ނޫސް ބަޔާން: އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ނޫސް ބަޔާން

mdp-logo-150-x-157

ބައެއް އިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހެންވޭރު ދެކުނު ދާއިރާގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި އެތަކެއް ޢާންމު ރައްޔިތުންނަށާއި، އެކި އެކި ފަރާތްތަކުގެ ގޮވަތި ގެދޮރަށާއި، ޢާންމު ޢިމާރާތްތަކަށާއި، ޢާންމު ވިޔަފާރީތަކަށާއި ދައުލަތުގެ މުދަލަށް ލިބެމުންދާ ގެއްލުންތަކަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާކަމެކެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، އެކަމާ ގުޅުން ނެތް އެތައް ބަޔަކަށް، ވަކިން ޙާއްސަ ގޮތެއްގައި މުޖުތަމަޢުގެ ޙާއްސަ ރައްކާތެރިކަން އެބަޔަކަށް ލިބެންޖެހޭ ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީމީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުހަނު ބޮޑެތި ގެއްލުންތައް ވަމުންދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި މިފަދަ އެއްވެންތަކުގަޔާއި، މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް އަދި އެނޫންވެސް ގޮތްގޮތުން މީހުންގެ ހިތްތަކުގައި ނަފުރަތާއި، ރުޅިވެރިކަމާއި، ބިރުވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމުގެ ސަބަބުން މުޖުތަމަޢުގެ އަމަން އަމާންކަމަށާއި ހަމަޖެހުމަށް ވަރަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަންވެސް ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް އަޅުގަނޑުމެން ގޮވާލަމެވެ.

އަދި، މިފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލައި، އެފަރާތްތަކަށް ކުރަމުންދާ އަނިޔާތައް ހުއްޓުމަށާއި، އެފަރާތްތަކުގެ އަމުރަތަކަށް ތަބާވުމަށްވެސް ގޮވާލަމެވެ. އަދި، އަތޮޅުތަކުން ވިޔަފާރިއާއި އެކި އެކި ބޭނުންތަކަށް މާލެ އަންނަ މީހުންނަށާއި، އެސަރަހައްދުގައި މަސްދޯނިތަކުން ރޭގަނޑު ނިދުމަށްޓަކައި މާލޭ ފަޅުގައި އަޅާފައި އޮންނަ ވަގުތުތަކުގައި، އެފަރާތްތަކަށް އުނދަގޫވާ ގޮތަށް، އެ ސަރަޙައްދުގައި މެގަފޯނުތައް ބޭނުންކޮށްގެން އަޑުގަދަކޮށް ހަމަނުޖެހުން އުފައްދައި، އެމީހުންގެ ނިދި ނަގާލައި، ދިވެހިރާއްޖޭގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޔަތުގެ މަސައްކަތްކުރަމުންދާ މީހުންނަށް އެތަކެއް އުނދަގޫތަކާއި، ނަފްސާނީ ބިރުވެރިކަމާއި ނުތަނަސްވަސްކަން ލިބޭ ގޮތަށް ކުރަމުންދާ ޢަމަލުތައް އަޅުގަނޑުމެން ކުށްވެރިކޮށް، އެ ޢަމަލުތައް ހިންގަމުންގެންދާ ފަރާތްތަކުން އެ ޢަމަލުތައް މިހާރު މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.

ވީމާ، ދިވެހި ސަރުކާރަށާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް ލީޑަރަށާއި، ޕާޓީގެ ޕާލިއަމެންޓްރީ ގްރޫޕަށާއި މާލޭ ސިޓީކައުންސިލަށް ހެންވޭރު ދެކުނު ދާއިރާގެ ފަރާތުން ގޮވާލަނީ، ބައެއް އިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގައި މިހާރު ހިންގަމުންގެންދާ ހަމަނުޖެހުންތައް ހުއްޓުވައި، ޤައުމު އަމާންކަމުގެ މިސްރާބަށް ބަދަލުކުރައްވައި، އެކަން ކުރެއްވުމަށް ބޭނުންފުޅުވާ އެންމެހައި ފިޔަވަޅުތައް އަޅުއްވައި، ދިވެހިންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލައި، ދިވެހިރާއްޖޭއަކީ ކުރިއެކޭ އެއްފަދައިން އަމަން އަމާންތަނަކަށް ހައްދަވައި ދެއްވުމެވެ.

28 ޖެނުއަރީ 2012

ޙުސެއިން ޝަޙީމް (ހެންވޭރު ދެކުނު ދާއިރާގެ ރައީސް)

ހެންވޭރު ދެކުނު ދާއިރާގެ ނޫސް ބަޔާނުގެ ޕީޑީއެފް ފައިލް