ނޫސް ބަޔާން: އެމްޑީޕީގެ އިސް ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ރޭވުމުގެ ދެމުންގެންދާ ލާއިންސާނީ ހަމަލަތައް ކުށްވެރިކުރުން

mdp-logo-

އެމްޑީޕީގެ އިސް ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ރޭވުމުގެ ދެމުންގެންދާ ނާތަހުޒީބު، އަނިޔާވެރި، ލާއިންސާނީ ހަމަލަތައް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

އެ ގޮތުން ވެރިކަމަށް ފެންބޮވައިގެންފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މިހާރު މާލޭގައި ކުރިޔަށް ގެންދާ ޣައިރު ޤާނޫނީ މުޒާހަރާތަކުގައި މި ޕާޓީގެ މައި އޮފީހަށާއި، މި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛް ޙަސަން ލަތީފްގެ ގެ ކޮޅަށާއި، މި ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ މުދަލަށާއި، އޭނާގެ ޢާއިލާގެ ބޭފުޅެއްގެ ގެއަށާއި، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މުދަލަށް އިދިކޮޅު ފަރާތްތަކުން ދީފައިވާ ހަމަލަތަކަކީ ދުރާލައި ރާވައިގެން ހިންގާފައިވާ ރަހުމްކުޑަ، އަނިޔާވެރި، ފިނޑި އަމަލުތަކެކެވެ.

ސިޔާސީ ގޮތުން ފުންނާބު އުސް މިފަދަ ޝަޚްސިއްޔަތުތަކަށް ރަހުމްކުޑަ، ނާތަހުޒީބު ހަމަލާ ދިނުމަކީ ވަރަށް މަދުން ނޫނީ ބައިނަލް އަޤްވާމީ ދުނިޔޭގައި ވެސް ނުފެންނަ، ދަށު ދަރަޖައިގެ ކަމަކަށް ވީ ހިނދު، ރާއްޖެއިން މިފަދަ ނާތަހުޒީބު އަމަލުތައް ފެނުމަކީ މި ޕާޓީން ނުހަނު ލަދުވެތިވެ، ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އަދި މިފަދަ ހަރުކަށި އަމަލުތައް ރާވައި ހިންގައި، އެފަދަ އަމަލުތަކަށް ފާޅުގައި ހިއްވަރުދޭ ފަރާތްތަކާއި، އެ ޢަމަލުތައް ހިންގަމުން ގެންދާ ފަރާތްތައް ހިފައި، ހައްޔަރުކޮށް ހަރުކަށި އަދަބު ދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ.

އެމްޑީޕީން ދެކޭ ގޮތުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ގަސްދުގައި، ރާވައިގެން ހިންގަމުން މިގެންދާ ސިލްސިލާ ޖަރީމާތަކަކީ އެމްޑީޕީގެ އިސްވެރިންނާއި، އެ ޕާޓީގެ މެންބަރުން ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ފަށާފައިވާ އިންސާފުގެ ދަތުރަށް ހުރަސްއަޅައި އެބޭފުޅުންނަށް ބިރުދެއްކުމަށް ހިންގަމުން ގެންދާ ނާތަހުޒީބު، ފިނޑި ޢަމަލުތަކެކެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމާޒު ފަތްގަނޑަކަށް މިޑިއާ ހަދައި، މީޑިއާގެ އެކި ފަރާތްތަކަށް، ޚާއްސަކޮށް އެމްއެންބީސީ އާއި ރާއްޖެ ޓީވީގެ ޖާރނަލިސްޓުންނަށް ހަމަލަދެމުން ގެންދާކަން މި ޕާޓީން ހިތާމައާއި ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން އެމްއެންބީސީގެ 2 ޖާރނަލިސްޓަކަށް މީގެ ކުރީ ރެއެއްގައި ހަމަލަދީފައިވާ އިރު، ރޭގެ މުޒާހަރާ ގައި ރާއްޖެ ޓީވީ ގެ އެސިސްޓެންޓް އެޑިޓަރު މަރިޔަމް ދާނިޝް ނަޝީދަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު އިސްވެ ހުރެ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ވަނީ ހަމަލަދީފައެވެ. މިފަދަ ލާއިންސާނީ އަމަލުތަކަކީ މި ޕާޓީން ނުހަނު ކުށްވެރިކުރާ ޢަމަލުތަކެކެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޙީލަތްތެރި ރޭވުމުގެ ދަށުން މި ފަދަ ފިނޑި ޢަމަލުތައް، ފުލުފުލުން ތަކުރާރުކުރަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމްކޮށް، ފައްކާކުރުމަށް އެމްޑީޕީގެ ލޮބުވެތި މެންބަރުން ފަށާފައިވާ ބުރަ މަސައްކަތަށް، ކުޑަވެސް ލޮޅުމެއް، މަޑުޖެހުމެއް ނާންނާނޭ ކަމުގެ ފުރިހަމަ ޔަގީންކަން މި ޕާޓީގެ މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތިރައްޔިތުންނަށް އަރުވަމެވެ. އަދި ވަކިން ޚާއްސަކޮށް އިންސާފުގެ މަގަށް މި ޕާޓީން ފަށާފައިވާ ނާމާން، އުނދަގޫ ދަތުރުގައި، ކިތަންމެ ގަދަ ވަޔާއި ވިއްސާރަ ބޯމަތިވި ނަމަވެސް ވަރުބަލިވުމެއް، މަޑުޖެހުމެއްނެތި، މި ދަތުރު ފުރިހަމަކޮށް، އަމާން ބަނދަރަކަށް ވާސިލްކޮށްފައި މެނުވީ މި ދަތުރު، ހުއްޓާ ނުލާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

މިފަދަ ދަނޑިވަޅުތަކުގައި ވެސް، އިދިކޮޅު ފަރާތްތަކަށް ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާދައްކަވާ އާރުކާޓީންގެ ގޮތުގައި ދެމި ތިއްބަވައި، ފެބްރުއަރީ 17 ވަނަ ދުވަހު ބާއްވާ އިންސާފުގެ ދަތުރު ކާމިޔާބު ދަތުރަކަށް ހެއްދެވުމަށް އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނާއި، މި ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް