ހަމަނުޖެހުން އުފައްދާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

radio-address-hep-450-x-270

ސިޔާސީ މަޤްޞަދުތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައި، މަދުބަޔަކު ތަންތަނަށް އެއްވެ، ވަރަށްގިނަ ރައްޔިތުންތަކަކަށް ގޯނާކޮށް، އުނދަގޫވާގޮތަށް ކަންކަން ކުރަމުން ގެންދާތީ، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވައި، މާލޭގެ އަމަންއަމާންކަން ހޯއްދަވައި ދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މާލޭގައި މިހާރު ރޭގަނޑު މަދުބަޔަކު ހިންގަމުންގެންދާ ހަމަނުޖެހުންތަކާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ހީނަރުވަމުންދާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރިކަމުގެ ތިންބާރު މިއަދު މިވަނީ ވަކިވެ، މިނިވަންވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ޢަދުލު އިންޞާފް ޤާއިމު ކުރުމުގެ ބާރު އަދިވެސް އޮތީ ވަކިގޮތަކަށް ސީދާ ރައްޔިތުންގެ ޙިއްޞާނުވާގޮތަށް، ހަމަ ކުރީގައިވެސް ބައްޓަންކޮށްފައިވާ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދައުލަތުގެ އެންމެ މުހިންމު އެއްބާރު އަދިވެސް މިއޮތީ ނުކުޅެދޭ ޙާލަތެއްގައި، މަދުބައެއްގެ ބާރާއި ނުފޫޒުގެ ދަށުގައި ކަމަށް ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން އެކަމާމެދު ވިސްނައި ފިކުރުކޮށް، ފިޔަވަޅު ނާޅާ ހުންނެވިދާނެ ވަރަށްވުރެ މާބޮޑު ޤައުމީ މައްސަލައެއް ކަމަށެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން މިކަމާމެދު ފިޔަވަޅު އަޅުއްވަން ފެށްޓެވުމާއެކު، މަދު ބައެއްގެ ޙީލަތްތެރި ރޭވުމެއްގެ ދަށުން މިއަދު މިވަނީ ރާއްޖޭގެ ވެރިކަމުގެ އަމާންކަން ގެއްލެން ފަށާފައި ކަމަށާއި، ރާއްޖޭގެ ރީތި ނަން ކިލަނބުވާން ފަށާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މިއަދުގެ ސަރުކާރުގެ އެންމެހާ ސިޔާސަތުތަކަކީ، ވަރަށް ސާފުކޮށް ލިޔެ، ޗާޕްކޮށް ޢާންމުކޮށްފައިވާ ސިޔާސަތުތަކެއް ކަމަށާއި، އެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ޤާބިލުކަން، އިދިކޮޅު ފަރާތްތަކަށް ލިބިފައިނުވާކަމީ، ހިތާމަ ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އެ ސިޔާސަތުތަކުން ސަރުކާރު ހިންގަވަން ފަށްޓަވައި، ނުހަނު ގިނަ މަންފާ ލިބެން ފެށުމުން، އެ ސިޔާސަތުތަކަށް އެއްވެސް ޢިލްމީ ބަރުދަނެއްނެތި، ފާޑުކިޔުމުގެ މާނައަކީ، ޙަޤީޤަތުގައިވެސް ވާދަވެރި ސިޔާސީ މަސްރަޙެއްގައި، ރާއްޖޭގެ މިއަދުގެ އިދިކޮޅު ޕާޓީތަކަށް މަސައްކަތް ކުރުމުގެ ޤާބިލްކަން ނެތްކަމުގެ ވަރަށްބޮޑު ހެތްކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިފަދަ މާޙައުލެއްގައި ޑިމޮކްރެޓިކް ވެރިކަމެއް ކުރާކަށް ފަސޭހައެއް ނުވާނެއެވެ. ހަރުދަނާ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުމުގެ މުހިންމުކަން، މިކަމުން އެނގި ދޭހަވެއެވެ.

ވޭތުވެދިޔަ ތިންއަހަރަކީ ދުނިޔޭގެ އިޤްތިޞާދު ވަރަށް ހީނަރުވެ، ގިނަ ބޮޑެތި ޤައުމުތަކެއްވެސް ދެކޮޅުނުޖެހިދިޔަ އަހަރުތަކެއް ކަމަށްވިޔަސް، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރާއްޖޭގެ ޙާލަތު އިރާދަކުރެއްވިއްޔާ، ދުވަހުން ދުވަހަށް، އަހަރުން އަހަރަށް މިދަނީ ރަނގަޅުވަމުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުގެ ނަތީޖާއަކީ މިއީ ކަމަށާއި، މިކަމުން ސަރުކާރަށް ޢާންމު ރައްޔިތުންގެ ތާއީދު އޮންނަ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޑިމޮކްރަސީގެ ހެޔޮނަފާ މިއަދު ދިވެހި ރައްޔިތުންނަށް ވާޞިލްވާކަމީ، ޝައްކެއްނެތް ކަމެއް ކަމަށާއި، ވަޢުދުތަކަކާއެކު ސަރުކާރާ ޙަވާލުވެވަޑައިގަންނަވާނެ ފުރްޞަތު ލިބިވަޑައިގަތީ، ޑިމޮކްރަސީގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ.

“ސީދާ ރައްޔިތުންގެ ބާރު ހިނގާ ސަރުކާރެއް އުފެދުނީ، ޑިމޮކްރަސީގެ ސަބަބުން. ދިވެހިރާއްޖޭގެ ތަރައްޤީގެ ދުވެލި މިހާ ބާރުވެ، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާވެ، ފުޅާވުމުގެ އަޞްލަކީވެސް ރައްޔިތުންގެ ވެރިކަން. ދައުލަތުގެ ފައިސާއިން މަދު މީސްކޮޅަކަށް ޚިދްމަތް ލިބި، ފައިދާވުމުގެ ބަދަލުގައި، އެންމެހާ ރައްޔިތުންނަށް، ޚިދްމަތާއި ފައިދާ ލިބޭ މަގު ފަހިވީވެސް، 2008 ގައި ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމެއް ފެށުމާ ގުޅިގެން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބް ނިންމަވާލެއްވީ، އަޅުގަނޑުމެންނަށް ލިބިފައިމިވާ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، ކޮންމެހެން ބޭނުންތެރި އެއްކަމަކީ، އިންޞާފްވެރި ހަމަހަމަ ފަނޑިޔާރުގެއެއް ރާއްޖޭގައި ޤާއިމް ކުރުން ކަމަށާއި، މި ފަނޑިޔާރުގެ ޤާއިމް ކުރެއްވުމަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މަސައްކަތް ކޮށްދެއްވާނެކަމީ ކަށަވަރު ކަމެއް ކަމުގައި ވިދާޅުވަމުންނެވެ.