މެންބަރުންގެ ޚިޔާލު: ލާދީނީ ބަޔަކަށް މިގައުމުގެ ވެރިކަން ދީގެން ނުވާނެއެވެ!

ފުނަމާ

މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. މިއަދު މިގައުމުގައި މިއޮތީ މަލްޓިޕާޓީ ޑިމޮކްރަސީއެއް ތަޢާރަފު ކުރެވި ގިނަ ކެންޑިޑޭޓުން ވާދަކޮށްގެން މިގައުމުގައި ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބުގައި ވާދަކޮށް ވެރިކަން ހޯދި ޕާޓީގެ ވެރިކަމެވެ. މިވެރިކަމަކީ ކުރިޔާ ޚިލާފަށް ރައްޔިތުންނަށްޓަކައި އެތަކެއް ވަޢުދުތަކެއް ވެދީގެން އެކަންކަން ފުރިހަމަ ކޮށްދިނުމަށް މަސައްކަތް ކުރުމުގެ ހެޔޮނިޔަތުގައި އެކުލަވާލި ވެރިކަމެކެވެ. ދައުލަތުގެ ތިންބާރުމެ ޖަވާބުދާރީ ކުރުވުމަށް އެއްބާރުން އަނެއްބާރަށް ފާރަވެރިވުމާ އެހީތެރިވުން ލާޒިމްކުރާ ވެރިކަމެކެވެ. ރައްޔިތުންނަށް އަދުލު އިންސާފު ގާއިމު ކޮށްދީ ގައުމުގެ އިޖުތިމާއީ ފޭރާން ހެޔޮކުރުމުގެ މަތިވެރި ނިޔަތުގައި ހެޔޮވެރިކަމެއް ކޮށްދިނުމަށް ވައުދުވެ އައި ސަރުކާރެކެވެ. އިސްލާމްދީން ހިމާޔަތް ކުރުމާއެކު ގާނޫނުއަސާސީ ދަމަހައްޓައި ބާރުވެރި ކުރުވުމަކީ މިވެރިކަމުގެ އެންމެ މުހިންމު އެއްސިފައެވެ. މިދަންނަވާލީ މައިގަނޑު ގޮތެއްގައި ރައްޔިތުން މިއަދު ގާއިމުކުރެވި ހިނގަމުން މިދާ ވެރިކަމާމެދު ދެކޭނެ ކަންކަމެވެ. މިނޫންވެސް ކިތަންމެ ކަންކަމެއް މިވެރިކަމުން ހާސިލްކުރާން ރައްޔިތުން ބޭނުންވާނެއެވެ.

މިހިނދު ބަލާލަން ބޭނުންވާނީ މިވެރިކަން ހިނގައިގަނެ މިވީ މުއްދަތުގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދެމުން ދޭތޯއެވެ. ނޫނީ ވެވިފައިވާ ވައުދުތައް ފުއްދައި ދިނުމަށް އެއްވެސް ވަރަކަށް މަސައްކަތް ކުރޭތޯއެވެ. އެހެނީ މިފަސް އަހަރުގެ ދައުރު ނިމިގެން އަލުން ބާއްވަންޖެހޭ ރިޔާސީ އިންތިޚާބާ މިކަންކަމާ ވަރަށްބޮޑު ގުޅުމެއް ވާނެތީއެވެ. މިސަރުކާރުން ވެފައިވާ ވައުދުތައް ދައުރުގެ ތެރެއިން ފުށްދައި ދީފިނަމަ ގައިމުވެސް ރައްޔިތުން މިވެރިކަން ބަދަލުކުރާކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައި ނުދެވިއްޖެނަމަ އޭގެ ފައިދާ ހުރިހައި ގޮތަކުންވެސް ކުރާނީ މިއަދުގެ އިދިކޮޅު ފަރާތްތަކަށެވެ.

