އިދިކޮޅު ފަރާތްތަކުގެ ހަގީގީ މަޤްޞަދު ހާމަވެއްޖެ – ރީކޯ މޫސާ މަނިކު

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-11-01-2012-261

އިދިކޮޅު އިއްތިހާދުން ރޭ ދަންވަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ މައްސޫލިއްތާއި ޙަވާލުވެވަޑައިގަތުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށާއި، ދިވެހި ސިފައިންނާއި ފުލުހުން ވެސް ޑރ.ވަހީދަށް ބައިއަތު ހިފުމަށް ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް ގޮވާލެއްވުމުން، އިދިކޮޅު ފަރާތްތަކުގެ ހަގީގީ މަޤްޞަދު ހާމަވެފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

“ޑިސެމްބަރ 23 އިއްތިހާދުގެ ނަމުގައި ގޮތްހުސްވެފައިވާ ބަޔަކު ފެށި، މަގުމަތީގެ ޙަރަކާތްތައް ކޮޅެއްގައި ނުޖެހި، އެ ބަޣާވާތުގެ ހާލަތު ދަށްވަމުން ގޮސް، އެ ޙަރަކާތް ނިންމާލުމުގެ ދޮރެއް ހުޅުވުމުގެ ގޮތުން ރޭ ދަންވަރު ޑރ. ވަޙީދުގެ ގެކޮޅަށް ގޮސް އެމަނިކުފާނާއި ބައްދަލުކުރުމަށްފަހު، އެ ހިންގާފައިވާ ޖަރީމާއިން އެ މީހުންގެ އަސްލު މަޤްޞަދު ހާމަވެއްޖެ. ހަގީގީ މަޤްސަދަކީ ވެރިކަން. އެ ނޫން އެއްވެސް މަޤްސަދެއް ނެތް.” އެމްޑީޕީ ވެބްސައިޓަށް ދެއްވި އިންޓަވިއު އެއްގައި އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވިއެވެ.

ރޭގެ މި ޢަމަލުގެ ސަބަބުން ޖުޑީޝަރީ ޙިމާޔަތްކުރުމުގެ ނަމުގައި މާލޭގައި ކުރަމުންދާ މުޒާހަރާތަކުގައި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ގޮންޖަހައި، މާލޭގެ ރައްޔިތުން ނިދިޔަ ނުދީ، ކޮންމެ ރެއަކު އެއްގަޑިއެއްގައި ނިކުމެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ފަށާފައިވާ ޙަރަކާތަކީ ޚިޔާލުފާޅުކުރުމުގެ މިންގަނޑުތަކުން ބޭރުވެ ދައުލަތާއި ޤާނޫނީ ވެރިކަން ވައްޓާލުމަށް ހިންގާ ޣައިރު ޤާނޫނީ ޙަރަކާތެއްކަން އިތުރަށް ސާބިތުވެގެން ހިނގައްޖެ ކަމަށް މޫސަ ވިދާޅުވިއެވެ.

“ކަންމިހެން އޮތްއިރު ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށް ކަމަށް ޤާނޫނު އަސާސީގެ 112 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީ ނަމަވެސް، ރޭގަނޑެއްގެ ދަންވަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅުއްވާ ގެކޮޅަށް އިދިކޮޅު އިއްތިހާދުގެ މީހުން ވަނުމަށްފަހު ދައުލަތާއި އަމިއްލަ ވެރިކަން ފުނޑުފުނޑުކޮށްލުމަށް ބަޣާވާތެއް ކުރުމަށް ގޮވާލި ގޮވާލުން އެމްޑީޕީގެ ޗެއަރޕާސަންގެ ހައިސިއްޔަތުން އަޅުގަނޑު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އަދި މި އިއްތިހާދުން ރޭ ހިންގި ޣައިރު ޤާނޫނީ މުޒާހަރާގައި އަމިއްލަ ދިފާޢަށް ކަމަށް ބުނެ ލަކުޑިބުރިއާއި ދަނޑިބުރިތަކެއް މުޒާހަރާގެ ބައިވެރިންގެ އަތަށް އުމަރު ނަސީރު ދީފައިވާތީ ޓެރަރިޒަމަށް ހިއްވަރު ލިބޭފަދަ މި އަމަލު މޫސަ ކުށްވެރިކުރެއްވިއެވެ.

