ސަރުކާރު ވައްޓާލުމަށް ފަށާފައިވާ ޣައިރު ޤާނޫނީ މުޒާހަރާ އެމްޑީޕީ ހުޅުހެންވޭރު ދާއިރާއިން ވެސް ކުށްވެރިކޮށްފި

އިބްރާހީމް ރާމިޒް

hulhumale-220-x-165mdp-logo-150-x-157-158-x-165

ޤާނޫނީ ގޮތުން އުފެދިފައިވާ ދިވެހި ސަރުކާރު ވައްޓާލުމަށް ބައެއް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ ޣައިރު ޤާނޫނީ މުޒާހަރާތައް އެމްޑީޕީ ހުޅުހެންވޭރު ދާއިރާއިން ވެސް ކުށްވެރިކޮށްފިއެވެ.

ހުޅުހެންވޭރު ދާއިރާގެ ނޫސް ބަޔާނުގައި، މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ސަބަބުން މާލޭގެ ރައްޔިތުންނަށާއި، ދިވެހި ދައުލަތުގެ މުދަލަށް ލިބެމުންދާ ގެއްލުންތަކާއި، ވިޔަފާރިވެރިންނަށާއި، ސަލާމަތީ ބާރުތަކުގައި ޙަރަކާތްތެރިވަމުންދާ ދިވެހި ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި އަނިޔާތަކަށްޓަކައި ނުހަނު ހިތާމަކުރާ ކަމަށް ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭއްވި ގިނަ ޕާޓީ އެކުލެވޭ ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ދިވެހި ދައުލަތުގެ ވަލިއްޔުލް އަމްރު މުޙަންމަދު ނަޝީދުގެ ސަރުކާރުން މިވީ 3 އަހަރު ތެރޭގައި ހޯދާފައިވާ ތަރައްޤީއާއި، ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާ މަންޒަރުފެނި، ޝަރުއީ ނިޒާމް ޙިސާރުކޮށް ދީން ޙިމާޔަތްކުރުމުގެ ނަމުގައި ފެށި މުޒާހަރާ މިހާރުވަނީ ބަޣާވާތަކަށް ބަދަލުވެފައި ކަމަށް ވެސް މި ނޫސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތަށް ފުރިހަމައަށް ތާޢީދުކުރާ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރުން ވާނޭ ކަމަށް ވެސް މި ނޫސް ބަޔާނުގައި ވެއެވެ.

އެމްޑީޕީ ހުޅުހެންވޭރު ދާއިރާގެ ނޫސް ބަޔާން