ސަރުކާރުން ވެފައިވަނީ މައިގަނޑު ފަސް ވަޢުދެކެވެ. އެވައުދު ތަކުގެ ތެރެއިން ހުރިހައި ކަމެއްވެސް މިފެންނަނީ ފުރިހަމަ ވަމުންދާ ތަނެވެ. ދަތުރު ފަތުރުގެ ނިޒާމުން މުޅިރާއްޖެ މިއަދު މިވަނީ އެތަކެއް ގޮންޖެހުން ތަކަކާއި އެކުގައި ނަމަވެސް ގުޅާލެވިފައެވެ. އެކަމަކު އެންމެ ފުރިހަމަ ވާން އަދި މުއްދަތެއް ނަގާނެއެވެ. އެކަމާ ގުޅިފައިވާ އެތަކެއް އެހެން ކަންތައްތައް ހުރީތީއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުވެސް ހީނުކުރާހާ ހަލުއި ސްޕީޑުގައި މިދަނީ ކުރިއަށެވެ. ދައުރު ނިމޭއިރަށް މިމަސައްކަތް ނިންމާ ނުލެވޭނެ ކަމަކަށް ނުބުނެވޭނެއެވެ. މަސްތުވާ ތަކެއްޗަށް ކުރީގެ ސަރުކާރުން ހުޅުވައި ދީފައިވާ ދޮރުތައް މިސަރުކާރުން އެގެންދަނީ ބަންދު ކުރަމުންނެވެ. މުދަލާއި ޚިދުމަތުގެ އަގު އަތްފޯރާ ފަށަށް ގެނައުމަށް ބޭނުންވާ ހުރިހައި ނިޒާމެއް ގާއިމުކޮށް އިގްތިސާދީ އެޖެންޑާ ތަންފީޒުކުރެވެން ފެށުމާއިއެކު މިހާރުވެސް މިކަމުގެ ކުލަވަރުތައް އެދަނީ ފެނި ޔަގީން ވަމުންނެވެ. އާސަންދައިގެ ދަށުން މިހާރު ތައާރަފު ކުރެވިފައިވާ ބޭސްފަރުވާގެ ސަބަބުން ދެން ދިވެހި ރައްޔިތުންނަށް ބޭސްސިޓީއަށް ސަލާން ޖަހާން ނުޖެހޭނެކަން އެންމެން ނަށްވެސް ކަށަވަރުވެ ޔަގީންވެއްޖެއެވެ.

ސަރުކާރުގެ މައިގަނޑު ފަސްވައުދު ފުއްދަމުން ގެންދިއުމުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި މީގެ ކުރީން މީހުން ހީނުކުރާފަދަ މެގަ ޕޮރޮޖެކްޓުތައް އެވަނީ ހިންގާފައެވެ. އައްޑޫ ސިޓީގައި ކުރެވުނު މަސައްކަތްތަކާއި ފުވައްމުލަކުގެ އެއާޕޯޓު އެންމެ ދެކުނުން ފެންނާން އޮތްއިރު އެންމެ އުތުރަށް ބަލާލުމުން ދިއްދޫގެ ބިންހިއްކުމާ މެދުތެރެއިން ތުޅާދޫއާއި ވެލިދޫ އަށް އެކަނި ބަލާލިޔަސް ބަޔަކު އަޖައިބުވެ އަންތަރީސްވާނެ އެވެ. ގުޅިފަޅަކީ އެފަޅެއް ހިއްކުމަށް ކުރީގެ ސަރުކާރުން ބަލިވެ އިންނާން ވެގެން އުމުރު ހުސްކޮށް ވައުދުވިއިރުވެސް ގަރުބަ ނުގަތް މަޝްރޫޢެކެވެ. މިއަދު އެއޮށްގެން ފެށިގެން ކުރިއަށް ދަނީއެވެ. އިސާހިތު ބޮޑެތި އިމާރާތްތައް ފެންނާން ފަށާނެ ކަމުގައި މިއަދު ގަބޫލު ކުރެވެއެވެ.
ކުރީގެ ސަރުކާރުން އަޅަނީ ، އަޅަނީ ،ގޮވި ބުރިޖާއި މިނޫންވެސް ކިތަންމެ ކަމެއް މިސަރުކާރުން ކުރުމަށް މިއަދު އަތުކުރި އޮޅާލައިފިއެވެ. ނެހެދިފައި އޮތް ކިތަންމެ ބަނދަރެއް ހަދައި ނިންމާލައިފިއެވެ. ނަރުދަމާތައް އެހެރަގެން އެޅިނިމެނީއެވެ. އަދި ކޮބައިތޯއެވެ. އެކިއެކި ނަންނަމުގައި ރައްޔިތުންގެ ތެރެއިން ދައުލަތުގެ އެހީތެރިކަން ބޭނުން ވެފައިވާ އެތައް ބަޔަކަށް އެގެންދަނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ފަގީރުންނާއި މުއްސަނދީންގެ ތަފާތު ކުޑަކުރުމަށް މަސައްކަތް އެދަނީ ކުރެވެމުންނެވެ. މިހެންގޮސް ކިޔާނެ ކިތަންމެ ކަމެކެވެ.

މިކަންކަމުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި މިސަރުކާރުގެ އަގު އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވެ މިއަދު މުޅި ރާއްޖެއިންވެސް ފާޅުގައި ސަރުކާރަށް އޮތް ތާއީދު އެދަނީ ދައްކައި ދެމުންނެވެ. މިފަހަކަށް އައިސް ބޭއްވޭ އިންތިޚާބުތަކުގައި ސަރުކާރުން ހޯދަމުން ގެންދާ ކާމިޔާބުތަކުގެ ސަބަބުން ދެން މިސަރުކާރާއި އަރާ ހަމަނުކުރެވޭނެކަން އިދިކޮޅު ފަރާތްތަކަށް މިހާރު ޔަގީން ކުރެވޭނެއެވެ. މިކަން އެނގުމުން އިދިކޮޅިއްޔާ އިދިކޮޅު ހުރިހައި ފަރާތަކުން އަރުވާ ޖަހައިގެން ނުކުމެ މިއަދު މަގުމަތީގައި އެތިބަ ދެމޭދެމުންފެނި ބަޔަކު ސަހަރޯ ހީވާވަރު ވެއެވެ.

ކުރީގައި މިސަރުކާރުގެ ވައުދުތައް ނުފުއްދޭނެ ކަމުގައި ބުނެ ލިއުނު ” ދޮގުފޮތްތައް ” މިއަދު ލިއުނު މީހާގެ ބޮލަށް މެހި، ރާޑި ވެއްޖެއެވެ. ރައްޔިތުންގެ ކުރިމައްޗަށް އަރައި އެކޮޅުކޮޅުން އުކައި އިދިކޮޅު ބައެއް މީހުން އެކުޅުނު ކުޅިވަރު ތަކަކީ މިއަދަކު މީހުން ބަލާހިތްވާ ކަމަކަށް ނުވިއެވެ. އެހެނީ އެއަކު އާކަމެއް، ހާސިލްކުރާނެ އިބުރަތެއް ނެތީތީއެވެ. އެހެންކަމުން މިއަދު ދެން އެހެންއެއްވެސް ގޮތެއް ނެތިގެން މަގުތަކަށް ނުކުމެ މީހުން ނިދިޔަ ނުދީ، ހަޅޭއްލެވުމާއި އާންމުންނާއި ދައުލަތުގެ މުދާތައް ހަލާކުކޮށް ފުލުހުންނާއި ސިފައިން ބިރުގަންނުވައި ހަމަލާދީ، ސަރުކާރު ވައްޓާލަން އުޅޭ މަންޒަރު ފެނުމުން އެމީހުންނަށް ޖެހިފައި އެތިބަހާލާއި، ވެގެން މިއުޅޭގޮތް އެންމެންނަށްވެސް އެބައެނގެއެވެ.

އިސްލާމްދީނުގައި ނަހީކުރައްވާފައިވާ މަގުން ވަލީއުލް އަމްރު ވަކިކުރަން އުޅުމާއި، މުސްލިމުންނާއި ދިމާލަށް ކާފަރުން ކަމުގައި ގޮވައި އުޅުމާއި މީހުންގެ މުދަލާއި އަބުރަށް އަރައި ގަތުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ކުށްތަކެވެ. މިފަދަ ކަންކަމަށް އަރައިގަންނަ އެއްވެސް މީހަކީ ފުރިހަމަ މުސްލިމުންގެ ތެރޭގައި ގުނިގެން ދާނެ މީހެއް ނޫންކަން އެނގޭނެއެވެ. އަދި ތިމާއަކީ ކާފަރެއް ކަމުގައި ނުބުނާހާ ހިނދަކު މުސްލިމެއް ނޫނޭ ނުބުނެވުނެއް ކަމަކު އެފަދަ މީހުންނަކީ ލާދީނީ ފިކުރަށް ތަބާވާ ، މުނާފިގުން ކަމުގައި ޝައްކުކުރުމުގެ ފުރުސަތު އޮވެދާނެ ބައެކެވެ. މިއަދު އިދިކޮޅު ފަރާތްތަކުން މިކުރަމުން ގެންދާ ކޮންމެ ކަމަކަށް ބަލާލިޔަސް ފެންނަނީ މިފަދަ ލާދީނީ ސިޔާސަތުތައް މިގައުމުގައި ހިންގާން އުޅޭތަނެވެ. ރައްޔިތުން ފިތުނަވެރިކޮށް މަގުމަތީގެ އަމާންކަން ނަގާލާތަނެވެ. މީހުންގެ މުދަލާއި އަބުރަށް އަރައިގަންނަ ތަނެވެ. ޝައްކުން ފޯވެފައިހުރި މީހަކު ލައްވާ އަދުލު އިންސާފު ދަންޖައްސަން އުޅޭތަނެވެ. މިފަދަ ބަޔަކަށް ރާއްޖޭގެ ވެރިކަން ދީފިނަމަ ދެން މިގައުމަށް ވެގެންދާނީ ކިހިނެއްކަން ދަންނަވާލަން ނޭނގުނަސް ހުރިހަލާކެއްގެ ބޮޑުކަމާއޭ ދަންނަވާލަން ޖެހެއެވެ.