“ޑިސެމްބަރ 23 އިއްތިހާދުގެ ނަމުގައި ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ކުޅުއްވި ޑްރާމާއަކީ ދައުލަތުގެ ސަލާމަތީ ބާރުތަކަށް ގޮންޖަހައި، އެމީހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރެއް ކުރުމަށް ކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއް،” މޫސަ ވިދާޅުވިއެވެ. “ސިފައިންގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނާ ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާގެ ބާރުކަނޑުވާލުމަށް ސިފައިންނަށް ގޮވާލާފައި، ސިފައިންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ކަށަވަރުކުރާ ސިފައިންގެ އިމްތިޔާޒްތަކަށް އަރައިގަނެފައި، ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާއިން ސިފައިންނަށް ކަށަވަރުކޮށްދީފައިވާ ބާރު ނިގުޅައިގެންފައި، އަދި ހަމަ މިޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާފަދަ ބަޣާވާތަކަށް އެމީހުން (އިދިކޮޅު ފަރާތްތަކުން) ގޮވާލާފައިވާކަން ވަރަށް ރަގަޅަށް ސާބިތުވެއްޖެ ރޭގައި.”

ދައުލަތުގެ އަމަންއަމާންކަން ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންދާ ފުލުހުންގެ ގާނޫން ނަންބަރު 5/ 2008 ގެ ޤާނޫނުން ފުލުހުންނަށް ލިބިދޭ ބާރުތަކުގެ މައްޗަށް އަރައިގަތުމަށް ގޮވާލައި ޤާނޫނީ ދައުލަތާއި އިދިކޮޅަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މިގައުމުގެ ވަލިއްޔުލް އަމްރާ ދެކޮޅަށް، ފުލުހުން ނިކުތުމަށް ގޮވާލައި، ފުލުހުންގެ ޤާނޫނުގެ 15 ވަނަ މާއްދާއަށް ފުލުހުން ލިބޭ ބާރުތަކަށް އަރައިގަނެ، ފުލުހުންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ފުލުހުންނަށް ދީފައިވާ އެންމެހައި ބާރުތައް ފުލުހުންގެ ކިބައިން ނިގުޅައިގަނެ، ރައްޔިތުންގެ ކުރިމަތީގައި ފުލުހުން ނިކަމެތިކޮށްލައި، ފުލުހުންނަށް އަނިޔާކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

ފުލުހުންގެ ޤާނޫނުގެ (14) ވަނަ މާއްދާގައިވާ ގޮތުން ފުލުހުންގެ ދައުރުއަދާކުރުމުގައި އެއްވެސް ފުލުހަކު ކުރާ ޤާނޫނީ އަމުރަކަށް ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކައިފި މީހަކާމެދު، ފުލުހުންނަށް ލިބިދީފައިވާ ބާރާއި، އިޚްތިޔާރުގެ ބޭނުން ހިފުމުގައި، އެ ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކާމީހަކު، ކިޔަމަންތެރިވުމަށްޓަކައި އެ މަޤްޞަދު ޙާސިލްކުރެވޭނޭ އެންމެ އެކަށީގެންވާ ބާރު ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ.

މޫސަ އިތުރަށް ވިދާޅުވ ފުލުހުންގެ ޤާނޫނުގެ (14) ވަނަ މާއްދާ އިން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ތަޙްޤީޤްކުރުމަށްޓަކައި، ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ ޢަބްދުﷲ މުޙައްމަދު ވަނީ ފުލުހުންގެ ބާރު ކަނޑުވާލައި އެބޭފުޅާ ނިސްބަތްވާ ޖުޑީޝަރީގެ ތެރެއިން އަސްލެއް ނެތް ކޯޓުއަމުރުތައް ނެރެ، ޤާނޫނު އަސާސީގެ 6 ވަނަ ބާބުގެ ތެރެއިން މުޅި ދިވެހި އުއްމަތަށް ލިބިދީފައިވާ އަދުލު އިންސާފް ގާއިމްކުރުމުގައި ގާނޫނީ ބާރު ތަމްސީލްކުރައްވާ ފަރާތަކީ ޢަބްދުﷲ މުޙައްމަދު ކަމުގައި ދައްކާފައި ކަމަށެވެ. އަދި ވެރިކަމަށް ފެންބޮވައިގެންފައިވާ އިދިކޮޅު ފަރާތްތަކުން ދިވެހި ދައުލަތުގެ ޖިނާޢީ އަދުލުގެ ނިޒާމް ފުނޑުފުނޑުކޮށްލާފައި ވަނީ ކޯޓުތަކުގެ އިޙްތިސާސްތަކުގެ ބޭރުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް އިޙްތިރާމްކުރުމެއް ނެތި ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

