ޝަރުޢީ ދާއިރާ ވަކި ބައެއްގެ މުށުތެރޭގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ބޮޑު މުޒާހަރާ އަކަށް ނިކުންނަން ނިންމައިފި

އިބްރާހީމް ރާމިޒް

gaumee-majilis-29-01-2012-28

ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ވަކި ބައެއްގެ މުށުތެރޭގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ބޮޑު މުޒާހަރާއެއް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ވަރަށް ކުއްލި ގޮތަކަށް ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 99 ވަނަ ޖަލްސާގައި ވަނީ މިކަމަށް ޚާއްސަ ގަރާރެއް ވެސް ފާސްކޮށްފައެވެ.

އެ ޤަރާރުގައިވާ ގޮތުން “ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ވަކި ބައެއްގެ މުށުތެރޭގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށާއި، އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް ދިވެހި ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފަނޑިޔާރުގެތައް ޤާނޫނީ އިމުގެ ތެރެއިން ޙަރަކާތްތެރިކުރުވުމަށް، ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަށް އެމްޑީޕީގެ ފުރިހަމަ ތާޢީދާއި ރުހުން އޮތްކަން” ހާމަކުރާ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ ފައްޓަވާފައިވާ އެ މުހިންމު މަސައްކަތުގައި “އެމްޑީޕީގެ ފަރާތުން ވެދެއްވެން އޮތް ހުރިހާ އެއްބާރުލުމަކާއި، އެހީތެރިކަމެއް ވެދިނުމަށާއި، ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް، ޙީލަތްތެރި ރޭވުމެއްގެ ދަށުން، ވެރިކަމުގެ ދަހިވެތިކަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފަށާފައިވާ ބަޤާވާތާއި އުދުވާނީ ޙަރަކާތްތަކާ ދެކޮޅަށް ތެދުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެއްބަސްވެއެވެ.”

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމްގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން އަކީ ޝަރުޢީ ނިޒާމް އިސްލާޙްކުރުމަށް އޮންނަ ޤާނޫނީ މުޥައްސަސާއަށް ވެފައި، އެ މުޥައްސަސާގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާއި ބެހޭ ކޮމިޓީއަށް އެންމެ ފަހުން ހާޒިރުކޮށް ސުވާލުކުރުމުން، އެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންގެ ފިކުރުހުރީ އަދުލު އިންސާފް ގާއިމްކުރުމަށްވުރެ ބޮޑަށް ވަކި ފަނޑިޔާރެއްގެ މަސްލަޙަތު ނެގެހެއްޓުމަށްކަން ފެނިގެންގޮސްފައިވާ ކަމަށް ވެސް އެމްޑީޕީގެ ޤަރާރުގައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތާޢީދުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ޝަރުއީ ދާއިރާ އިސްލާޙް ކުރުމަށް ކުރަންޖެހޭ ކަންކަމާ މެދު ޚިޔާލުފާޅުކޮށް، އެއްވުންތަކެއް ރޭވުމާއި، ޚިޔާލުފާޅުކުރުމަށް ކަނޑައެޅޭ ވަކި ތާރީޚެއްގައި އެކި ރަށްރަށުން ރައްޔިތުން މާލެ އައިސް މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފައެވެ.

ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި މިއަދު ހަވީރު ބޭއްވި މި ކުއްލި ބައްދަލުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ 63 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކެވެ.

ޝަރުޢީ ދާއިރާ މިނިވަން ކުރުމަށް އެމްޑީޕީން ބޮޑު މުޒާހަރާއަކަށް ގޮވާލާ ޤަރާރު