ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބިލެއް ހުށަހަޅައިފި

އިބްރާހީމް ރާމިޒް

supreme-court-400-x-300

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ހުށަހެޅި ބިލުގައިވާ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެންވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް ޢައްޔަންކުރެވޭ 4 ފަނޑިޔާރުންނާއެކު، ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށެވެ. އަދި މިގޮތުގެމަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މި މާއްދާއިން ކަނޑައެޅުމުން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އުވުނީ ކަމަށް ވެސް މި ބިލުގައިވެއެވެ.

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޢަދަދަށް ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކޮށް ނިންމަންވާނޭ ކަމަށް ވެސް މި ބިލުގައި ވެއެވެ.

އަދި ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސްފަނޑިޔާރާއި، އެކޯޓަށް ޢައްޔަންކުރެވޭ އިތުރު 6 ފަނޑިޔާރުންނާއެކު ޖުމްލަ 7 ފަނޑިޔާރުންގެ މައްޗަށް ކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ޢަދަދަށް ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކޮށް ނިންމަންވާނޭ ކަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ހުށަހެޅި ބިލުގައި ވެއެވެ.