މެންބަރުންގެ ޚިޔާލު: ރަށްމެދުގައި ބާއްވައިގެން ކާންދިނަސް ކަހަނބު ދާނީ ކަނޑަށެވެ.

ފުނަމާ

ދުނިޔޭގައި ހިނގާ ކަންކަމުން އިބުރަތް ލިބިނުގަންނަ މީހުންނަކީ ގިނަފަހަރަށް ކަންކަން ކާމިޔާބު ވުމުގެ ބަދަލުގައި ގިންޏާއި އުނދަގުލުގައި ދިރިއުޅެންޖެހޭ ބައެކެވެ. އަހަރެމެންގެ ދީނީ ބަސްފުޅެއްގެ މާނައިގައި އޮންނަ ” މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރަކު ކަށްޓެއް ނުޖެހޭނެޔޭ ” މިބަސްފުޅަކީ ހާދަހާވާ އިބުރަތްތެރިވި ބަސްފުޅެއްކަން ޝައްކަކާ ނުލައި ގަބޫލުކުރަމެވެ. އަބަދުވެސް އިންސާނުން ވެދިޔަތަނުން ތަޖުރިބާ ހޯދައި ކުރީން ލިބިފައިވާ ފިލާވަޅުތަކުން ދަރުސް ލިބިގަތުމަކީ މުހިންމު ކަމެކެވެ. މިއަދު ރާއްޖެއިން މިހާމަވަމުންދާ ހަގީގަތް ތަކާއި މެދުގައި ވިސްނާލައި ކުރިމަގު ވަޒަންކުރާން އެބަޖެހެއެވެ.

މިގައުމުގައި ޒަމާނުއްސުރެއޮތް ޚުދުމުޚުތާރު ވެރިކަމުގެ ވަށްޓަފާޅި ބަދަލުކޮށް މިއަދު ވެރިކަން މިހިންގަމުން ގެންދާ ނިޒާމަށް ބަދަލުވިތާ އަދި މިފުރުނީ ހަމައެންމެ ތިންއަހަރެވެ. މީގެކުރީން ވެރިމީހާއަށް ހުރިހައި އާރަކާ ބާރެއް އޮންނައޮތުން ނިމުމަކަށް ގެނައިސް އާއުސޫލުތަކެއް ބިނާކޮށް ، އިންސާނީ ކަރާމާތް ދަމަހައްޓައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިދީ ، މިނިޒާމު ކުރިއަރުވައި ދެމެހެއްޓުމަށް މިސަރުކާރުން ކުރަމުންގެންދާ ގިނަގުނަ މަސައްކަތްތައް ، ހަމައެގާނޫނުއަސާސީގެ ދެފޮޅުވަތް ދޭތެރެއިން ބާކޮޅެއް ހޯދައިގެން ނައްތާލައި އަލުން އަނބުރައި ކުރީގެ މާޒީގެ އަނިޔާވެރިކަމާއި އިންސާނީ އަޅުވެތިކަމަށް ދިވެހިން ގެންދިއުމަށް މިއަދު ކުރީގެ ވެރިކަމުގައި ރައްޔިތުންނަށް ހުރިހައި އަނިޔާއެއް ދެމުންގެންދިޔަ އެންމެން ގުޅިގެން ނުކުމެ މިކުރަމުން ގެންދާ މަސައްކަތް ނިކަން ދެކިބަލާށެވެ.

