެއް ގެނައުމަށް ނުކުތުމުން އެއްކަލަ މައިކަށި ބިންދާ ކަލޭގެ ނުކުމެ އެމީހުންގެ ފަސްފަހަތުން ހިނގާންފެށީ މާސޯލިހު މީހެއް ކަމުގައި ދަށްކައިގެންނެވެ. އެކަމަކު އޭނާގެ އެހުންނަ ވިޔަރި ގަދަކަމަކާއި ތާކުންތާކު ނުޖެހޭ ވިސްނުމުގެ ސަބަބުން އަބަދުވެސް އޭނާއަށް ޖެހުނީ އެއިރުވެސް އެކަހެރިވެގެން އުޅޭށެވެ.

ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކައިރިވެގެން އައިއިރު ވެރިކަމަށް މީހުން ކުރިމަތިލާން ފެށުމުން ކޮންމެވެސް މީހަކު މިކަލޭގެ ގާތު ” ކަލޭވެސް ނިކަން ކުރިމަތި ލާބަލާށޭ ، ހޮވިދާނެކަން ނޭނގޭ ނޫންހޭ ” ބުނުމުން މީނާވެސް ކުރިމަތިލިއެވެ. ވީވަރަކީ ފޯއްވަޅި ގެއްލި ފޯއްކިބަ ގެއްލި ފޯއްއެޅި ތަބައްވެސް ވީނުވީތަނެއް ނޭނގި ގެއްލުނީއެވެ. އިލެކްޝަންއަށް ދެއްކި ލާރިކޮޅުވެސް ނުލިބި ހަފުސްވީއެވެ. މިކަމާ ރުޅިއެރީ އިސްލާހީ މަސައްކަތުގައި އުޅުނު މީހުންދެކެއެވެ. އަދި ހީކުރީ ކުރީގެ މުސްކުޅި ކެޔޮޅު ކަލޭގެއަށް އަދިވެސް ވެރިކަން ލިބޭނެ ކަމަށެވެ. މިހެން ހިތައި ޅޮސްއުނދޯލީގައި މިކަލޭގެ އިންދައި ބިންދައިގެން އިނދަ ޖެހުމުން އަނެއްކާވެސް ” އާނދޮގޭއޭ ” ބުނެ ތެދުވެ ފިނދު މަސްގަނޑުގައި ހުރިވެލި ފޮޅާލައިގެން ދެންނުކުތީ ރައްޔިތުންގެ މަޖީލުގެ ގޮނޑިއެއް ލިބޭތޯއެވެ. އަވަށްޓެރި ކުދިންކޮޅާ ވާދަކޮށް އެންމެ ފަހަތު ސަފުންވެސް ޖާގަނުލިބުނެވެ. ކުރީގައި މާމޮޅަކަށް ވަށިގަނޑު ބޯޅަ ކުޅެވުނޭ ހީކޮށް ފުމެފުމެ ހަލާކުވީއިރުވެސް ކުރީސަފުގައި ތިބިމީހުން ކުރާނުކުރާ ކަމެއް ނޭނގުނެވެ. އެންމެފަހުން ދެމީދާފަހި ބުޅަލަށް ވީވަރުވެ ދިޔައީއެވެ.

މިފަހަރު ރުޅިގަނޑު ބާލާލީ އަމިއްލަ ޕާޓޭން ކަމުގައި ބަލައިގެން އުޅުނު މީހުންނަށެވެ. ކުޑައޮޑި ފައްތާލައި ބޮޑުއޮޑިޔަށް އަރަނީއޭ ގޮވައި ފަންރިޔާނެގި ބާއޮޑިއަކަށް އަރައި ތެޅިފޮޅިގަތް ބޮނޑީގައި އެއޮޑި ފެންކަށްވާލައި ދެންމެ ދެންމެ ބަންޑުން ޖަހާލަފާނެހެން ހީވުމުން އެއޮޑި ދޫކޮށް ދުވަހަކު ރުކެއްގައި ނުހުންނަ ކުލައެއް ކަމުގައިވާ އަސުރުމަލު ކުލައިގައި ފާޑެއްގެ ބައްޔެއް ޖެހި ސަލާމަތް ނުވެފައިހުރި ރުކެއްގެ ކުރިއަށް އަރައި ފައްލަންބެހެން ވެޑުވިގެންފިއެވެ. ނަސީބަކުން ކުރީގައި ސަލާމަތުން ހުރިއިރު އެރުކުގައި ނުކުމެފައިވާ މަތިވަރު މުޅީން ހުސްނުވެ ހުރީތީވެ ދެންވާ މަރުވަންދެންވެސް ބޮންތީގައި ބައްދާލައިގެން އޮންނާނެ ކަމުގައި ހުވާކޮށްގެން އެއޮތީއެވެ.

