ރައީސުލްޖުމްހޫރިއްޔާ، ހައްދުންމަތީ މާމެންދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައި މާމެންދޫ ސްކޫލަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ލ.މާމެންދުއަށް ވަޑައިގެން މާމެންދޫ ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މާމެންދޫގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މާމެންދޫގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ކައުންސިލުން އިސް ނަންގަވައިގެން ކުރެއްވެންހުރި ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްގެ މަޝްވަރާ ހޯއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާމެންދުއަށް ކުރެއްވި ދަތުރުފުޅުގައި، މާމެންދޫ ސްކޫލަށް ޒިޔާރަތް ކުރައްވައި، އެސްކޫލްގެ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނާވެސް ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ ނާރެހަކީ މަދަރުސާތައް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ފަސް މާއްދާއިން ފާސްވާ ކުދިންގެ ޢަދަދު އިތުރުކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މާމެންދޫ ސްކޫލްގެ ނަތީޖާ، މިދިޔަ އަހަރަށްވުރެ މިއަހަރު ރަނގަޅު ރަނގަޅުކުރުމަށްޓަކައި، ދަރިވަރުންނާއި ބެލެނިވެރިން އަމާޒެއް ކަނޑައަޅުއްވައި އެއަމާޒަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ މައިގަނޑު ތަޢުލީމީ ސިޔާސަތަކީ، ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރައްވައި ވަށާޖެހޭ ތަޢުލީމެއް ދަރިވަރުންނަށް ފޯރުއްވައިދެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކިޔެވުމުގެ އިތުރުން، އިތުރު ޙަރަކާތްތަކަކީވެސް ވަރަށް މުހިންމު ކަންކަން ކަމުގައި ވިދާޅުވެ، މާމެންދޫއަކީ ކުޅިވަރަށް ވަރަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި މާމެންދޫގައި ވޮލީކޯޓަކާއި ބާސްކެޓް ކޯޓެއް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.