އިބްރާހީމް ރާމިޒް
ޗަހެންނެއް ނުކިއޭނެގެ ނަމުގައި ނައިފަރުގައި އެމްޑީޕީގެ ހިނގާލުމެއް ބާއްވާ ގޮތަށް އެމްޑީޕީ ނައިފަރު ދާއިރާއިން ހަމަޖައްސައިފިއެވެ.
މިއަންނަ ފެބްރުއަރީ މަހުގެ 3 ވާ ހުކުރު ދުވަހު ނައިފަރުގައި ބާއްވާ މި ހިނގާލުމަކީ ދިވެހި ދައުލަތުގެ ހިކުމަތްތެރި ސިޔާސަތަށް ތާއީދުކޮށް އެކަމަށް އެމްޑީޕީ ނައިފަރު ދާއިރާ ތަރުހީބުދޭކަން ހާމަކުރުމުގެ ގޮތުން ބާއްވާ ސުލްހަވެރި ހިންގާލުމެއް ކަމަށް އެމްޑީޕީ ނައުިފަރު ދާއިރާ އިން ބުނެއެވެ.
އެމްޑީޕީން މިޤައުމަށް ހެޔޮބަދަލެއްގެނެސް ރައްޔިތުންނަށް ވީވަޢުދު ފުއްދުމަށް ކުރު މުއްދަތެއްގައި ކުރެވުނު ގިނަމަސައްކަތް ތަކަކުން ހާސިލްވި ނަތީޖާއަށް ވާދަވެރިން ނުނިއަތްލާގެންތިބެ ހުރަސްއެޅުމުގެގޮތުން ކުރަމުންދާ ދުއްތުރާތަކުން ދިވެހިދައުލަތުގެ ތަންފީޒީބާރަށް ގިނަގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި، މީގެތެރޭގައި ޝަރުއީދާއިރާގެ ދަށުކޯޓުތަކަށް ފަޑިޔާރުން އައްޔަނުކުރުމުގައި ޤާނޫންއަސާސީއަށް ފުރިހަމައަށް ރިއާއަތްކުރެވިފައިނުވާތީ ޝަރީއަތްގާއިމް ކުރުމުގައި އަމަލުކުރެވޭ ދޯހަޅިއުސޫލުތައް ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ކަމަށް އެމްޑީޕީ ނައިފަރު ދާއިރާއިން ބުނެއެވެ.
މީގެ އިތުރުން ވެސް މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ އިންތިހާބަކުން މަސްއޫލިއްޔަތު ހަވާލުކުރާ އިދާރާތަކުން ގަސްތުގައި އޮޅުވާލުމުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ހީނަރުކަން އައިސްފައިވާކަން ފާހަގަކުރެވޭތީ މިހުރިހާކަމެއް ހަމަމަގަށް އެޅުވުމަށްޤާނޫންއަސާސީން ލިބިދޭ ބާރުގެދަށުން ސަރުކާރުން ކުރަންޖެހޭ މަސައްކަތައް ކުރަންފެށުމުން ތައައްސުބުން ފުރިގެންވާ އިދިކޮޅު ރޫހެއްގައި ނުކުމެ ހަޅުތާލަތަކާއި މުޒާހަރާތައްކޮށް ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުންދީ މުޖުތަމައުގެ މަސަލަސްކަން ނަގާލާ މުޅިނިޒާމް ހުއްޓުމަކަށްގެނައުމުގެ މަކަރުވެރި އަމަލުތަކެއް އިދިކޮޅުފަރާތްތަކުން ކުރަމުން ގެންދާތީ ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް ނިންމީ ކަމަށް އެމްޑީޕީ ނައިފަރު ދާއިރާއިން ބުނެއެވެ..
މި ސުލްހަވެރި ހިނގާލުމުގައި ނައިފަރުގެ އެންމެހާ ރައްޔިތުން ބައިވެރިވެ ދެއްވުމަށް އެމްޑީޕީ ނައިފަރު ދާއިރާއިން ވަނީ އެދިފައެވެ.