ޓީ.ވީ ޗެނަލްތަކުގައި ހަމައެކަނި ހަމަނުޖެހުން އުފެއްދުމަށް ވާގިދެމުން ގެންދިޔައީމާ، ތަރައްޤީއަށް ބޭނުންވާ ފާޑުކިޔުމުގެ ބަސްތަކުގެ އަޑު ސަރުކާރަށް ނީވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފާޑުކިޔުމާއި ޚިޔާލުފާޅުކުރުމަކީ، ތަރައްޤީއަށްޓަކައި ބޭނުންވާ ކަންކަން ކަމަށާއި، އެހެން ނަމަވެސް، މިކަންކަން ދޫކޮށްލައި، 24 ގަޑިއިރު ޓީ.ވީ ޗެނަލްތަކުގައި ހަމައެކަނި ހަމަނުޖެހުން އުފެއްދުމަށް ވާގިދެމުން ގެންދިޔައިމާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީއަށް ބޭނުންވާ ފާޑުކިޔުމުގެ ބަސްތަކުގެ އަޑު ސަރުކާރަކަށް ނީވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލާއި ހައްދުންމަތީގައި ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު، ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ރޭ ހައްދުންމަތީ ގަމުގައި ބޭއްވި “ކޮޅުމަޑުލު، ހައްދުންމަތި – ތަރައްޤީގެ ކުލަވަރު” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެތައް ބިލިއަން ރުފިޔާއެއްގެ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުން ހިންގަވަމުން ގެންދަވާ ކަމަށާއި، މިކަމަށް ސަރުކާރުން ބޮޑު ޚަރަދުތަކެއް ކުރައްވަމުން ގެންދަވާއިރު، ވާދަވެރި ސިޔާސީ ޕާޓީތަކުން މިކަންކަން ބަލައި، ކަންކަން ކުރެވެމުންދަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށްތޯ ބުނެދޭ ފަހަރުފަހަރެއް ނުފެންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ރާއްޖޭގައި ތަރައްޤީ ކުރަން އަޅުގަނޑުމެން މިއެދޭ ޑިމޮކްރަސީއަކީ، ރަނގަޅު ވާދަވެރި ސިޔާސީ ޕާޓީތައް ޙަރަކާތްތެރިވެގެން، އެ ޕާޓީތަކުގެ ތަރައްޤީގެ މެނިފެސްޓޯތައް، ތަރައްޤީގެ ވިލަރެސް ކުރެވުނު ޕްލޭންތައް، ރައްޔިތުންނަށް ހުށަހެޅި، ރައްޔިތުންނަށް ރަނގަޅީ ކޮންގޮތެއްތޯ އަމިއްލައަށް ބަލައިގަނެވި، އޭގެތެރެއިން އެ ރައްޔިތުން އެދޭ ޕާޓީއަކަށް ވޯޓްދީ، އެ ޕާޓީއެއް 5 އަހަރު ދުވަސް ވަންދެން ސަރުކާރު ހިންގަމުން ގެންދިޔުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، އެމަނިކުފާނު ވިދާޅުވީ، ދެތިން އަހަރެއްވީމާ، ގެއްލުނު އެތީގެ ބޮޑުކަމުން، ލިބުނު ހިތާމައިގެ ފުންކަމުން، ދެން ނުކުމެ، އަލުން އަނބުރާ ވެރިކަމަށްޓަކައި އުޅޭ އުޅުމަކުންނެއް، ރާއްޖެއަށް މިލިބޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ ކަމުގައެވެ.

ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރެއް މަގުމައްޗަކުން ނުވެއްޓޭނެ ކަމަށާއި، އެކަން އެންމެ ބޮޑަށް ސާފުވާނެ އެއްބަޔަކީ އެމްޑީޕީ ކަމުގައި ވިދާޅުވަމުން، “މާލޭގެ މައްމައްޗަށް، މާލޭގެ ވިޔަފާރިވެރިންނަށާއި، މާލޭ ރައްޔިތުންނަށް އުނދަގޫ ކުރަން ނުކުންނަ ސަތޭކައެއްހާ މީހުންނަކަށް މި ސަރުކާރެއްވެސް، މި ރައްޔިތުންނެއްވެސް ނުގުޑާނެ.” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ގިނަ ރައްޔިތުން އެއްވެ، ޚިޔާލުފާޅުކޮށްހެދީމާ، ސަރުކާރުން އެ ޚިޔާލު ބަލައިގަންނާނެ ކަމަށާއި، ދަނޑިބުރިބުރި ހިފައިގެން، ބާރުބާރަށް ދުއްވާފައި ގޮސް ބިއްލޫރި ތެޅުމަކުންނެއް ސަރުކާރު އެކަމަކަށް އިޖާބައެއް ނުދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރަށް ލިބޭ އެއްޗެއް ރައްޔިތުންނަށް އަބަދުވެސް ޚަރަދު ކުރަމުން ގެންދިޔުން ކަމަށާއި، ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް، ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވަމުން ” ސަރުކާރުން ޢުމްރާނީ ތަރައްޤީއަށް ކުރައްވާ ޚަރަދުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިދިޔަ އަހަރު އެކަނި 1.6 ބިލިއަން ރުފިޔާ، ޢުމްރާނީ ތަރައްޤީއަށް ޚަރަދު ކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އައި ބަދަލުތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އެގޮތުން ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބެއް ބޭއްވި، އާ ރިޔާސަތެއް އެކުލަވާލެވި، އާ ރައްޔިތުންގެ މަޖިލީހެއް އެކުލަވާލެވި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް އިންތިޚާބު ކުރެވި، މިހުރިހާ ކަމެއްވަނީ ބަދަލުކުރެވިފައި ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، ފަނޑިޔާރުގޭގައި ބަދަލުވީ ކޮންކަމެއްތޯއާއި، ފަނޑިޔާރުންގެ ތެރެއިން ބަދަލުވީ ކޮންބޭފުޅުންނެއްތޯ އަދި ފަނޑިޔާރުގޭގައި ކަންކުރާ އުޞޫލަށް އައީ ކޮން ބަދަލެއްތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ. މި ރާއްޖޭގައި އިންޞާފް ޤާއިމްކުރެވޭގޮތްވުމަކީ، ރާއްޖޭގެ ރައްޔިތުންގެ އުންމީދެއް ކަމަށާއި، އެއީ މި ސަރުކާރުގެ ވަޢުދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރޭ ދެއްކެވި ވާހަކަފުޅުގައި، އިންޞާފްވެރި ފަނޑިޔާރުގެއެއް ގާއިމް ކުރައްވާފައި ނޫނީ، ކުރިއަށް އޮތް އިންތިޚާބަކަށް ނުދާނެ ކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ކުރިއަށް އޮތް އިންތިޚާބަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑެއް ނުދާނަން، އިންޞާފުވެރި ފަނޑިޔާރުގެއެއް ޤާއިމުކޮށްފައި ނޫނިއްޔާ،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީ އެންމެ ބޮޑަށް ގުޅިފައިވަނީ، އިންޞާފާ ކަމަށާއި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގާއިރު، ހިންގާން އަޅުގަނޑުމެން އެދެނީ، ޤާނޫނުގެ ވެރިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޤާނޫނުގެ ވެރިކަން ހިންގާއިރު، އެ ވެރިކަން ހިންގުމުގެ އަނެއް ނާރެހަކީ، ފަނޑިޔާރުގެ ކަމަށާއި، އެ ފަނޑިޔާރުގެ އަޅުގަނޑުމެންނަށް ރަނގަޅަށް ޤާއިމްކުރެވެން ޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.