މީހުންގެ މުދަލަށާއި ދައުލަތުގެ ތަންތަނަށް ގެއްލުންދީ ސިލްސިލާކޮށް މިހާރު މާލޭގައި ހިންގަމުންދާ ދަށުދަރަޖައިގެ ފިނޑި އަމަލްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން – ރ.ފައިނު ކައުންސިލް

fainu-400-x-191

ދިވެހި ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާއި ރައްޔިތުންނާއި މެދު ނަފުރަތު އުފެއްދުމަށް އިދިކޮޅު ބައެއް ފަރާތްތައް ގުޅިގެން ދައްކަމުން ގެންދާ ސާބިތު ނުހިފޭ ދޮގު ވާހަކަތަކާއި ވެރިކަމުގެ ދަހިވެތިކަމުގައި ސަރުކާރު ވައްޓާލަން ގޮވައި، މުޒާހަރާ ކުރުމަށް ކަމަށް ބުނެ މާލޭގެ އަމަން އަމާންކަން ނަގާލައި އަދި އާއްމުންނަށާއި، މީހުންގެ މުދަލަށާއި ދައުލަތުގެ ތަންތަނަށް ގެއްލުންދީ ސިލްސިލާކޮށް މިހާރު މާލެގައި ހިންގަމުންދާ ދަށުދަރަޖައިގެ ފިނޑި އަމަލްތައް ރ.ފައިނު ކައުންސިލުން ވެސް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.

ވޭތުވެދިޔަ ދިގު މާޒީގައި ރައްޔިތުންނަށް ނުލިބިވާ އެތައްގިނަ ހިދުމަތްތަކާއި އުމްރާނީ ތަރައްޤީ މި ސަރުކާރުގެ މި 3 އަހަރުގެ މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ލިބެންފެށުމުން އެކަން ހަޖަމް ނުކުރެވޭ، އަދި ރައްޔިތުންނަށް ހެވެއް ލިބުމަށް ދުވަހަކުވެސް ނޭދޭނެ މަދުބަޔަކު ކުރާ މިފަދަ ދަށު ދަރަޖައި އަމަލްތަކަކީ ދިވެހި އެއްވެސް ރައްޔިތަކު ބަލައި ގަންނަނާނެ ކަމެއް ނޫން ކަމަށް ފައިނު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައިވެއެވެ.

“ތިންބާރު ވަކިކުރެވިފައިވާ މި ޑިމޮކުރަސީގައި އަޅުގަނޑުމެންނަށް މިހާރު އެންމެ މުހިންމު ވެފައިވާ އެއްކަމަކީ އަދުލުވެރި އިންސާފުވެރި ފަނޑިޔާރު ގެތަކެއް އުފެދިގެން ދިއުމެވެ. އަދި ސުލޫކީ މައްސަލަތަކާއި ބަދުއަހުލާޤީ މައްސަލަތަކަށް ތުހުމަތު ކުރެވި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ފަނޑިޔާރުންގެ މައްސަލަތައް ބައްލަވައި، ޖުޑީޝަރީއާއި ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޝައްކުތަކާއި ވަހުމްތައް ފޮހެވި އިންސާފްވެރި ޝަރީއަތެއް ކޮށްދެއްވާނެ އަދި އިންސާފު ހޯދައިދޭނެ ފަނޑިޔާރުގެތަކެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ 3 ބާރަށްވެސް ގޮވާލަމެވެ.” ފައިނު ކައުންސިލްގެ ނޫސް ބަޔާނުގައިވެއެވެ.

މުޒާހަރާ ކުރުމަށްކަމަށްބުނެ މާލޭގެ މަގުތަކުގެ އަމާންކަން ނަގާލަން ނުކުމެ،ސަލާމަތީބާރުތަކާއި ދެކޮޅަށް ހަގުރާމަ އިޢުލާނުކޮށް އިސް ސަފުގައި އުޅޭ ގިނަ މޫނުތަކަކީ ކުރީގެ ސަރުކާރުގައި ހިޔާނާތާއި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ އަދި އެތައްބަޔަކަށް ލާއިންސާނީ އަނިޔާ ދީފައިވާ ބައެއްކަންވެސް ފާހަގަކުރެވޭ ކަމަށާއި، އެހެން ކަމުން އެފަދަ ފަސްބައި ހަޑިވެ ކިލަނބުވެފައިވާ ބައެއް ގޮވާ ގޮވެލިތަކަށް ހެއްލިގެން ބައިވެރިވަމުންދާ ފަރާތްތަކަށް އެފަދަ ބައެއްގެ ފަހަތުގައި މިޤައުމުގެ އަމާންކަން ނަގާލުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށް، އަދި މިހާރު އިދިކޮޅުފަރާތްތަކުން ހިންގަމުންގެންދާ ނާތަހުޒީބް އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.