2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އެމްޑީޕީން ކުރިމަތިލާނީ އަދުލު އިންސާފް ގާއިމްކުރެވޭ ކަން ކަށަވަރުކޮށްގެން ތިބެ – އިވާ

އިބްރާހީމް ރާމިޒް

eva-400-x-268

މި ސަރުކާރުން ރާއްޖެ ހަލުވި ކަމާއެކު ތަރައްގީ ކުރަމުންދާ ކަމަށާއި، ތަރައްގީ އާއި ތަހުޒީބުގެ ފަހަތުގައި އަދުލު އިންސާފު ނެތް ނަމަ، ތަރައްގީގެ ޔަގީންކަމެއް ނެތް ކަމަށާއި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އެމްޑީޕީން ކުރިމަތިލާނީ އަދުލު އިންސާފް ގާއިމްކުރެވިފައިވާ ކަން ކަށަވަރުކޮށްފައި ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ އެމްޑީޕީން ވެފައިވާ ވައުދުތައް މި ސަރުކާރުން ފުއްދަމުންދާ ކަމަށާއި އެހެން ނަމަވެސް އެ ތަރައްޤީއާއި ތަހުޒީބުގެ ފަހަތުން، އަދުލުވެރިކަން ގާއިމްކުރެވެމުން ނުދާނަމަ އެ ތަރައްގީގެ ޔަގީންކަމެއް ނެތް ކަމަށެވެ.
އީވާ އިތުރަށް ވިދާޅުވީ ޝަރުޢީ ދާއިރާއިން ކަނޑައެޅިގެން ފޯރުކޮށްދެމުންދަނީ ބޭ އިންސާފް ކަމަށް ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އދ.ގެ ފަރާތުން ރާއްޖޭގެ ޝަރުޢީ ނިޒާމް ދިރާސާ ކުރުމަށް ވަޑައިގަތް ޕޯލް ރޮބިންސަން ކިޔާ ބޭފުޅެއްގެ ދިރާސާ ރިޕޯޓްގައިވާ ކަމަށެވެ. އޭގެ ފަހުން ވިދިވިދިގެން އައި އަހަރުތަކުގައި އެންމެން ނިކުމެ ޤާނޫނު އަސާސީއެއް ގެނެވުނު ކަމަށާއި، އެ ޤާނޫނު އަސާސީއާއި އެކު ފަރުދުންގެ ހައްގުތައް ކަށަވަރުކުރެވި، މީޑިއާ މިނިވަންކުރެވި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކަށް ރަގަޅަށް ހަރަކާތްތެރިވެވޭނޭ ނިޒާމެއް ގާއިމްކުރެވި، ގިނަ ޕާޓީ އެކުލެވޭ މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވި، ރާއްޖޭގައި ލާމަރުކަޒީކޮށް ވެރިކަންކުރަން ފެށުނު ކަމަށް އީވާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހުރިހާ ބަދަލުތަކެއް އައި އިރުވެސް “އަޅުގަނޑުމެން މި ހުރިހާ މަސައްކަތެއް ކުރި އިރު ވެސް، އެއްވެސް ފަރާތަކަށް ޖެހިލަން ނޭނގިފައި، ހަމަގައިމުވެސް ކުރިއަށް ފުރޮޅާލަން ނޭނގިފައި ތިބި ބަޔަކު ތިބި. ކޫޑިއަޅައި، ފޫޖަހާފައި ތިބި ބަޔަކު ތިބި. އެއީ އަޅުގަނޑުމެންގެ ޝަރުޢީ ނިޒާމް'” ކަމަށް އީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ ޤާނޫނު އަސާސީގައި 3 ބާރު ވަކިވެއްޖެއޭ ބުނީމާ، ބަޔަކު ހީކުރީ ވެރިކަންކުރާ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ ބާރާއި ކޯޅެން ބައިތިއްބާފައި، އެ ބަޔަކު ހީކުރީ ޝަރުޢީ ނިޒާމަކީ މަތިން ބާވައިލެއްވި ނިޒާމެއް ކަމަށް. ސުލޫކީ މިންގަނޑެއް އޮންނަންޖެހޭނެއޭ ބުނީމާ މި ހީކުރީ ޤާނޫނު އަސާސީ ލިޔަންތިބި މީހުންގެ ސުލޫކީ މިންގަނޑެއް އޮންނާން ޖެހޭނޭ ކަމަށް. ޖުޑީޝަލް ސަރވިސް ކޮމިޝަން ގާއިމްކޮށް ފަނޑިޔާރުގެއަށް ފާރަވެރިވާށޭ ބުނީމާ ހީކުރީ ޢަބްދުﷲ ގާޒީ ޙިމާޔަތްކުރާށޭ ބުނީ ކަމަށް. ޤާނޫނުގެ މިނިވަން ކަމޭ ބުނީމާ މި ހީކުރީ ވަކިވަކި ފަނޑިޔާރުން ޤާނޫނުން މިންޖުވީ ކަމަށް،” ޖޯޝާއި އެކު ވާހަކަފުޅުދައްކަވަމުން އީވާ ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއިން ހަމައާއި އިންސާފުން އެއްކިބާވެ ކޮށްފައިވާ ބައެއް ކަންތައްތަކަށް ބައްލަވާލައްވަމުން އީވާ ވިދާޅުވީ މީހުން މަރާމީހުން ދޫކުރުމާއި، މަސްތުވާތަކެތި ބާލީސް ދަށުގައި ފޮރުވައިގެން އުޅޭ މީހުން މިނިވަންކުރަމުންދިޔަ ކަމަށާއި، މިގޮތަށް “އަމިއްލަ ނުއަތު ބުރެއްގައިބަޔަކު ތާށިވެފައި ތިބީމާ ނަތީޖާއަކީ ޒިންމާ ނަގަންހުރި މީހާ ގިރިފުއްޓަށް ގެންދަން ޖެހުން” ކަމަށެވެ.

“ޢަބްދުﷲ ގާޒީ ގިރިފުއްޓަށްލީމާ، ކިރުބޯ ޅަދަރިއަކު މައިމީހާ ކައިރިން ދޫކޮށްލީމާ އުޅޭހެން އުޅޭމީހުންގެ ފަސްބައި ބަލާލީމާ ފެންނަނީ ކޮންމެ މީހެއްގެ ފަހަތުގައި އޮޑިޓް ރިޕޯޓެއް. ސްޓެލްކޯ އޯޑިޓް ރިޕޯޓް، އެސްޓީއޯ އޯޑިޓް ރިޕޯޓް، އެޓޮލްސް މިނިސްޓްރީގެ އޯޑިޓް ރިޕޯޓް، ތީމުގޭ އޯޑިޓް ރިޕޯޓް. ކޮންމެ މީހެއްގެ ފަހަތުގަ ދެތިން ނެރުބައްތި، ދެތިން ދިވެހި ދިދަ، ކުލި ނުދައްކާ އޮތް ރިޒޯޓެއް. އަޅުގަނޑު ދުލުން ބުނާން ނޭނގޭ ވަރުގެ ދަރަނި ބޭންކް މޯލްޑިވްސް އަށާއި، ދައުލަތަށް. އެހެންވީމާ ހަމަ ރަގަޅަށް ވެސް އެމީހުން ޢަބްދުﷲ ގާޒީ ޙިމާޔަތްކުރަންޖެހޭ.” އީވާ ވިދާޅުވިއެވެ.