ނޫސް ބަޔާން: އެމްޑީޕީ އއ.ތޮއްޑޫ ދާއިރާގެ ނޫސް ބަޔާން

mdp-logo-150-x-157

ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ދިވެހިސަރުކާރުން ކުރަމުން ގެންދަވާ ބުރަމަސައްކަތް ހުއްޓުވުމަށް އިދިކޮޅުފަރާތްތަކުން މަސައްކަތްކުރަމުން ގެންދަނީ މިގައުމުގައި ކުރިން ވެރިކަންކުރި ހުދުމުޚްތާރު ވެރިޔާގެ ގިނަދުވަސްވީ ނާތަހުޒީބު ވެރިކަމުގައި ކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށް ކަމަށް މިދާއިރާގެ މެންބަރުން ދެކެއެވެ.

އަދިމިހާރުގެ ޤާނޫނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، މިގައުމުގައި ކުރިން ވެރިކަންކުރި ހުދުމުޚްތާރު ވެރިޔާގެ ދިގު އަނިޔާވެރި 30 އަހަރުގެ ވެރިކަމުގައި ލިބެންނެތް، އިންސާނީ އަސާސްތައް ލިއްބައިދީ، ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގެ އިތުރުން ވެރިކަމުގައި ހޭދަކުރެއްވި މަދު ދުވަސްކޮޅު ތެރޭގައި ރާއްޖޭގެ ރަށްތަކަށް ގެނުވި ތަރައްޤީގެ ބޮޑު މަންޒަރުތައް ފެނުންވީ، ވެރިކަން ބޭނުންވެގެން ނިކުމެތިބި އިދިކޮޅު ފަރާތްތަކުގެ ހިތްތައް ފުނޑުފުނޑުވެގެން ދިޔަ ކަމެއްކަމުގައެވެ.

ސުލްޙަވެރި މުޒާހަރާގެ ނަމުގައި ސަރުކާރާއިދިކޮޅު ފަރާތްތަކުން މާލެތެރޭގައި މިހާރު ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ސަރުކާރާއި ، އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުން ދެމުން ގެންދިއުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނު ތަކާއި، މާތްވެގެންވާ އިސްލާމްދީނުގެ ޝަރީޢަތުގައި އަންގަވާފައިވާ އިމުގެ ބޭރުން، އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ނޭއްގާނީ ޖަރީމާއެއްކަން ފާހަކޮށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ އެންމެހައި މެމްބަރުން އެކަންކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ޙާލު އެފަދަ ޖަރީމާތައް މިހިނދުން މިހިނދަށް ހުއްޓާލުމަށް ހަރުއަޑުން ގޮވާލަމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ސަރުކާރަކީ ލާދީނީ ބައެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން މިދާއިރާގެ އެންމެހައި މެމްބަރުން އެންމެ ހަރުކަށި ޢިބާރާތުން ތަކުރާރުކޮށް ކުށްވެރި ކުރަމެވެ. ސަރުކާރާއިމެދު ސާބިތު ނުހިފޭ ދޮގުވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ޤާނޫނީ ގޮތުން އުފެދިފައިމިވާ ސަރުކާރާއިމެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ފަރާތްތައްބަލައި، ހޯދާ އެފަދަ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޤައުމުގައިވާ ހަމަޖެހުން ނަގާލާ މިޤައުމުގައި ހަލުވިކަމާއި އެކު ކުރިޔައްދާ ތަރައްޤީގެ މަޝްރޫޢްތަކާއި، ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތަކުގެ ވާހަކަ އޮއްބާލުމަށް ފަތުރަމުންދާ އެއްވެސް ޙަޤީގަތެއްނެތް ވާހަކަ ތަކެއް ކަމަށް މިދާއިރާގެ މެމްބަރުން ޤަބޫލު ކުރަމެވެ.

ވީމާ، ދިވެހިދަޢުލަތުގެ ވަލީޢުލް އަމްރަށާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރަށާއި، ދިވެހި ފުލުހުންނަށް އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް ލީޑަރަށް ތޮއްޑޫ ދާއިރާގެއެންމެހައި މެމްބަރުން މިގޮވާލަނީ، ބައެއްއިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގައި މިހާރު ހިންގަމުންގެންދާ ހަމަނުޖެހުންތައް ހުއްޓުވައި، ޤައުމު އަމާންކަމުގެ މިސްރާބަށް ބަދަލުކުރައްވައި، ދިވެހިންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި، ނުތަނަވަސްކަން ނައްތާލައި، ދިވެހިރާއްޖޭއަކީ މިރާއްޖޭގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރައްވާ ފަރާތް ތަކަށް ވެސް އަމާންތަނަކަށް ހައްދަވައި ދެއްވުމެވެ. ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޣައިރުޤާނޫނީ ގޮތުން ވައްޓާލުމަށް ސިއްރާއި ފައުޅުގައި މަސައްކަތް ކޮށް މުޒާހަރާތަކުގައި ބައިވެރިވަމުންދާ އެންމެހައި ބައިވެރިން މިހިނދުން މިހިނދަށް ހުއްޓާލުމަށް ތޮއްޑޫ ދާއިރާ އަށް ނިސްބަތްވާ އެމްޑީ ޕީ ގެ ލޮބުވެތި މެންބަރުން ނާއި އަޅުގަނޑު ގޮވާލަމެވެ.

ނޫސް ބާޔާން ފޮނުވީ : އެމް.ޑީ.ޕީ އއ.ތޮއްޑޫ ދާއިރާގެ ފަރާތުން
އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ ރައިސް ހަސަން ޝިޔާން ( ގިޓާ )