ނޫސްބަޔާން
މިހާރު މާލޭގައި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލަށާއި ، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމުރައްޔިތުންގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި، ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެއްލުންތަކެއް ލިބިގެންދާތީ، މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް މިކަންކަން ހުއްޓާލުމަށް މާފުށީ އެމްޑީޕީ ގޮފިތަކުގެ އެންމެހައި މެމްބަރުންނާއި އަދި ސަރުކާރަށް ތާއީދުކުރާ މިރަށުގެ އެންމެހައި ބޭފުޅުންގެ ފަރާތުން ގޮވާލަމެވެ.
މިމުޒާހަރާތަކާއި އަދިވެސް އިދިކޮޅު ފަރާތްތަކުން އިސްވެއޮވެ ރައްޔިތުންނަށް އަވާމެންދުރު ދައްކައިގެން، ނަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް، ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ކުރާ ތަފާތު އެކިކަންތައްތަކުގައި ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ބައިވެރިވަމުންދާތީ ، މިކަން މިރަށުގެ އެންމެހާއި އެމްޑީޕީ މެމްބަރުންނާއި އަދި ސަރުކާރަށް ތާއިދު ކުރާ މިރަށުގެ އެންމެހައި ބޭފުޅުންގެ ފަރާތުން ކުށްވެރިކޮށް މިފަދަ މުޒާހަރާތަކުގައި ބައިވެރިވުން ހުއްޓާލުމަށް އިއްޒަތްތެރި މެމްބަރަށް ގޮވާލަމެވެ.
މަނިކުފާނު ކ.ގުރައިދޫ ދާއިރާގެ ގޮނޑިއަށް މިދާއިރާގެ ރައްޔިތުން އިންތިހާބުކޮށްފައި ތިޔަހުރީ ސަރުކާރަށް ޖެއްސުންކުރުމަކަށް ނޫނެވެ. އިދިކޮޅު ފަރާތްތަކުންކުރާ ތާކުންތާކުނުޖެހޭ މުޒާހަރާތަކުގައި ބައިވެރިނުވެ، ބޭކާރު ވަގުތުތައް ނަގާނުލައި، މަނިކުފާނުގެ ދާއިރާގެ ރައްޔިތުންނަށް ވަގުތު ދީގެން ސަރުކާރާގުޅިގެން ކަމެއްވޭތޯ ބެލެން މާރަނގަޅެވެ. މަނިކުފާނުގެ ދާއިރާއަށް ކަންތައްތަކެއް ކޮށް ނުދެވޭނަމަ އިސްތިއުފާ ދިނުމަށް ގޮވާލަމަވެ.
ކަންމިހެން އޮތުމާއި އެކު، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމަށް ދައުލަތުގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަޕުޅުތަކަށް މާފުށީ އެމްޑީޕީ ގޮފިތަކުގެ އެންމެހާ މެންބަރުންގެ ފުރިހަމަ ތާއީދު އެބައޮތެވެ.
މިއަދު ޤައުމަށް ދިމާވެފައިވާ މި ޙާލަތުން އަރައިގަތުމަށް ދިވެހި ފުލުހުންނާއި ސިފައިން އަޅުއްވަމުންގެންދަވާ އެންމެހާ ފިޔަވަޅުތަކަކީ ޤައުމުގެ މަސްލަޙަތާ އަމާންކަން ޤާއިމުކުރުމަށް އަޅުއްވާ ޙިކްމަތްތެރި ފިޔަވަޅުތަކެއްކަމަށްވެސް ޤަބޫލުކޮށް އެކަންތައްތަކައްވެސް ތާޢީދުކުރަމެވެ.
ގިނަ ޕާރޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއްގައި ވާދަވެރި އިންތިޚާބެއްގައި ރައްޔިތުންނަށް ހުށައެޅި ކަންކަމަކީ ރައްޔިތުންނަށް ކަމުދާކަންކަން ރައްޔިތުންގެ ގިނަބަޔަކުބުނެ، ރައްޔިތުންގެ ފުރިހަމައަޤުލަބިއްޔަތުން ހޮވި މި ސަރުކާރުން އެކަންކަން ފުރިހަމަވާ މިންވަރާމެދު ޙަސަދަވެރިވެ، ޤާނޫނީ މުއްދަތުގެކުރިން ޤާނޫނީއިމުން ބޭރުން މިސަރުކާރު ބަދަލުކުރުމަށް އިދިކޮޅުފަރާތްތަކުން ފަށާފައިވާ މަސައްކަތްތަކަށް ހިތްވަރުލިބޭގޮތަށް ދައުލަތުގެ ބައެއްމުއައްސަސާތަކުން ކުރާމަސައްކަތްތަށް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ގޮވާލަމެވެ.
ޤާނޫނީވެރިކަމެއް ވައްޓާލުމަށް އިދިކޮޅުފަރާތްތަކުން މާލޭ ސިޓީގެ މަގުމައްޗަށް ނިކުމެ ނުފޯދޭ ފެންފޯއްރުއްތަކެއް ވައްޓާލާ މަންޒަރު ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ.
31 ޖެނުއަރީ 2012
ނޫސްބަޔާން ނެރުނީ: އެމްޑީޕީ މާފުށީ ވިލަރެސްގޮފި.