އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. އަދި އެ އެޖެންސީގެ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ޞިއްޙަތާބެހޭ ވުޒާރާއިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ އިބްރާހީމް ވަޙީދެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާލީ ވުޒާރާއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މިނިސްޓަރުގެ ޓެކްނިކަލް އެޑްވައިޒަރ ޢަލީ ޝަރީފާއި، އިންޝުއަރަންސްގެ ދާއިރާއިން މާފަންނު މަތިދޫ ދީނާ މޫސާއާއި، ސޯޝަލް ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ސަހުދާއާއި، ފައިނޭންސާއި އިންވެސްޓްމަންޓްގެ ދާއިރާއިން މައްޗަންގޮޅީ ދެދުނބުރިގޭ ޙަސަން މަނިކާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއިން ޑައިބެޓިކްސް އެންޑް ކެންސަރ ސޮސައިޓީގެ ޑޮކްޓަރ ޢަބްދުލްމަލިކުއާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މަރިޔަމް ޝަފީޤެވެ.