ނޫސް ބަޔާން: ދިވެހި ފުލުހުންނަށް ދެމުންދާ ލާއިންސާނީ ހަމަލަތައް އެމްޑީޕީން ކުށްވެރިކުރުން

ދިވެހި ފުލުހުންނަށް ދެމުންދާ ލާއިންސާނީ ހަމަލަތައް ކުށްވެރިކުރުން

mdp-logo-150-x-157

ދިވެހިރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތުން ރައްޔިތުންގެ ރުހުމާއި ތާޢީދާއެކު މިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން، ޚާއްސަކޮށް އެ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ފާޅުގައި ޤާނޫނީ އިމުން ބޭރުން ކުރަމުންދާ މުޒާހަރާތަކުގައި ދިވެހި ފުލުހުންނަށް ދެމުންގެންދާ ލާއިންސާނީ ފިނޑި ހަމަލާތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މިޕާޓީން ދެކޭގޮތުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ރާއްޖޭގައި ހެދިފައިވާ އާންމު ގަވާއިދުތަކާއި ޚިލާފަށް ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކަކީ މާލޭގެ އަމަންއަމާންކަން ނަގާލައި، ސަރުކާރާއި، އާންމު ރައްޔިތުންގެ ގެދޮރާއި، މުދަލަށް ގެއްލުންދީ، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ފުލުހުންނާއި ސަރުކާރާއި މެދު ނަފްރަތު އުފައްދައި، މާލެތެރެ ހަލަބޮލިކޮށް، ރާއްޖޭގެ އިޤްތިޞާދު ހީނަރުކޮށް، މި ގައުމުގެ ސުލްހަމަސަލަސްކަން ނަގާލުމަށް ގަސްދުގައި ހިންގާ ނާތަހުޒީބު އަމަލުތަކެކެވެ.

ރޭގެ މުޒާހާރާގައި ފުލުހެއްގެ ކަނދުރާމަތީގައި އަލިފާން ބޯޅައަކުން ޖަހައި، އޭނާގެ ކަރާއި ކަންފަތް ވެސް ފިއްސާލައި، އޭނާ ލައިގެން ހުރި ފުލުހުންގެ ކޮމްބެޓް ޔުނީފޯމުގެ ބައެއް އަންދާލައި، އޭނާ ގެންގުޅުނު ބައެއް ހަތިޔާރަށް ވެސް ގެއްލުން ލިބިފައިވާތީ އާއި، ރޭގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނާއި ދިމާއަށް އަލިފާން ބޯޅައިގެ އިތުރުން ގަލާއި ފެންފުޅި އަދި ބިސްފަދަ ތަކެތި އުކުމުގެ ސަބަބުން އިތުރު ދެ ފުލުހަކަށް އަނިޔާލިބި ހޮސްޕިޓަލުގައި އެޑެމިޓްކޮށް ފަރުވާ ދެމުންދާ ކަމުގެ ޚަބަރު އަޅުގަނޑުމެން އެހީ ނުހަނު ހިތާމައާއި އެކުގައެވެ.

ގައުމުގެ އަމަން ބަލަހައްޓާ ދިވެހި ފުލުހުންނާއި ކުރިމަތިލައި، މި ދަށުދަރަޖައިގެ ނޭއްގާނީ އަމަލުތައް ހިންގި ފަރާތްތަކާއި، އެ އަމަލުތައް ހިންގުމަށް ހިއްވަރުދިން ފަރާތްތަކާއި މެދު އަވަސް ތަޙްގީގެއް ހިންގައި، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއެޅުމަށް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ.

ޤާނޫނުގެ ތަރަހައިން ބޭރުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެޕާޓީތަކުގެ ބައެއް އާންމު މެންބަރުން ކުރަމުންދާ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަށް މިޕާޓީން މި ގޮވާލަނީ، މި ފަދަ ނޭއްގާނީ އަމަލުތައް ހިންގަމުންދާ މުޒާހަރާއެއްގެ އިސްސަފުގައި ރާއްޖޭގައި އަދާލަތު ގާއިމްކުރުމަށާއި، މާތްވެގެންވާ އިސްލާމް ދީނުގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީގެ އިސްވެރިން ތިއްބެވި ކަމީ، މި ޕާޓީން ނުހަނު ލަދުވެތިކަމާއި ހިތާމައާއި އެކު ފާހަގަކުރަމުންނެވެ.

ޒިންމާދާރު ކަމާއިއެކު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް މިޕާޓީން ކެނޑިނޭޅި ކުރަމުންދާ އިލްތިމާސް މިފުރުޞަތުގައި ތަކުރާރުކޮށް ހަނދާންކޮށްދޭ ހިނދު، ރާއްޖޭގެ ޝަރުޢީ ދާއިރާ މިނިވަން ކުރުމަށް މި ޕާޓީއާއި މި ޕާޓީއަށް ނިސްބަތްވާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް، ތާޢީދުކުރާ ފަރާތްތައް ހަލުވިކަމާއެކު ދުވަހުން ދުވަހަށް ގިނަވެ، އެ މަސައްކަތަށް އިތުރު އާރޯކަން އަންނަމުންދާކަން އުފަލާއެކު ފާހަގަކޮށް، ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ސަރުކާރުން ފަށާފައިވާ ޙިކުމަތްތެރި މަސައްކަތަށް އެއްބާރުލުންދެއްވަމުން ގެންދަވާ ފަރާތްތަކަށް މި ޕާޓީން ނިހާޔަތަށް ޝުކުރުދަންނަވަމެވެ.

މާތްﷲގެ ވާގިފުޅާއި އެކު، އަޅުގަނޑުމެންގެ ޕާޓީގެ ނިޝާން ކަމަށްވާ ތިލަފަތުން ރަމްޒުކޮށްދޭ، ހަމަހަމަ ކަމާއިއެކު އަދުލު އިންސާފް ގާއިމްކޮށްދޭ ޝަރުޢީ ނިޒާމެއް މި ދިވެހި ގައުމުގައި ގާއިމްކުރުމަށްފަހު މެނުވީ އަޅުގަނޑުމެން ފަށާފައިމިވާ ބުރަ އަދި އުނދަގޫ މަސައްކަތް ހުއްޓާނުލާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް