ރާއްޖޭގެ ވަރަށް މަޝްހޫރު މާލިމީއެއް ކަމަށްވާ އަޙްމަދު ފުޅު މާލިމީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ahmedfulhu-maalimy

ރާއްޖޭގެ ވަރަށް މަޝްހޫރު މާލިމީއެއް ކަމަށްވާ އަޙްމަދު ފުޅު މާލިމީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ޢާއިލާއަށް ހިތްވަރު ދެއްވިއެވެ. އަދި މާލިމީއެއްގެ ގޮތުން އަޙްމަދު ފުޅު މާލިމީ ރާއްޖެއަށް ކޮށްދެއްވި ޚިދްމަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަޙްމަދު ފުޅު މާލިމީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ހިތްޕުޅުގެ ކުއްލި އާލާސްކަންފުޅަކަށް ފަރުވާ ދެމުން ދަނިކޮށް، އިއްޔެ މެންދުރުފަހު 2.30 އެހާއިރު ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 78 އަހަރެވެ.

އަޙްމަދު ފުޅު މާލިމީއަކީ ރާއްޖޭގެ ވަރަށް ގިނަ އޮޑިފަހަރާއި ބޯޓުފަހަރުގެ މާލިމީކަން ކުރައްވާފައިވާ އަދި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ޚާއްޞަކޮށް އައްޑުއަތޮޅަށް އެކި ދަތުރުތައް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސްރީލަންކާއަށާއި އިންޑިޔާއަށް ދަތުރުކުރި ގިނަ ބޯޓް ފަހަރުގެ މާލިމީކަން ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު މާލިމީއެކެވެ. ޚާއްޞަކޮށް، ބޮޑު ނާކޮޅާއި އަދަރަންފަރުގައި މާލިމީއެއްގެ ގޮތުން އަޙްމަދުފުޅު ކުރެއްވި ޚިދްމަތްތައް ފާހަގަކުރެވެއެވެ.

އަޙްމަދު ފުޅު މާލިމީއަށް ލިބިވަޑައިގަތީ 10 ބޭފުޅުންނެވެ. މިހާރު ދުނިޔޭގައި ތިއްބެވީ 8 ބޭފުޅުންނެވެ. އެއީ، ފިރިހެން 6 ބޭފުޅުންނާއި އަންހެން 2 ބޭފުޅުންނެވެ.