މެންބަރުންގެ ޚިޔާލު: ﷲ ދެއްވި ނިޢުމަތަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ކުފުރުވެ ދަންޖެހެމުން އެދަނީ ވެރިކަމާ ހުރެއެވެ!!

ފުނަމާ

ކަތީބުން ފޮށިމަތީގައި ބަނޑުއަޅުވައިގެން ގަދަކަމުން ހޯދި ބޮޑު އިންސައްތައިންނޭ ބުނެ ތިރީސް އަހަރުވަންދެން މިރާއްޖޭގައި ހިންގަމުން ގެންދިޔަ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމުގެ މަގުސަދުގައި ނުކުތް ބަޔަކާއެކު ބޮޑު މަހުޖަނު އެންމެ ފުރަތަމަ ސަފުގައި ނުކުތް ކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އެއިރު އޭނާ ބުނަމުން ގެންދިޔައީ އޭނާއަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އުޅޭމީހެއް ނޫންކަމަށެވެ. އޭނާއަށް ލިބިފައިވާ ތަނަވަސް ކަމުގެ ބޭނުންކޮށްގެން ނިކަމެތީންނަށް އެހީތެރިވަމުން ގެންދާ މީހެއް ކަމަށާއި ، އެއީހަމަ ﷲގެ ވަޖުހުފުޅަށް ޓަކައި ކުރާ ކަމެއް ކަމަށެވެ. އަދި އިސްލާހީ ހަރަކާތްތަކުގައި އޭނާ ބައިވެރިވީ ހަމައެކަނި މިގައުމަށް އަމަން އަމާންކަން ހޯދައިދީ މިގައުމުގެ ރައްޔިތުންނަށް އުފާފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމުގައެވެ. އެއްގޮތަކަށް ވެސް ބޮޑު މަގާމެއް ވެރިކަމެއް އޭނާ ބޭނުން ނުވާކަމުގައި ގެންދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

އެމްޑީޕީ އުފެއްދުމަށް ފުރަތަމަ ސޮއިކުރި މީހުންގެ ތެރޭގައި ސޮއިކޮށް އިސްލާހީ ހަރަކާތް ތަކުގައި ބައިވެރިވާން ފެށި ހިސާބުން އެއިރުގެ ސަރުކާރުން އޮބައިގަނެގެން ގެންގޮސް ހައްޔަރުކޮށް ބިރުދައްކާލުމުން ހުރިހައި ކަމެއް ދޫކޮށް ނެގުނު ކަތީބުގެ ކުރިމަތީގައި ސޯލިހު އަޅަކަށް ހެދިގެން އެސަރުކާރުގެ ވަޒީރުކަމުގެ ދަހިވެތި ކަމުގައި އިސްލާހީ ހަރަކާތް ތަކާ މުޅީން ދުރަށްގޮސް ދެން އުޅުނީ މޫނުމަތި އަޅައިގެންނެވެ. ސަރުކާރުގެ ކުރިމަތީގައި ސަރުކާރަށް ވަފާތެރި ، އިސްލާހީ ބައިވެރީންގެ ކުރިމަތީގައި އެމީހުންނަށް ވަފާތެރި މީހެއް ކަމުގައި ދައްކައިގެންނެވެ.

މާލީވަޒީރު ކަމުގައި ހުރެގެން އަމިއްލަ ވިޔަފާރި ކުރިއެރުމުމަށް ގިނަގުނަ ނާޖާއިޒު މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމުގައި ބުނާމީހުން މަދެއް ނޫނެވެ. އަދި މީނާގެ ފެންވަރު މީހުންނަށް ބޭޒާރުވާންފެށީ އިނގިރޭސި ސްޕީޗުތައް ތާނައިން ލިޔެގެން ބޮޑެތި ފޯރަމް ތަކުގައި އެކިޔާ ކޮށިއަޑުތައް ހާމަވާން ފެށުމުންނެވެ. ނަމަވެސް ދިވެހީންގެ ބަޔަކަށް ކިޔަވައި ދިނުމުގައާއި އެނޫންވެސް ގޮތްގޮތުން ލިﷲ އަށޭ ބުނެ ކޮށްދޭ މަސައްކަތްތަކުގެ ސަބަބުން މީހުންނަކު މާބޮޑަކަށް އޭނާއާއި އަޅައިގަނެގެން ނޫޅެއެވެ. ނަމަވެސް ވެރިކަމުގައި ހުރިމީހާގެ ކޮއްކޮއަކާއި، އަޅައިގަނެގެން ދެމީހުން ދެގެރިހެން ގެންދިޔައީ އަބަދުވެސް ތަޅާފޮޅަމުންނެވެ.

