ނޫސް ބަޔާން: އެމްޑީޕީ ފުވައްމުލަކު މެދު ދާއިރާގެ ނޫސް ބަޔާން

mdp-logo-150-x-157

ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމުގެ މަޤްޞަދުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަމުންގެންދާ މާރާމާރީއާއި ޓެރަރިޒަމްގެ ޙަރަކާތްތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފުވައްމުލަކު މެދު ދާއިރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ސުލްޙަވެރި މުޒާހަރާގެ ނަމުގައި މަގުމައްޗަށް ނިކުމެ އަލިފާން ބޯޅައާއި އަލިފާން ފްލޭއާ އާއި ޕެޓްރޯލް ފުޅިއާއި ޕޭމަންޓް ގާ ފަދަ ތަކެތިން ދިފާޢީ ބާރުތަކަށާއި، ޢާންމުންނާއި އަދި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުން ދެމުން ގެންދިޔުމަކީ އެއްވެސް ގޮތަކަށް އަޅުގަޑުމެން ޤަބޫލްކުރާ ކަންތައްތަކެއް ނޫނެވެ. އެފަދަ ޢަމަލްތަކުގެ ސަބަބުން ޢާންމު ރައްޔިތުންގެ ފުރާނައަށް ގެއްލުންވެ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާދަރަޖައަށް ވަނީ އުފެދިފައެވެ. އަދި ހަމަ އެފަދަ މަންޒަރުތައް ކުޑަކުދިންނަށް ފެނި އޭގެ ނުރަނގަޅު އަސަރު އެކުދިންނަށް ފޯރަމުން ދާކަމަކީވެސް ނުހަނު ހިތާމަ ހުރި ކަމެކެވެ.

ދިވެހިރާއްޖޭގައި މީގެ ކުރިން ކުރަމުން އައި 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަން ނިންމުމަށްފަހު، ދިވެހިރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ފާޅުގައި ގޮންޖަހައި ހުރަސް އެޅުމަށް މަސައްކަތް ނުކުރުމަށް އިދިކޮޅުފަރާތްތަކަށް ގޮވާލަމެވެ. ދިވެހިރާއްޖެއަށް މިގެނެވުނު ސިޔާސީ އިޞްލާޙުތަކުގެ ތެރެއިން މީގެ ކުރިން މި ދިވެހި ޤައުމު ތަޖުރިބާ ނުކުރާ އެތައްކަމެއް ދިވެހިން ގެންދަނީ ތަޖުރިބާ ކުރަމުންނެވެ. ހެޔޮވެރިކަމެއްގެ ތެރެއިން ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ރައްޔިތުންނަށްޓަކައި މިހާރު ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތްކަން އަޅުގަނޑުމެން ފާހަގަކުރަމެވެ. އަދި ޢަދުލު އިންސާފު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ކޭނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަޅުގަޑުމެންގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެ ވާހަކަ ދަންނަވަމެވެ.

ބަޔާން ނެރުނީ: ފުވައްމުލަކު މެދުދާއިރާގެ ސެކްރެޓްރިއޭޓް