ރާއްޖޭގެ އެކި ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ލިބެމުންދާ އެހީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-jamiyyathah-450-x-299

ރާއްޖޭގެ އެކި ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ލިބެމުންދާއިރު، އެ އެހީތައް، މުޖުތަމަޢަށާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި ޒިންމާދާރުކަމާއެކު ބޭނުންކުރުމަކީ، މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އުފައްދާފައިވާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “އާކް” އިން އިންތިޒާމް ކޮށްގެން ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ކަންކަން ހިނގަމުންދާ ގޮތާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުން އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މޫކައި ހޮޓެލްގައި އޮތް މި ރަސްމިއްޔާތުގައި، ކަންކަން ފުރިހަމަ ނުކުރެވިގެން ދަނީ ފައިސާގެ މައްސަލަ ކުރިމަތިވެގެން އެކަނި ނޫން ކަމަށާއި، ކަންކަން އިންތިޒާމްކުރުމާއި، ރޭވުމާއި އަދި އެކަމަކަށް ބަހައްޓަންޖެހޭ ފަރުވާ ނުބެހެއްޓުންވެސް މިކަމުގައި ހިއްސާވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުޖުތަމަޢުގައި ކުޑަކުދިންނަށް އަޅާލުމާއި ލޯބި ދެވޭ މިންވަރު އިތުރުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެކަނިވެރި މައިންނަށާއި، ޔަތީމުކުދިންގެ ބެލެނިވެރިންނަށް އެންސްޕާ މެދުވެރިކޮށް ސަރުކާރުން ކޮންމެ މަހަކު ދެއްވަމުން ގެންދަވާ މާލީ އެހީތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި މިކަމުގެ ބޭނުމަކީ އެފަދަ ކުދިން ހިޔާތަކުގައި ބޭތިއްބުމުގެ ބަދަލުގައި، ގޭގޭގައި އެކުދިން ބެލެހެއްޓޭނެ ގޮތްތަކެއް ހަމަޖެއްސުމާއި، އެކަނިވެރި މައިންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިގޮތުން ސަރުކާރުން ދެއްވާ ފައިސާ ބޭނުންކުރެވެނީ އެންމެ ރަނގަޅަށްތޯ ބައްލަވައި އޮޑިޓް ކުރެއްވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިހާރުވެސް ބައެއް ކައުންސިލްތަކުން މިކަންކަން ބަލަހައްޓަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.