އަލްހާންގެ ކާރަށާއި، އިލްޔާސް ލަބީބުގެ މަސްލަހަތު އޮންނަ މެގަޗިޕް ފިހާރައަށް ގެއްލުންދީފި

އިބްރާހީމް ރާމިޒް

މާލޭގައި ހަމަނުޖެހުން ހިންގައި ފުލުހުންނާއި ސިޔާސީ ފަރާތްތަކަށް ހަމަލަދެމުން ގެންދާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރޭ ހިންގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކާރަށް ހަމަލަދީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އިލްޔާސް ލަބީބުގެ މަސްލަހަތު އޮންނަ މެގަޗިޕަށް ރޭ ހަމަލަދީފިއެވެ.

އަލްހާން ފަހުމީގެ އަގުބޮޑު ބީއެމްޑަބްލިޔޫ ކާރު ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ފަރާތު ޕާކިން ޒޯނުގައި އޮއްވައި އެ ކާރަށް ހަމަލާދީފައިވަނީ ރޭ ދަންވަރުއެވެ. އެ ހަމަލާ ގައި ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައެވެ. މެގަޗިޕް ފިހާރައިގެ ބިއްލޫރި ގަނޑު ތަޅާލީ ރޭ މުޒާހަރާކުރަމުން ދިޔަ ވަގުތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލްހާން ފަހުމީގެ ކާރަށް ހަމަލަދީ، އެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ހިއްސާ އޮންނަ މެގަޗިޕް ފިހާރައިގެ ބިއްލޫރި ރޭ ތަޅާލިއިރު، މިދިޔަ ބުދަ ދުވަހުގެރޭ އެމްޑީޕީ އޮފީހުގެ ބިއްލޫރި ވެސް ވަނީ ތަޅާލާލާފައެވެ. އަދި ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަތީފާއި، އަލްހާން ފަހުމީގެ ކޮއްކޮ އަޒްބާން ފަހުމީގެ ގެއަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހަމަލަދީފައެވެ.

މާލޭގައި މިހާރު މަދު އަދަދެއްގެ ބަޔަކު ނިކުމެ ހިންގަމުން ގެންދާ މުޒާހަރާތަކުގައި އިދިކޮޅު ފަރާތްތަކުން ގޭންގްތައް ބައިވެރިކޮށް އާންމުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދެމުން ގެންދާ ކަމަށް އެމްޑީޕީގެ މެންބަރުން އަބަދުވެސް ތުހުމަތު ކުރަމުން ގެންދެއެވެ.

އެމްޑީޕީގެ އިސް ފަރާތްތަކަށް އަމާޒްކޮށް ދެމުން ގެންދާ ހަމަލަތައް އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.