އިބްރާހީމް ރާމިޒް
އެމްޑީޕީގެ “ބޮޑު މުޒާހަރާ” މި މަހުގެ 17 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ މައި އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 ވަނަ ބައްދަލުވުމުގައި މިދިޔަ އާދީއްތަ ދުވަހު ނިންމާފައިވާ ފަދައިން ރަށްރަށުން ވެސް މި މުޒާހަރާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އަންނާނޭ ކަމަށާއި، ސަރުކާރަށް ތާޢީދު އޮތް މިންވަރު ޖުޑީޝަރީ އަށާއި، ދައުލަތުގެ އެހެން ފަރާތްތަކަށް އެ ދުވަހު ހާމަކުރައްވާނޭ ކަމަށެވެ.
“އަޅުގަނޑުމެން މިކުރާ މަސައްކަތަށް ރައްޔިތުންގެ މެޖޯރިޓީ ތާއީދު އޮތް ކަން ވަރަށް ޔަގީން. އެހެންވީމަ 17 ފެބުރުއަރީ އަކީ އެ މަންޒަރު ހުރިހާ އިދިކޮޅު ފަރާތްތަކަށާއި ޖުޑިޝަރީގައި ތިއްބެވި ބޭފުޅުންނަށް ފޮޓޯއަކުން ދައްކާނެ ދުވަހެއް. އެހެންވީމާ އެ މަންޒަރު ބައްލަވަން ހުރިހާ ބޭފުޅުން ވެސް ތައްޔާރަށް ތިބުމަށް އަޅުގަނޑު އެދެން،” އަލްހާން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އަދިވެސް ބޭނުން ވަނީ 30 އަހަރު ވަންދެން ޝަރުއީ ދާއިރާ ވަކި ބައެއްގެ މުށުތެރޭގައި އޮތް ގޮތަށް އެ ދާއިރާ ހިންގުމަށް ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލްހާން ވިދާޅުވި އެވެ.
2013ގެ އިންތިޚާބާ އެމްޑީޕީން ކުރިމަތިލާނީ އަދުލުއިންސާފުގެ ދާއިރާ ފުރިހަމަ އަށް އިސްލާހުކުރުމަށް ފަހު ރައްޔިތުން އެދޭފަދަ އަދުލުވެރި ޝަރުއީ ދާއިރާއެއް ގާއިމްކޮށްފައި ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
” އަދި މި ފުރުސަތުގައި އުއްތަމަ ފަނޑިޔާރަށް މި ޕާޓީން ގޮވާލަން ބައެއް ފަނޑިޔާރުން ވެސް ފާހަގަކޮށްފައިވާ ގޮތަށް، މިހާރަށް ވުރެ ރަނގަޅަށް މަސްއޫލިއްޔަތުތައް އަދާކުރައްވައި ޖުޑިޝަރީ އިސްލާޙްކުރުމަށް ސަރުކާރާއި އެމްޑީޕީން ކުރާ މަސައްކަތަށް ސުޕްރީމް ކޯޓުގެ ވެސް ފަނޑިޔާރުންގެ ލަފަ އާއި އިރުޝާދު ބޭނުންވާ ކަމަށް،” މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަލްހާން ވިދާޅުވި އެވެ.
މީގެ އިތުރުން މަގުމަތީގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަން އުޅޭ ބަޣާވާތެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގަންނަވަން އުޅުއްވާ މަންޒަރު ދައްކަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި، އަދި އެކަމުން ރައްކާތެރިވެ ހުންނެވުމަށް އެމްޑީޕީގެ ފަރާތުން އަލްހާން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އިލްތިމާސްކުރައްވާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިމްތިޔާޒް (އިންތި) އާއި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރުގެ އިތުރުން އެ ގްރޫޕްގެ ވިޕް އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަމީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވާ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ދައްކަވާ އެއްވެސް ވާހަފުޅަކުން އެމްޑީޕީގެ މަސައްކަތަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާނޭ ކަމަށާއި، އެމްޑީޕީން އަދުލު އިންސާފްގެ ދާއިރާ މިނިވަންކުރުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ވެސް މިނިވަން މުޥައްސަސާތަކާ ބެހޭ ކޮމިޓީގައި އިއްޔެ ހިނގައިދިޔަ “ނަރުކެނޑި” މައްސަލައަށް ވެސް އެ ކޮމިޓީގެ ނައިބު މުޤައްރަރުކަން ވެސް ކުރައްވާ ސަމީރު އަލިއަޅުއްވައިލެއްވިއެވެ. ސަމީރު ވިދާޅުވީ މާއްދާ 27 ޙިމާޔަތްކުރާށޭ ކިޔާ ބަޔަކު މާއްދާ 27 ބްރޭކްކޮށްލައި، އެމްއެންބީސީގެ ކޭބަލް ބުރިކޮށްލާފައިވާ ކަމަށެވެ. އަދި އިއްޔެ މެދު ކަނޑާލަން ޖެހުނު އެ ކޮމިޓީގެ ބައްދަލުވުން ބޭއްވޭތޯ އެމްޑީޕީން ކުރާ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ނުދޭ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.