ގާނޫނުއަސާސީ އިސްލާހުކުރެވި ކޮންމެ މީހަކަށްވެސް ވެރިކަމަށް އާދެވިދާނެކަން ގާއިމުވުމުން ބޮޑުމަހުޖަނުގެ ސިކުނޑީގައި އޮތް ހިޔަޅު ރޭވުން ރައްޔިތުންނަށް ހާމަވާން ފެށިއެވެ. ވެރިކަމަށް ކުރިމަތިލައި އޭނާ މީހަކަށް ނިޔަފައްޗެއް ދީފައި އޮތަސް އެވާހަކަ ގޮވައި، ވެރިކަމަށް އަންނާން އުޅެންފެށުމުން ކުރީގައި އޭނާއަކީ މަސީހެއް ކަމުގައި ދުށްމީހުން ވެސް ނުރުހުންތެރިވެ ރިޔާސީ އިންތިޚާބުގައި ނުކުމެ ފެއިލްވެގެން ދިޔައީ އެންމެ ފަހަތުން ވަނައެއް ލިބިގެންނެވެ. ރައްޔިތުން ބަލައި ނުގަތީއެވެ.

މިހިސާބުން ކުރީގެ ވެރިމީހާއާއި އޭނާގެ ކޮއްކޮގެ ބާރުވެރިކަމެއް ހިނގާ ސަރުކާރެއް އަތުވެއްޖެނަމަ ތިމާގެ ހަންވެސް ބާލާނެކަން އެނގޭތީވެ އެކިފޯރަމް ތަކުގައި މިވާހަކަ ގޮވައި އާދޭސްކޮށް ތިމަންނާގެ ފުރާނަ ސަލާމަތްކޮށްދޭން ބޭނުންނަމަވެސް އެމްޑީޕީއަށް ވެރިކަން ހޯދައިދޭށޭ ގޮވަމުން ދުވުނީއެވެ. ބައެއް މީހުން އެބުނާގޮތަށް ނާޖާއިޒު ގޮތުގައި އެއްކުރި މުދާގަނޑުން މިންވަރެއްވެސް ގެންދިޔައީ ޚަރަދު ކުރަމުންނެވެ. ފަހުން އެނގުނު ގޮތުގައި އެކަންކުރީވެސް ވެރިކަން ލިބުމުން އެވެރިކަމުގެ ބައިކުޅަ ބައެއް އޭނާއަށް ވާރުތައިން ދިނުން ޝަރުތު ކޮށެވެ.
ވެރިކަން ބަދަލުވުމާއެކު އޭނާއަށް މިސަރުކާރުން އިންތިހާ ބޮޑުމަގާމެއް ދީފައި ބޭންދުމަކުން މީނާގެ ހިތްފުރުނު ކަމަކަށެއް ނުވިއެވެ. އެހެންކަމުން އެންމެ އެކާވީސް ދުވަސް ހަމަވީއިރަށް ސަރުކާރުން ނުކުމެ ވެރިކަން ބަދަލުކުރުމަށް އަމަލީގޮތުން މަސައްކަތް ފަށައިގަތީއެވެ. އަމިއްލައަށް އުފައްދައިގެން އުޅޭ ޕާޓީގެ މެންބަރުންގެ އަދަދުގެ މަދުކަމުން އެހެން އިދިކޮޅު
ޕާޓީތަކަށް ފައިސާގެ ނުފޫޒު ހިންގައިގެން ބައިކޮޅު ގަދަކުރާން މަސައްކަތް ފަށައިގަތީއެވެ.

