ހެވީލޯޑް މޯލްޑިވްސްގެ ޕިކަޕެއްގެ ބިއްލޫރި ވެސް ތަޅާލައިފި

ރާއްޖެ ޓީވީގެ ޔާމީނަށް ވެސް ރޭ ވަނީ ހަމަލަދީފައި

އިބްރާހީމް ރާމިޒް

heavy-load-400-x-274

މާލޭގައި އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާތަކުގައި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ބިއްލޫރި ތެޅުމުގެ ސިލްސިލާގެ ދަށުން ރޭ، އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް މޯލްޑިވްސް ކުންފުނީގެ ޕިކަޕެއްގެ ބިއްލޫރި ވެސް ތަޅާލައިފިއެވެ.

ހެވީލޯޑް މޯލްޑިވްސްގެ ޕިކަޕްގެ ބިއްލޫރި ތަޅާލާފައިވަނީ ރޭ، އެ ޕިކަޕް އާންމުކޮށް ބައްވާ ހެންވޭރު ކޮޅު ކާނިވާ ސަރަހައްދުގައި ޕާކްކޮށްފައި އޮއްވައި ކަމަށް ހެވީލޯޑް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހެވީލޯޑް މޯލްޑިވްސްގެ ޕިކަޕްގެ ބިއްލޫރި ތަޅާލާފައި މިވަނީ އެމްޑީޕީގެ އިސްވެރިންނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ މިފަދަ ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެ ޕާޓީން އިއްޔެ ނޫސް ބަޔާނެއް ނެރެފައިވަނިކޮށެވެ.

އެ ނޫސް ބަޔާނުގައި، ވެރިކަމަށް ފެންބޮވައިގެންފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މިހާރު މާލޭގައި ކުރިޔަށް ގެންދާ ޣައިރު ޤާނޫނީ މުޒާހަރާތަކުގައި އެމްޑީޕީގެ މައި އޮފީހަށާއި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛް ޙަސަން ލަތީފްގެ ގެ ކޮޅަށާއި، އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ މުދަލަށާއި، އޭނާގެ ޢާއިލާގެ ބޭފުޅެއްގެ ގެއަށާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މުދަލަށް އިދިކޮޅު ފަރާތްތަކުން ދީފައިވާ ހަމަލަތައް ސިފަކޮށްފައިވަނީ، ދުރާލައި ރާވައިގެން ހިންގާފައިވާ ރަހުމްކުޑަ، އަނިޔާވެރި، ފިނޑި އަމަލުތަކެއްގެ ގޮތުގައެވެ.

އަދި، އެ ފަދަ ހަރުކަށި އަމަލުތައް ރާވައި ހިންގައި، އެފަދަ އަމަލުތަކަށް ފާޅުގައި ހިއްވަރުދޭ ފަރާތްތަކާއި، އެ ޢަމަލުތައް ހިންގަމުން ގެންދާ ފަރާތްތައް ހިފައި، ހައްޔަރުކޮށް ހަރުކަށި އަދަބު ދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އެމްޑީޕީގެ ނޫސް ބަޔާނުގައި ގޮވާލާފައިވެއެވެ.

ވެރިކަމުގެ ދަހިވެތި ކަމުގައި މާލޭގައި ހިންގާ ޣައިރު ގާނޫނީ މުޒާހަރާތަކުގެ ބައިވެރިން ރޭ ވެސް އެމްޑީޕީގެ އިސް މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހީމް އިސްމާޢީލް (އިބުރާ) ހިންގަވާ މަންދު ކޮލެޖާއި، ތިން ފިހާރަ އަކާއި ކެފޭއަކަށް ވެސް ވަނީ ގެއްލުންދީފައެވެ.

ރޭގެ ހަމަނުޖެހުމުގައި ރާއްޖެ ޓީވީގެ އެސިސްޓެންޓް އެޑިޓަރ ޔާމީން ރަޝީދަށް ވެސް ވަނީ ހަމަލަދީފައެވެ.