އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހައިފި

ސުޕްރީމް ކޯޓާއި ހައިކޯޓް ފިޔަވައި އެހެނިހެން ކޯޓްތަކުގައި މިހާރު ޤާނޫނުއަސާސީން ބާރުނުލިބޭ ފަނޑިޔާރުންތަކެއް ތިއްބަވައިގެން ކުރައްވަމުން ގެންދަވާ ޙުކުމްތަކާއި، ނިންމަވަމުން ގެންދަވާ ނިންމެވުންތައް، މިހިނދުން މިހިނދަށް ހުއްޓެން އެބަޖެހޭ ކަމަށް ވިދާޅުވެ، މިކަންކަމުގެ މައްޗަށް ފިކުރު ހިންގަވައި، އެކަށީގެންވާ ފިޔަވަޅު އަޅުއްވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ.ގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އިލްތިމާސް ކުރައްވައި ޕެޓިޝަނެއް ހުށަހަޅުއްވައިފިއެވެ. އެފަދަ ފަނޑިޔާރުން ކުރައްވާ ޙުކުމްތަކާއި އަމުރުތައް، މިޤައުމުގައި ތަންފީޛު ކުރެވިގެން ނުވާނެ ކަމަށްވެސް، މި ޕެޓިޝަންގައި އެ މެންބަރުން ވިދާޅުވެފައިވެއެވެ.

މި ޕެޓިޝަންގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވެރިކަމާ ޙަވާލުވެވަޑައިގަތީއްސުރެ ފެންނަމުން މިދަނީ، އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލިބުނު އަޣްލަބިއްޔަތު، ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން، ރައްޔިތުންނަށް ސަރުކާރުން ދެއްވަން ބޭނުންވާ ޚިދްމަތްތަކަށް ހުރަސްއަޅާތަން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު އޮވެ އުފެއްދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިވާފަތްގަނޑުގައި ތިބެ، ދިވެހިރާއްޖޭގައި ޖުޑީޝަލް ޑިކްޓޭޓަރޝިޕެއް ނުވަތަ ދިވެހި ފަނޑިޔާރުން، ރައްޔިތުންގެ މައްޗަށް ވެރިކަންކުރާނެ ނިޒާމެއް ރާއްޖޭގައި ޤާއިމް ކުރެވޭތޯ މަސައްކަތްކުރާ ތަން ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މި ޕެޓިޝަންގައި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާތަކުންނާއި، ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުން ހިމެނިފައި އޮންނަ ކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަންކަންވެސް ޤާނޫނަކަށްވެ، އެ އަމުރު ރާއްޖޭގައި ހިނގަނީ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން ކަމުގައި ވިދާޅުވެފައިވެއެވެ.