ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީ ފޮނަދޫ ނަރުދަމާ ނިޒާމް މިއަދު ހަވީރު އިފްތިތާޙުކޮށްދެއްވައިފި

fonadhoo

ހައްދުންމަތީ ފޮނަދޫގައި ޤާއިމް ކުރެވުނު ނަރުދަމާ ނިޒާމް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ނަރުދަމާ ނިޒާމް އިފްތިތާޙުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިކަމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި، މިއީ ބޭރުގެ ލޯނެއްގެ އެހީގެ ދަށުން ހިންގެވި މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ލޯނު ނަންގަވަމުން ގެންދެވުމުގެ އެންމެބޮޑު ބޭނުމަކީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ކުރަންހުރި ކިތަންމެ ކަމެއް ހުރުމާއެކު، އެކަންކަން ކުރެއްވުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ޤައުމެއްގެ ޤައުމީ އުފެއްދުންތެރިކަމުގެ 50 ޕަސެންޓަށްވުރެ މައްޗަށް، އެއްވެސް ބައެއްގެ ދަރަނި ގެންދިޔުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދެކޭ ކަމަށާއި، ރާއްޖޭގެ ދަރަނީގެ މިންވަރަކީ، ޤައުމީ އުފެއްދުންތެރިކަމުގެ 40 އިންސައްތަ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓްގެ ދަރަނިވެސް އުފުލުމަށް، ސަރުކާރުން ނިންމެވީ، ރާއްޖޭގެ ރަށްރަށުގައި ކުރަންހުރި ކަންތައްތައް ގިނަވުމާއެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފޮނަދޫގެ ފެނުގެ ކަންތައްތައްވެސް ހަމަޖައްސަވައިދެއްވޭތޯ ސަރުކާރުން މިގެންދަވަނީ ބައްލަވަމުން ކަމަށާއި، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، ރަށުގެ ފެނުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ފޮނަދޫގެ މަގާއި އަދި ތަރައްޤީއަށް ބޭނުންވާ ކިތަންމެ ކަމެއް، ސަރުކާރުން ވިލަރެސް ކުރައްވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފޮނަދޫ ނަރުދަމާ ނިޒާމް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުމަށްފަހު، ސައުތު ސެންޓްރަލް ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް އެމަނިކުފާނު ޒިޔާރަތް ކުރައްވައި، އެތާނގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.