ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުން ކޮންމެހެން ބޭނުންތެރި ކަމަކަށްވަނީ ރާއްޖޭގެ ޤައުމިއްޔަތުގެ ސިފަތައް ފާހަގަކުރުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

kulhivaruge-gaumy-award-450-x-299

ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުން ކޮންމެހެން ބޭނުންތެރި ކަމަކަށްވަނީ ރާއްޖޭގެ ޤައުމިއްޔަތުގެ ސިފަތައް ފާހަގަކުރުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2011 ވަނަ އަހަރުގެ ކުޅިވަރުގެ ޤައުމީ އިނާމު ދެއްވުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަދަލުވަމުންދާ ދިވެހިރާއްޖެ، ބަދަލުވަމުން މިދަނީ، ރާއްޖޭގެ ޤައުމިއްޔަތުވެސް އަލުން އަނބުރާ ސިފަކުރުމަށް ކަމަށާއި، ރާއްޖޭގެ ޤައުމިއްޔަތު ސިފަކުރުމުގެ އެންމެބޮޑު ބާރެއް އަޅައިދޭ ޙަރަކާތަކީ، ކުޅިވަރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެއީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ވަރަށް ފުރިހަމަ ޙަޤީޤަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމެއް ތަރައްޤީވެ ދިޔުމަށްޓަކައި، އެ ޤައުމެއްގެ ޤައުމިއްޔަތުގެ ސިފަތައް ބިނާވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، އެ ޤައުމިއްޔަތަށްޓަކައި ހިންގެންހުރި އެންމެ މަޢުނަވީ އެއް މަސައްކަތަކީ، ޒުވާނުންގެ ޙަރަކާތްތަކުން އުފެދިގެން އަންނަ ފޯރިގަދަ މުބާރާތްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އުފާވެރިކަމާއި، ތަނަވަސްކަމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އަދި ހާސްކަމެއްނެތި އުޅޭ އުޅުމުގަޔާއި، މުނިފޫހިފިލުވުމުގަޔާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުޅިވަރު އަދާކުރާ ދައުރު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޒުވާނުންނަށް، ކުޅިވަރު ކުޅުމުގެ އެކިއެކި ފުރްޞަތުތައް ހޯއްދަވައިދެއްވުމަކީ، ކޮންމެ ސަރުކާރެއްގެވެސް، ދައުލަތެއްގެވެސް، މުއައްސަސާއެއްގެވެސް އެންމެބޮޑު އަމާޒު ކަމަށާއި، ކުޅިވަރަށްދޭ އަހަންމިއްޔަތާއި، ކުޅިވަރަށް ކުރާ ޚަރަދު އެއީ، އިސްރާފެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި، ކުޅިވަރަށް އެކަށީގެންވާ ޚަރަދުތަކެއް އިރާދަކުރެއްވިއްޔާ، ސަރުކާރުން ކުރައްވަމުން ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، 2012 ވަނަ އަހަރާއި، 2013 ވަނަ އަހަރާ، މި ދެއަހަރުގެ ތެރޭގައި ހަސަތޭކަ މިލިއަން ރުފިޔާ، ކުޅިވަރަށް ޚަރަދު ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ރަންމެޑެލް ހޯދާފައިވާ ފަރާތްތަކަށް އެވޯޑު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން އެހެނިހެން ވަނަތައް ހޯދާފައިވާ ފަރާތްތަކަށް އެވޯޑު ދެއްވީ، ކުޅިވަރުގެ ދާއިރާއިން އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.

ކުޅިވަރުގެ ޤައުމީ އިނާމާބެހޭ ތަޢާރުފާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައި ހުރި ޕްރޮގްރާމްތަކާބެހޭ މަޢްލޫމާތު ދެއްވީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފެވެ. މި ޖަލްސާގައި ޝުކުރު އަދާކުރެއްވީ، ޤައުމީ އަންހެން ޓޭބަލްޓެނިސް ޓީމްގެ ކެޕްޓަން މުޢީނާ މުޙަންމަދެވެ.