ހައްދުންމަތީ ގަމުގައި ޢިމާރާތް ކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސްއެއް ކަމަށްވާ ‘ރެވެރީޒް ޑައިވިންގ ވިލެޖް’ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހުޅުއްވައިދެއްވައިފި

ހައްދުންމަތީ ގަމުގައި ޢިމާރާތް ކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސްއެއް ކަމުގައިވާ، ‘ރެވެރީޒް ޑައިވިންގ ވިލެޖް’ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ހަވީރު ހުޅުއްވައި ދެއްވައިފިއެވެ. ރެވެރީޒް ޑައިވިންގ ވިލެޖު ހިންގަވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ މައްޗަންގޮޅި ކަބީލާގޭ ޢަބްދުލް މަޖީދާއި، އޭނާގެ އަނބިކަނބަލުން، ކުންފުނީގެ ޑިރެކްޓަރ މައްޗަންގޮޅި މަނަސް ނީނާ މަންޞޫރެވެ.

މި ގެސްޓްހައުސް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓުއަރިޒަމްގެ ވިޔަފާރި ރާއްޖޭގެ ރަށްތަކަށް ތަޢާރުފް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުން، ރާއްޖެއަށް ލިބެން ހުރި ވަސީލަތްތަކުގެ ތެރެއިން މި ރާއްޖެއަށް އެންމެ ރަނގަޅު ނަފާއެއް ލިބޭ ވަސީލަތަކީ، މި ރާއްޖޭގެ ޤުދްރަތީ ރީތިކަން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، މިދެންނެވި ޤުދްރަތީ ވަސީލަތްތައް ބޭނުންކޮށްގެން، މިރާއްޖޭގެ މުއްސަނދިކަން، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މިހުޅުވޭ ހޮޓަލަކީ މިދެންނެވި މަސައްކަތުގެ ބައެއް ކަމުގައި ވިދާޅުވެ، ރާއްޖޭގެ މީހުންއުޅޭ ރަށްރަށަށް ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާކުރެވުމުން، ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެގޮތުން ލިބޭ އެންމެ ބޮޑު އެއްފައިދާއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވީ، މިކަމުގެ ސަބަބުން އިތުރުވާ ވަޒީފާގެ ފުރްޞަތުތަކެވެ. ހަމައެހެންމެ، މިފަދަ ޞިނާޢަތްތައް ރަށްރަށުގައި ތަޢާރުފްވެގެންދާއިރުގައި، ސަރުކާރުން މިރަށްރަށާ އަޅާލަންޖެހޭ މިންވަރު ކިތަންމެތާކުން ބޮޑުވެގެންދާނެ ކަމަށާއި، ފެނާއި ނަރުދަމާއާއި ރަނގަޅު މަގުތަކުގެ ޚިދްމަތްތައް ދިނުމަކީ، ސަރުކާރުން ކުރައްވަންޖެހޭނެ ކަންކަން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ..