އެމްޑީޕީ މައި އޮފީހުގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފި

އިބްރާހީމް ރާމިޒް

mdp-office-400-x-300

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މައި އޮފީހުގެ ބިއްލޫރިގަނޑު އަނެއްކާ ވެސް ތަޅާލައިފިއެވެ.

ސޯސަން މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހުގެ ބިއްލޫރިތަޅާލާފައިވަނީ ރޭ ދަންވަރު 1.30 އެހާކަންހާއިރުއެވެ. ބިއްލޫރިގަނޑު ތަޅާލާފައިވާކަން އެނގުނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު އެމްޑީޕީ ހަރުގެއަށް ގުޅައި އެ މަޢުލޫމާތު ދިނުމުންނެވެ.

“އަޅުގަނޑުމެން ހަރުގޭގަ ތިއްބާ އެމްޑީޕީ އޮފީސް ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅޭ މީހަކު ހަރުގެއިން މީހަކަށް ގުޅާފަ ބުނީ ބިއްލޫރިގަނޑު ތަޅާލާފަ އެބަހުއްޓޭ. ބުނީމަ އަޅުގަނޑުމެން އައި އިރު ފުލުހުން ވެސް، އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ތިބި އޮފީސް ކައިރީގައި. އޭރު 2 ޖަހަން އުޅޭނީ. ބޮޑަށް ބެލެވެނީ ވަރަށް ކައިރިން ގާބުރިއަކުން ޖަހައި ތަޅާލާފައިވާ ކަމަށް،” އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު މީގެ ކުރިން ވެސް ވަނީ ތަޅާލާފައެވެ. އެންދެރިމާގެ އިން އެއްލި ލަކުޑިބުރިއަކުން ޖެހި 17 އަހަރުގެ ކުއްޖަކު ޒަޚަމްވި ދުވަހުގެރެ އާއި ޖެހިގެން އައިރޭ ވެސް ޕޭވްމެންޓް ގަލަކުން ޖަހައި އެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައިވެއެވެ.

އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ރޭ ތަޅާލާފައި މިވަނީ ދަނޑިބުރިބުރި ހިފައިގެން ބަޔަކު ނިކުމެ ބިއްލޫރި ތެޅުމަކުން ސަރުކާރުން އެކަމަކާ އިޖާބައެއް ނުދޭނޭ ކަމަށް “ކޮޅުމަޑުލު ހައްދުންމަތި ތަރައްޤީގެ ކުލަވަރު”ގެ ނަމުގައި ރޭ ލ.ގަމުގައި ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައި ވަނިކޮށެވެ.

” މާލޭ މަގުމައްޗަށް، މާލޭ ވިޔަފާރިވެރިންނާއި މާލޭގެ ރައްޔިތުންނަށް އުނދަގޫކުރަން ނުކުންނަ ސަތޭކައެއްހާ މީހުންނަކުން، މި ސަރުކާރެއް ވެސް، މި ރައްޔިތުންނެއްވެސް ނުގުޑާނެ. ރައްޔިތުން އެއްވެ، ގިނަ ރައްޔިތުން އެއްވެ، ޚިޔާލުފާޅުކޮށް ހެދީމާ، ސަރުކާރު އެ ޚިޔާލު ބަލައިގަންނާނެ. އެކަމުގައި ޝައްކެއްނެތް. ދަނޑިބުރިބުރި ހިފައިގެން، ބާރުބާރަށް ދުއްވާފައި ގޮސް، ބިއްލޫރި ތެޅުމަކުންނެއް، ސަރުކާރު އެކަމަކާއެއް އިޖާބައެއް ނުދޭނެ.” ރޭގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.