މެންބަރުންގެ ޚިޔާލު: ޔޫއެންގެ ޓީމާ ކުރިމަތިލައި ބޭޒާރުނުވެ ސަލާމަތްވާނެބާ!

ފުނަމާ

ދިވެހިރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް ދިވެހީން ފަށާފައިވާ ދަތުރުގައި ސަރުކާރަށް އެކިއެކި ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިކުރުވައިގެން މާޟީގެ އަނިޔާވެރިކަމުގެ ތެރެއަށް، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހި ކުރުމުގެ ހިޔަޅު ވިސްނުމުގައި އިދިކޮޅު ފަރާތްތަކުން ފަށައިގެން ކުރިއަށް މިގެންދާ ހަމަނުޖެހުން ތަކުގެ ސަބަބުން ބޭރުދުނިޔޭގައި މިތިބަ ދިވެހީންގެ އެކުވެރީންނަށްވެސް މިއަދު މިއޮތީ ލޮލުފިޔައެއް ޖަހާލުން ދަތިވެފައެވެ. މާލޭގެ މަސްރަހު މުޅީން ނާމާންކޮށް ނިންމާލައިފިއެވެ. އެންމެފަހުން އދ.ގެ ފެކްޓް ފައިންޑިންގ ޓީމްތަކުގެ އަމާޒުވެސް ރާއްޖެއަށް މިވަނީ ސީދާކުރެވިފައެވެ.
އިދިކޮޅު ފަރާތްތަކުން ގޮވަމުން އެގެންދަނީ މިސަރުކާރަކީ، ލާދީނީ، އަދި ދުނިޔެ ނުދެކޭވަރުގެ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައެވެ. ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ސަރުކާރެއް ކަމުގައެވެ. އަދި އެއްވެގަތޯ، ރަތްވެގަތޯގެ ތެރެއިން ސަރުކާރު ވެއްޓި އަލުން އާސަރުކާރެއް އުފަންކުރުވާ ނާއިބު ރައީސްއަށް ބައިއަތު ހިފައި ޑްރާމާ ކުޅޭތަންވެސް އެބަފެނެއެވެ. ގާނޫނެއް ގަވާއިދެއް ރައްޔިތުންގެ ހައްގެއް އެމީހުންގެ ދަހިވެތި އެދުންތަކުގެ ބިއްދޮށުންވެސް ދެކޭކަމަކަށް ނުވެއެވެ.

މިސަރުކާރު އައިސް ރައްޔިތުންނަށް އިޖުތިމާއީ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭން ފެށިހިސާބުން އިދިކޮޅު މީހުންގެ ސިހެންފަށައިފިއެވެ. ” ރައްޔިތުން ރަތަށް އަރަނީ، ހަނާވަނީ ” ފަދަ ތީމްތައް ހިފައިގެން ނުކުމެ ދުވަން ފެށިއެވެ. ހީކުރީ ރައްޔިތުން އޮޅުވާ، މާރުކޮށް، ދެދުވަހުން ސަރުކާރު ވައްޓާލެވޭނެ ކަމުގައެވެ. ނަމަވެސް ވީކަމެއް ނެތެވެ. ސަރުކާރަކުން އެކަމަކާ އާހަށް އަރައި ހަފުސްވާކަށް ބޭނުމެއް ނުވިއެވެ. ސަރުކާރުން ފަށާނެ ކަމުބުނާ ކޮންމެ މަޝްރޫޢެއް ނުހިންގޭނެ ކަމުގައި ގޮވަމުން ދުވުނު މީހުން ދޮގުފޮތްތައް ހަދައި ރައްޔިތުންގެ ގާތުގައި ދެއްކި ވާހަކަތައް ރައްޔިތުންވެސް ގަބޫލުކުރިކަމުގައި ދެންނެވިދާނެއެވެ.

މީގެ ކުރީން ރަށެއްގެ ބަނދަރު ހެދުމަށް ކަޑަޖަހައި ފަސްއަހަރުގެ ހަތަރުދައުރާ ހަދައުރު ނިމުނުއިރު ހަދާންނުފެށުނު ބަނދަރެއް އަލަށް އުފަންވި ސަރުކާރެއްގައި، އިދިކޮޅު މީހުން ބުނާހެން ތަޖުރިބާއެއް ނެތް ބަޔަކަށް އެންމެ އަހަރަކުން ހެދޭނެ ކަމުގައި ސަރުކާރުން ބުނާއިރު، ތިރީސް އަހަރުން ހާހެއްހާ ފުލެޓު ނޭޅިއޮށްވައި ދިހަހާސް ފުލެޓު އަޅާނެ ކަމުގައި ސަރުކާރުން ބުނާއިރު އެކަން ގަބޫލުކުރުމަކީ ދަތި ކަމަކަށްވެސް ވާނެތާއެވެ. އެހެންކަމުން ރައްޔިތުންވެސް ރައީސް ނަޝީދަށް އިދިކޮޅު ފަރާތްތަކުން އެދިން ” ފުލެޓު ދޮންބެގެ” ލަގަބު އެއީ މަލާމާތުގެ ހިނިތުންވުމަކުން ބަލައިގެން ކަމަކަށް ހަދާލަން މަޖުބޫރުވީއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ އިންތިޚާބުތަކުގައިވެސް ސަރުކާރަށް މާބޮޑު އިތުބާރެއް ނުދެވި ދޫކޮށްލީއެވެ.