ކުރިއެއްވެސް މަސައްކަތެއް ކާމިޔާބުނުވެ ދާންފެށުމުން އެންމެފަހުން ބޮޑުޚަރަދު ކޮށްގެން ޕާޓޭންނާއި އެފެންވަރުގެ މީހުން ދީނީ އިލްމު ވެރީންކަމުގެ ބްރޭންޑުގައި ނެރެގެން ކޮންމެ ގޮތަކުންވެސް މިސަރުކާރު ވައްޓާލުމަށް އެގެންދަނީ ރެޔާދުވާލު ނުނިދައި މަސައްކަތް ކުރަމުންނެވެ. މަރުދެމުންނެވެ. މިކަމުގައި އެކުގައި ބައިވެރިވި މީހުން އެކުވެ އެކައްޗެއް ކިޔުމުގެ ކުރީން މިހާރުއެވަނީ ވެރިކަމަށް ކުރިމަތިލާނެކަން ވެސް ހާމަކޮށް އިއުލާނު ކޮށްފައެވެ. އިސްލާމްދީނުގެ ހިމާޔަތޭ ޝަރުޢީދާއިރާގެ ހިމާޔަތުގަޔޭ ބުނެނުކުމެ މިކުރާ ހުރިހައި މަސައްކަތަކީ ފިސާރި ވެރިކަމާ ދަހިވެތިވެގެން ދެލޮލަށް ނިދިނައިސްގެން ކުރަމުން ގެންދާ މަސައްކަތެއްކަން މިއަދު ދިވެހި އެންމެހައި ރައްޔިތުންނަށްވެސް އެނގި ހާމަވެއްޖެއެވެ. އަދި ފިތުނަވެރި އެއްވުންތަކުގައި އަރާހުރެ އެކަމަށް ބާރުދީ ދުލުން އެދައްކާ ގޮތްކުޑަ ވާހަކަތަކުން މީހާގެ ޖާހިލުކަމުގެ ފެންވަރު އެދަނީ އެއްދުވަހުން އަނެއް ދުވަހަށް ސާބިތުވަމުން ގާތްމީހުންވެސް ނަފުރަތު ވަމުންނެވެ. ބުއްދީގެ ގަމާރުކަމުގައި ހުރި މިއިންސާނާއަށް އެވަރުވެސް ނޭނގޭ ކަމީ ހިނިއަންނާން ޖެހޭކަމެކެވެ.

ރާ ވިއްކައިގެން ހޯދި ފައިސާއިން ޗެނަލެއް ހެދިފައި އޮތަތީވެ ރޭރުވެފައި ތިބި ދެތިން މީހަކު އެއަށް އަރުވައިގެން ރެޔާދުވާލު ތިމާޔަކީ މިގައުމުގެ ހުރިހައި ބާރުތަކެއްގެ އިތުރުން މުޅިކައުނުގެ ބާރުތައްވެސް މިލްކު ވެގެންވާ މީހެއްކަމުގައި އިސްތިހާރު ކުރާން އުޅުނަކަސް ގިނަމީހުންނަކު އެކަމެއް ގަބޫލެއް ނުކުރެއެވެ. ދިއްކޮށްލާ ދެތިން ނޫޓުބޮނޑިން އަމިއްލަ ޕާޓީއަށް ވަންނަ މީހުންކޮޅު ފެންނަނީ ރޭވެފަ އަލިވިލޭއިރު ޕާޓީދޫކޮށް ދާތަނެވެ. މިކަމުގެ ސިއްރަކީ އޭނާގެ ދުލުގެ ނުބައިކަމާއި ދަހިވެތި އެދުމާއި ފާހިޝް އަމަލުތައް ކަމުގައި ގިނަބަޔަކު ގެންދަނީ ބުނަމުންނެވެ. މާލޭ ތެރޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހިންގުވުމާއި ފަސާދައިގެ ހުރިހައި ކަމެއްގެ މުލުގައި ހުންނަނީ މިކަލޭގެކަން އެނގުމުން އެގޮތަށް އެގެންދާ މީހުން އަވަހަށް ލިބުނު
ލާރިކޮޅައިގެން ފިލައި ބަޗައިގެން ދަނީކަމުގައި ބުނެވެއެވެ.

މިސުރުގެ ސަހަރާތަކުގެ ތެރެއިން ސުމާރެއް ނެތްވަރުގެ މުއްސަނދިކަން ދެއްވި ގާރޫނު ފަދައިން ޅަދުވަސް ފަޅުރަށެއްގައި ގެންގުޅުމަށްފަހު ފޮތިކޮޅެއް އަންދުވައިގެން މާލެގެނެސް ދަރުކޮޅު ކާށިކޮޅު ދީގެން ބޯހިޔާވަހިކަމެއް ހޯދައިގެން އުޅެ ކަންދިމާކުރި ގޮތުން ވެރިކަމުގެ ކޮއިލާ ގުޅުން ހިނގައި ބަސްކިޔޭ ހިސާބަކަށް ދެވުމުން ދުނިޔެއޮޅި، ތިމާޔަށް ﷲ ދެއްވާފައިވާ ނިއުމަތްތައް މަތީން ހަނދާންނެތި މިކަލޭގެ މިއަދު އެހެރަގެން ދަންޖެހެނީ ދިވެހިރާއްޖޭގެ ވެރިކަމާއެވެ. ބަޔަކު ހިނިނާންނަ ވަރުގެވެސް ކަމެއް ނޫނެއް ނޫންހެއްޔެވެ؟