” ދައުލަތުގެ އެންމެ ބާރުގަދަ އެއް މުޥައްސަސާ ކަމަށްވާ ގައުމުގެ ދިފާޢީ ބާރުން މި މައްސަލައިގައި ކޮޅެއް ހޯދުމަށް ޤާނޫނު އަސާސީން ސަލާމަތީ ބާރުތަކަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މި ޢަބްދުﷲ މުޙައްމަދު އެކަހެރިކޮށްފައިވާތީ، ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި، ދައުލަތުގެ ސަލާމަތީ ބާރުތަކާއި، އަދި ދިވެހި ޤާނޫނު އަސާސީން ލާޒިމްކުރާ އެންމެ ބާރުގަދަ ފަރާތްކަމަށްވާ ރައްޔިތުންގެ ބާރު ފުނޑުފުނޑުކޮށްލުމަށްޓަކައި އިދިކޮޅު ފަރަތްތަކުން މަސައްކަތްކުރަމުން އެދަނީ” މޫސަ ވިދާޅުވިއެވެ. ” ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ މާޒީގައި ދައުލަތުގެ މާލިއްޔާ ނަހަމަ ގޮތުގައި ބޭނުންކޮށް މިއަދު މުއްސަނދިވެފައި ތިބި، ބައެއް މަހުޖަނުން ވެރިކަމުގެ ލައްޒަތަށްޓަކައި، މައުމޫނުގެ ޚުދުމުޚްތާރު ވެރިކަމުގައި އެއްބައެއްގެ ގޮތުގައި ތިބެ، މީހުންނަށް ކޮށްފައިވާ ލާއިންސާނީ އަނިޔާތައް ތަޙްޤީޤްކޮށް ޝަރީޢަތްކުރިޔަ ނުދީ، މުޅި ޖިނާޢީ އަދުލުގެ ނިޒާމް ހިފަހައްޓާފައިވާ ޢަބްދުﷲ މުޙައްމަދު ދޫކުރުމަށް އެދި، މި ބައިމީހުން ހިންގާ ޗެނަލްތަކުން ކަނޑައެޅިގެން ހުއްޓާނުލާ ދޮގުހަދަމުންދާއިރުވެސް، ރައްޔިތުންގެ ކިބައިން، މި މީހުންނާއެކު ތިބި މަދު ބަޔަކު ފިޔަވައި، މިވެރިންނަށް ބޯލަނބާނޭ ބަޔަކު ނެތްކަން އެނގުމުން ރޭގެ ދަންވަރުގެ ވަގުތެއްގައި ހިންގާފައިވާ ބަޣާވާތުގެ ދަށުން އިތުރު ޙަރަކާތެއް އެއްވެސް ތަނެއްގައި ކުރުމުގެ ފުރުޞަތު ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތާއި އިދިކޮޅު ބަޣާވާތެއް ކުރުމަށް މާލޭގައި ވެސް އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި އެފަދަ ޙަރަކާތެއް ހިންގުމަކީ ޤާނޫނު އަސާސީން ހުއްދަލިބޭ ކަމެއް ނޫން.”

ކަންމިހެން އޮތްއިރު މި ލާއިންސާނީ ޢަމަލުތަކަށް ހިއްވަރުދޭ އެއްވެސް ފަރާތަކާމެދު އެއިރެއްގައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ ދައުލަތް ހިންގެވުމާއި ހަވާލުވެ ތިއްބެވި ފަރާތްތަކުގެ ޒިންމާއެއް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީ ލާޒިމްކުރާ ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 4 ވަނަ މާއްދާގައި ބުނާ “ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައެވެ.” މި މާއްދާއަށް ރިޢާޔަތްކޮށް ދިވެހި ދަޢުލަތާއި ޤާނޫނީ ވެރިކަން ޙިމާޔަތްކުރުމަށް ނިކުތުމަށް މޫސަ ދިވެހިރައްޔިތުންނަށް ގޮވާލެއްވިއެވެ.