މިއަދު ސަރުކާރުގެ ވައުދުތަށް ފުއްދުމުގެ ސްޕީޑު މެކުހަށް ޖަހައި މުޅިރާއްޖޭގެ ކަންކޮޅުތަކަށް ތަރައްގީގެ ކުލަވަރު އަމާޒުވެ ފެންނާން ފެށުމާއި، އިރުއަރައި އަލިވިލޭއިރުއޭ ބުނާހެން ބޮޑެތި ރަށްތައް ހިއްކާލުމާއި، ދެތިންމަހުން އެއާޕޯޓް އަޅައި ހައެއްކަހާސް ފުލެޓު ތިންއަހަރުން ކޮޅަށް ޖަހާތަން ފެނުމުން މިއަދު ރައްޔިތުން އެދަނީ އިންތިޚާބު ތަކުގައި ހެދުނުކޮސް ރަނގަޅު ކުރަމުންނެވެ. އަލުން ސަރުކާރަށް އޮތް ބޭނުން ބޮޑުކަމުގައި ދައްކައި ދެމުންނެވެ. ރަށެއްގެ ބަނދަރު ހަދަން ތިރީސްއަހަރުގެ މުއްދަތެއް ބޭނުން ނުވާކަމާއި، އެއާޕޯޓެއް އަޅާން ހައަހަރު ބޭނުން ނުވާކަން، މުޅިން އަލަށް ރަށެއް ހިއްކާން އަށް އަހަރު ބޭނުން ނުވާކަން ގަބޫލުކުރަމުންނެވެ. ނަތީޖާއަކީ މިސަރުކާރަށް ރައްޔިތުންގެ ތާއީދު ބޮޑުވުމެވެ.

ކުޅޭނެ ހުރިހައި ކުޅިޔެއް ހުސްވެ ބޮނދު ބެދުމާ، ޖަހާނެ މަންނައެއް، ކީއްކުރަން ހުކުމުގެ އެންމެ ގަނޑެއްވެސް އިދިކޮޅު މީހުންގެ އަތުގައި ނެތީމައި ދެން، މިޖެހުނީ އަގީދާއާއި ކުޅޭށެވެ. ބޮޑުތުނބުޅި ލައިގެން ވެރިކަމާއި، ފައިސާއަށް، ދުނިޔެ ރަންވެފައިތިބި ހައެއްކަ މީހުން ނެރެގެން ދީނޭ، ދީނޭ ގޮވައި މުޅިގައުމު ފަސާދަކުރާން ފެށީއެވެ. ޔަހޫދީންގެ ބޯޓޭ، ފަޅުރަށޭ، ވަޅުތެރޭ އޮތް ބޮކުގެ ބޮލޭ ގޮވަމުން ނުކުމެ ދުއްވައި ގަތީއެވެ. ބަޔަކަށް މިކަން ތެދުކުރެވި އެމީހުންގެ ފަހަތުން ދުއްވައިވެސް ގަނެވިއްޖެއެވެ. އެކަމަކު ދުވަހަކު އެބުނާ ބޯޓެއް ނުޖެއްސިއެވެ. އެބުނާ ފަޅުރަށްތަކެއްގައި ކާލިގަނޑު މިޔަރުގެ ދަތްޕިލާއެއްވެސް ހަރެއް ނުކުރެވުނެވެ. އުތުރު ކަރައިގެ އެކުވެރި އެންމެންނާ ދިމާލަށް ކޮންމެވެސް ބަޔަކު ލައްވައި ވަގަށްވެސް ގޮއްވައިފިއެވެ. އެމްޑީޕީގައި އެންމެ އިސްލާމަކުވެސް ނެތްކަމުގައި ގޮވައި އިސްތިހާރު ކުރަނީއެވެ. އަހަރެމެން މަރައި ސުންނާފަތި ކުރުމަށް އެތިބަގެން ކެތްމަދުވެ ތެޅިފޮޅެނީއެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި މިގޮތަށް ރޭރުވެގެން އިދިކޮޅު ބަޔަކު އުޅުނުކަމެއް ނޭނގެއެވެ.