މިހެން އޮންނައިރު ރުށްދަށުން އެހިނގާ މީހުންގެ އަބުއިކަމާ ކުޅަދާނަކަން ފެނި ހިތައް އެއަރާ އެއްޗެތީގެ ގިނަކަމުން ހިތްދަތިވެ މިކަލޭގެ އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ މޮޔަވަމުންނެވެ. ރުކުގެ ފަންކޮޅުގެ ޟަޢީފުކަމާއިހުރެ މެންދުރު ގަޑީގައި ވާހޫނުން ތަލަފިހުނެއް ކަމަކު ދެން އެރުކުން ފައިބައިފިނަމަ އެހެންވެސް އޮވެލާނެ އެހެން އެއްޗެއް ނެތްކަން ޔަގީންވާތީވެ ދޭހާ އަތްވެއްގައި ، ވެހޭހާ ވާރެއެއްގައި ވާލެއްހެން އެލިގެން އެއޮންނަނީއެވެ. ކުރާނެކަމެއް ނެތެވެ. މިއަދަކުދެން އިތުރު ގޮތެއްވެސް ނެތިއްޔާއެވެ. ރުކުގެ ވެރިމީހާއީ އުމުރުން ދުވަސްވެ އަބަހައްދަވެ އުޑުނުފެންނަ މިންވަރަށް އަސުރުން އިރުތިރިވެފައިވާ މީހެއްކަމުން ކުރީން ކިތަންމެ ޖައްބާރަސް މިހާރަކު ރުކުކުރިގަނޑުގެ ހާލަތުވެސް ބަލާލަން އިސްއުފުލާލެވޭ ވަރުނުވެ ފައިވާ މީހެއް ކަމުން އެސޮރު ރުކުތެރޭގައި އެލިގެން އެއޮންނަ ހާލެއް ރުކުވެރި މީހާއަކަށްވެސް ނޭނގެއެވެ. ހީކުރަނީ ހަމަ ތިމަންނަގެ ރުކުގެ މަތިވަރު އަދިވެސް ރަނގަޅު ކަމުގައެވެ. ކުރުނބާ ގަބުޅި ކާށިވެސް ހުސްނުވެ ހުރިކަމަށެވެ. ވަރުނުލާ ގަންނަ ކަމުގައެވެ.

ކޮންމެއަކަސް މިކަލޭގެ މިހެން އޮވެގެން ގައިގައި ވަރުޖެއްސޭތޯ ކުރާހާވެސް ކަމަކީ ހަރުހެން ހީވާ އިހަލުން ބަލައިގެން ކަނީއެވެ. ދަތުންވީދާ ހެހެގެން ރުކުގައިއޮވެގެން ބަނޑުފުރާން މުއްތި ކުރެވޭތޯ ބަލަނީއެވެ. ހައިވާވަރުން އެކަތިން ނުފުދުނިއްޔާ އަނެކަތިވެސް ކައިގެން ރެޔާދުވާލު އޭގެތެރޭގައި މަރުނުވެ އޮވެވޭތޯ ބަލަނީއެވެ.

