ފެބްރުއަރީ 17 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ބޮޑު އެއްވުމުގެ ޙަރަކާތްތައް ފެށުން މިރޭ ލޯންޗްކުރާނެ

އިބްރާހީމް ރާމިޒް

corruptionaa-dhekolhu-muzaahara

ފެބްރުއަރީ 17 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ބޮޑު އެއްވުމުގެ ޙަރަކާތްތައް ފެށުން ލޯންޗްކުރުމަށް މިރޭ އެޕާޓީގެ މައި ހަރުގޭގައި ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ ގަރާރަށް ޢަމަލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް އަތޮޅުތަކުން ވެސް މާލެ އަންނަ ގޮތަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ވަކި ބައެއްގެ މުށުތެރޭގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ބޮޑު މުޒާހަރާއެއް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވީ އާދީއްތަ ދުވަހުއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ޔޫތު މިނިސްޓަރ ޙަސަން ލަތީފް ހުށަހަޅުއްވައި އެމްޑީޕީ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އަދި ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި ފޯރ އިންފްރާސްޓްރަކްޗަރ ސަރަނގު އާދަމް މަނިކު ތާޢީދު ކުރެއްވު މި ޤަރާރު ފާސްވެފައިވަނީ އެ ބައްދަލުވުމަށް ވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.