އެންމެފަހުން ދުނިޔޭގެ ބާރުތަކުން އެކިއެކި ބަސްތައް ބުނަމުން ސަރުކާރަށް ތާއީދު އިތުރުވެ ދާންފެށުމުން ބޭރަށްދިޔަ ގުނބޯދޫދު ވެސް ރާޑިވެ ރާއްޖެއައިސް ހަރަށް ވަނީއެވެ. މިމީހުންގެ ދިފާއުގައި ޖުއްބާ ލައްވައިގެން ގެންގުޅުނު ކާފޫރު ދެޔޯގާޒީ ފުނޑި އަވަދިވީމައި ގޮތްހުސްވެ އެވެސް މަރޭ މިވެސް މަރޭ ގޮވަމުން މިއަދު އެއުޅޭ އިދިކޮޅު މީހުންގަނޑު ތެޅޭތެޅުން ފެނި ކޮންމެފަދަ އެއްޗެއް ކޮށިއަރައިގެން އުޅެނީ ކަމުގައިވެސް ލާނެއް މީހަކު ބުނެދާނެތާއެވެ.

އދ ގެ ވަފުދެއް ރާއްޖެ އަންނަ ވާހަކަ ހަމަ އިވުމުން އެއްކަލަ ބިއްލޫރި ތަޅަމުން މަގުމަތީގައި ދުވުނު ގުންޑާތައް ރަމަތަ އަރައިފިއެވެ. ކަނޑު ފެންނަ ހިސާބުގައި މަޑުވެ މައިތިރިވެލައިފިއެވެ. މިހާރު ރޮއެހޭރި އާދޭސްކުރަނީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ކައިރީގައެވެ. މަގުމައްޗަށް ނުކުމެ ރޮއެލަދޭށޭ ނަމަވެސް ބުނެއެވެ. އޭރުން އދ ގެ ވަފުދަށް މުޅިގައުމު މިއުޅެނީ ސަރުކާރާ ހުރެ ނުނިދިގެން ކަމުގައި ހީކުރެވިދާނެ ކަމަށް ހީކޮށްވެސް ތޯއްޗެކެވެ. އެކަމަކު އިއްޔެ އެހަށްދުވަހަކު އެ އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ރާއްޖޭގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެން އެކަމަނާ މިގައުމުން ބޭރުކުރާން، މިގައުމަށް މުސްލިމަކު މެނުވީ އަޔަނުދޭން ގޮވައި ހަޅޭއްލަވަމުން ދީން ހިމާޔަތް ކުރާށޭ ކިޔައިގެން ނުކުމެ ފެށި ކުޅިގަނޑުކަން އަދިވެސް މިކުޅެނީ އެއުރެންވެސް ދަންނާނެތާއެވެ. މިގައުމަށް އަންނަހާ ފަތުރުވެރީންގެ ތެރެއިން މުސްލިމުން ނޫން މީހުންނަށް ޒަމާނުއްސުރެ ވިއްކަމުން ގެންދިޔަ ބަނގުރަލާއި، އޫރުމަސް ވިއްކާލައި އެސިނާޢަތު ނައްތާލައި، މަސާޖު ޕާލާތަކަކީ ހަށިވިއްކާ ތަންތަން ކަމުގައި ގޮވީމައި ސަރުކާރުން އެއަޑު އަހައިގެން އެކަން ހުއްޓާލަން ގޮވީމައި، ދެންވެސް ބުނީ ގެރީގެ ބޮލޭއެވެ. މިވެރީންނަކަށް ހަމަ ހެޔޮ އެއްގޮތެއްވެސް ނެތެވެ. ހުރިހައި އެއްޗެތި ފަޅު ރަށަކަށްލައި އަމިއްލަ ވެރިކަމެއް ގާއިމު ކުރުމުގެ ފުރުސަތު ދޭންވީކަން ނޭނގެއެވެ. ގައިމުވެސް އެ އެއްވާ މީހުންކޮޅަށް އާދައިގެ ފަޅުރަށެއްގައި އުޅޭކަށް ދައްޗެއްވެސް ނުވާނެއެވެ. ކޮންމެސް މިކަހަލަ ވާހަކައެއް ދައްކައިގެން ނަމަވެސް އދ ގެ ޓީމާ ކުރިމަތިލައި ބޭޒާރުނުވެ ސަލާމަތް ވެވޭތޯ ބަލައްޗެވެ.