ޤައުމީ ތަނެއްގެ ގޮތުގައި އިސްލާމީ މަރްކަޒު ހަމަޖެއްސުމަށް ނިންމައިފި

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ސިޔާސަތަށް ޢަމަލު ކުރަން ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފައިފި

cabinet-450-x-299

ޤައުމީ ތަނެއްގެ ގޮތުގައި އިސްލާމީ މަރްކަޒު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ.

އިސްލާމީ މަރްކަޒަކީ ރާއްޖޭގައި ހުރި އެންމެބޮޑު މިސްކިތް ކަމަށްވެފައި، އެތަނަކީ ރާއްޖޭގެ އިސްލާމީވަންތަކަމާއި، ދީނީ ހައިބަވަންތަކަން ދައްކައިދޭ އެންމެބޮޑު ދީނީ މުހިންމު ބިނާ ކަމަށްވުމާއެކު، މި މަރްކަޒަކީ ޤައުމީ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ، ވަރަށް މުހިންމު ކަމެއްކަން، އިއްޔެގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ނަފްސާނީ ޞިއްޙަތުގެ ޤައުމީ ސިޔާސަތާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، އެ ސިޔާސަތަށް ޢަމަލު ކުރަން ފެށުމަށް ނިންމިއެވެ.

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ސިޔާސަތެއް އެކުލަވައިލެއްވުމުގެ އެންމެ މުހިންމު ބޭނުމަކީ، ނަފްސާނީ ބަލިމީހުން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ހިންގާ ޕްރޮގްރާމްތަކަކީ، ފަސޭހައިން މީހުންނަށް ލިބިގަނެވޭފަދަ ޕްރޮގްރާމްތަކަކަށް ހަދައި، މުޖްތަމަޢުގެ ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކުރިއެރުވުމުގައި، ލާމަރްކަޒީ އުޞޫލުން ޚިދްމަތް ފޯރުކޮށްދެއްވުމެވެ.

މި ސިޔާސަތުން ޙާޞިލްކުރަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މީހުންނަށް ފަސޭހައިން ޚިދްމަތް ހޯދޭ ގޮތެއްގެ މަތިން، ފެންވަރު ރަނގަޅު ނަފްސާނީ ޞިއްޙަތުގެ ޚިދްމަތް ލާމަރްކަޒީ ގޮތުން ފޯރުވައިދިނުމާއި، ނަފްސާނީ ޞިއްޙަތުގެ ދާއިރާއާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް އެކަށީގެންވާ މާލީ ވަސީލަތްތައް ކަށަވަރު ކުރުން ހިމެނެއެވެ. އަދި ނަފްސާނީ ޚިދްމަތްތަކުގެ ފެންވަރާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ހުރަސްތައް ދެނެގަތުމާއި، ދިރާސާ ކުރުމާއި، ފުރިހަމަ ނަފްސާނީ ޚިދްމަތްތަކެއް ލިބިދިނުމާއި، މި ޚިދްމަތްތައް ހޯދުމުގައި ދިމާވާ ހުރަސްތައް ނައްތާލުންވެސް ހިމެނެއެވެ.