އެއްދުވަހުން އަނެއްދުވަހަށް ހަރުއިހާތައް ހުސްވެ މިހާރަކުދެން އަނގަޔަށް ލުމަކުން މީރު ރަހައެއްދޭ ، ގޮހޮރަށް ލުމަކުން ބަނޑުފުރޭނެ ހަމަ އެކަތިވެސް ރުކަކު ނެތެވެ. މިހާރަކު ދެން އެރުކުން ފައިބާނެ ޖޯރެއްވެސް ހަށިގަނޑަކު ނެތެވެ. މީހަކު ރުށްދަށުން ކަރުކެހެލިޔަސް ބިރުން ފިލައެވެ. ދުވާލުދާ ހަތަރުދަމު ރުކުގައި ހަރުލައި އެއިން ދެތިން ފަނުގެ ތެރޭގައި ނިވާވެގެން އޮވެއޮވެފައި ބޭރަށް ބޯނެރެލަނީވެސް ރޭގަނޑު އެކަންޏެވެ. ތަންދޮރު ކުޑަވެގެން އުދުހޭ ވާލެއް ނޫނީ ބަނޑުހައި ކަމުން ކެއްނުވެގެން އެރުކަށް އަރާ މީދަލެއް ނޫނިއްޔަކާ ދެންމިހާރަކު ފޫހި ފިލުވާދޭން އެއްބައިވެލާނެ އެހެން އެއްޗެއްވެސް ނުފެނެއެވެ. މިހާލުގައިވެސް ރުކުކުރިން ދޫކޮށްލާ ހިތް ނުވެގެން ބާރަށް ބޮންތީގައި ބަށްދާލައި އިސްއުފުލާލައި ބަލާލާއިރު މާޅަނދޮޅުކޮށް ހެދި އުޑާވާހަކަ ގޮވާހިސާބަށް ހެދިފައި އެހެރަ ރުށްތަކުގެ ފުރިފައިވާ މަތިވަރު ފެނުމުން ހައްތަހާ އެވަނީ ކުޅުދިޔަލެވެ. ބަނޑުހައިކަން އިހުސާސްވާ ވަރު ހައްތަހާވަނީ އިތުރެވެ.

މިހާލުގައި އޮވެގެން ފަނަރަ ފޫޓެއްހާ މިރުކުން ފޭބުމަށް ތޭރަފޫޓުގެ ހަރުގަނޑެއް ދިއްކޮށްލަ ދޭށޭ ރޭގަނޑު ދަންވަރު ގޮވިޔަކަސް އެކަމަށް އިޖާބަދޭނެ މީހަކުވެސް ވަނީކީ ނޫނިއްޔާއެވެ. ތިންފޫޓަށް ސޮއްސާލެވޭނެހައި ހިއްވަރުވެސް މިހާރަކު ނެތެވެ. ހަރުގަނޑެއް ލައްކޮށްދިނީމައި ރުކުން ހަރުގަނޑުގެ ކޮޅާހަމަޔަށްވެސް ފޭބޭނީ އޭރުންތާއެވެ. އެކަމަކު ރުކުގައި އަޅާފައި ހުރި ކޫޑިތައް ކެއުމަށް އެރުކަށް އަރައި އެއުޅޭ ކަށިހިނި ފާޑުގެ ހިނިތަކެއް ގައިގެ އެތަންމިތަނުގައި ހަފާވަރުން ކެއްނުވެ ބަނޑުހައި ހޫނުކަމުގެ ދިލަޔާއެކުގައި ހަމަ އެލިގެން އެއޮންނަނީއެވެ. ފެނުނު މީހަކު ސަހަރޯވެރި ވާހާވެއެވެ.
އެކަމަކު އިންސާނެއް ވިއްޔާ ރަހުމުކުރާނެ ކޮންމެވެސް ބަޔަކު ތިބެންވާނެދޯއެވެ. ކޮންމެވެސް މީހަކު އެފަކީރަށް އެހީތެރިވެ ދީބަލާށެވެ. އެރުކުގައި މިހާރަކު މާގިނަދުވަހަކު ދިރިއޮންނާކަށް ކާލެވޭނެ ހަރު އެކައްޗެއްވެސް ނެތެވެ. ކިރިޔާވެސް އޮތްނަމަ އޮތީ ވަޅޯވެގެން ފަންވަޅެއްގެ ތެރެއަށް ވެއްޓިފައި އޮތް ދެތިން ގޮބޮޅިއެވެ. ދެންވެސް އަވަހަށް ދީވަލްޕާ ހެދިގެން ނޯވެ ރަންކޮޅާ ތިތަނުން ފޭބޭތޯ ބަލާބަލާށެވެ. އިސާހިތަކު އެހެންނޫނީ ވަރުހުސްވެ ރުށްބުޑަށް ވެއްޓި ގުދުބިންދައިގެން ހިނގައިދާނެއެވެ.