ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި އެމްޑީޕީގެ އިސް އެކްޓިވިސްޓް ދުންމާރި ނާޒިމް އަނެއްކާ ވެސް އެމްޑީޕީއަށް ސޮއިކޮށްފި

އިބްރާހީމް ރާމިޒް

dhummaari-naazim-1-390-x-299

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި އެމްޑީޕީގެ އިސް އެކްޓިވިސްޓް މުޙައްމަދު ޞޮދުރީ (ދުންމާރި ނާޒިމް) އަނެއްކާ ވެސް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ އޮފީހުގައި އެ ޕާޓީއަށް އަލުން ސޮއިކުރެއްވުމަށްފަހު ދުންމާރި ނާޒިމް ވިދާޅުވީ “އަލުން އެމްޑީޕީއަށް ސޮއިކުރީ ފެށުނީއްސުރެ އެމްޑީޕީގެ ޙަރަކާތްތަކުގައި އުޅުމުގެ ސަބަބުން އެ ޕާޓީއަށް ޖެހިފައިވާ ކުލުނާއި، ލޯބި އެހެން ޕާޓީއަކާ މެދު ނުބެހެއްޓޭނެތީ” ކަމަށާއި، “އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކަށް ސޮއިކުރީ ހިތާ ދެކޮޅަށް” ކަމަށެވެ.

” އަޅުގަނޑު ޕާޓީން ވަކިވެ، އެހެން ޕާޓީއަކަށް ސޮއިކުރުމަށް ފަހު މިވީ މަދު ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑާއި، އެމްޑީޕީގެ ވަރަށް ގިނަ ބަޔަކާއި ދިމާވެއްޖެ. އެ މެންބަރުންނާއި ޚާއްސަކޮށް އެމްޑީޕީއަށް މަރުދޭ އެ ޕާޓީގެ އެކްޓިވިސްޓުން ވެފައިވާ ދެރަ އިޙްސާސް ކުރެވުމުން އަޅުގަނޑުގެ ހިތާއި ސިކުނޑިއަށް ކެތްނުކުރެވިގެން އަނެއްކާ ވެސް އެނބުރި މިއައީ،” އެމްޑީޕީގެ ޙަރަކާތްތަކުގައި އެކްޓިވިސްޓުން ލީޑްކުރައްވާ ދުންމާރި ނާޒިމް (ދޮންބެ) ވިދާޅުވިއެވެ.

“އަޅުގަނޑަކީ އެމްޑީޕީ މީހެއް. އެ ޙަޤީގަތް ބަދަލުކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަޅުގަނޑުގެ ޒަމީރު އެކަމެއް ގަބޫލެއް ނުކުރޭ. އަޅުގަނޑަކަށް ހިޔެއްނުވޭ ދުވަހަކުވެސް އެމްޑީޕީ ދޫކޮށް އަޅުގަނޑަށް ދެވޭނެ ހެނެއް. އަޅުގަނޑުގެ ހިތުގަ އެމްޑީޕީއަށް ޖެހިފައި މިވަނީ އެއަށްވުރެ މާބޮޑު ކުލުނެއް.” ދުންމާރި ނާޒިމް ވިދާޅުވިއެވެ.

ދުންމާރި ނާޒިމް އަކީ އެމްޑީޕީގެ ހަރުގޭގައި ޙަރަކާތްތެރިވާ އެކްޓިވިސްޓް ކޮމިޓީގެ ރައީސްއެވެ. އަދި ގިނަ އެކްޓިވިސްޓުން ދެކޭގޮތުގައި ދުންމާރި ނާޒިމް އަކީ އެމީހުންގެ ލީޑަރެކެވެ.