މިގައުމަށް މިއައި ހުރިހައި ބަދަލުތަކެއް ގެނުވީ އެމްޑީޕީއާއި ، އެމްޑީޕީގެ ފިކުރަށް ތަބާވެ ނުކުތް މަދުބައެއްގެ ބުރަމަސައްކަތުންނެވެ. މިޔަކީ ތާރީޚުން ފޮހެލެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު މިގައުމު ހިނގަމުންމިދާ ގޮތާއި މިވެރިކަމުން ރައްޔިތުންނަށް ފޯރުކޮށްދެމުން މިގެންދާ ގިނަގުނަ އެހީތެރިކަން ފެނުމުން އަދިވެސް ކޮންމެވެސް ދުވަހަކުން ތިމަންނާ މެންނަށްވެސް ވެރިކަން ދީފާނެޔޭ ހީކޮށްގެން އެތިބަ މިގައުމުގެ ޣާއިނުން މިއަދު އެތިބީ ގޮތްހުސްވެ ރޭރުވެފައެވެ. މިއަދު މިފެންނަނީ މިކަމުގެ އަސަރުތަކެވެ. އެމީހުން މިއަދު އެތެޅެނީ ދެން ގޮތްހުސްވެ ފެންނެތްތާކަށް ރޯމަހެއް ވެއްޓުނީމައިވެސް ތެޅޭނެ ބީދައިންނެވެ. ބައިނަލް އަގްވާމީ ދުނިޔެއިން މިރާއްޖެ ހޯދަމުން މިއައި ތާއީދުގެ ސަބަބުން ކުރީގައި ތިމާމެންގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ސަބަބުން އަޖަލާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ޝައްކާއި ވަހުމުގައި މިއަދު ހަމައެތެޅި ފޮޅެނީ ދެންއެހެން ގޮތެއް އަމުދުން ނެތިގެން ޖާނުސަލާމަތް ކުރުމަށް ނޫނީ މަރުވެ ދިއުމަށެވެ.

ކުރީންވެސް ބުނެވިދިޔަ ފަދައިން މިވެރިކަން ގެނައުމަށް އެމްޑީޕީން މަސައްކަތްފަށައި ނުކުތް އަދަދު ނިސްބަތުން ދާދި މަދެވެ. އެފިކުރަށް ތާއީދު ކުރެވުނު ނަމަވެސް ގިނަމީހުންގެ ކިބައިގައި އަނިޔާވެރި ވެރިކަމުގެ ބަޑިތަކާއި ޓިނުގޮޅިތަކާއި ކުރިމަތިލާނެހައި ހިއްވަރެއް ނެތެވެ. ގަސްތުގައި ބަޑިޖަހައި މަރާނެކަން ތަޖުރިބާއިން އެނގިތިބި ކިތަންމެ ދިވެހީންނެއް އިދިކޮޅަށް ބަހެއްވިޔަސް ބުނާންނުކެރިފައި ތިބިކަން ގަބޫލުކުރާން ޖެހެއެވެ. ނަމަވެސް ގައުމުގެ ހައްގުގައި ، ރައްޔިތުންގެ ހައްގުގައި ، އިސްލާމްދީނުގެ ހައްގުގައި ، އެމްޑީޕީގެ ލީޑަރާއެކު މަދުބަޔަކު ނުކުމެ އެކުރި ޖިހާދަކީ މިގައުމު ދެމިއޮތްހާ ހިނދަކު ދެން ބަދަލުކުރެވޭނެ ހަގީގަތެއް ނޫނެވެ. ބަޔަކަށް އެހެން ހީވިޔަސް އެކަމެއް ނުކުރެވޭނެއެވެ. ތޭރަފޫޓުގެ ހަރުގަނޑަކުން ހައެއްކަ ބޮއް ފުމެއަރައި ފާރުމަތިން ފުންމާލުމަކުން މިގައުމުގެ އިސްތިގުލާލާއި މިނިވަންކަމެއް ފޭރިއެއް ނުގަނެވޭނެއެވެ. މިއަދު ވެރިކަމަށް އަންނަން ބޭނުންނަމަ ޖެހޭނީ މީހުން ނިދިޔަނުދީ ފެލުމާއި މީހުންގެ ހައްގާޢި އަބުރު ސުންނާފަތިކުރުން ހުއްޓާލައި ރިވެތިމަގުން މަސައްކަތްކޮށް ގާނޫނީ ހަމަތަކުގެ މަތީން އެފުރުސަތު ހޯދާށެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ރައްޔިތުންގެ ރުހުމާއިއެކު ވެރިކަމަށް ކުރިމަތިލުމާއި ، ވެރިކަން ހޯދުމަށް ގާނޫނީ އިމުގެ ތެރެއިން ކޮންމެ ދިވެހިރައްޔިތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު މިއަދުމިވަނީ ފަހިކޮށް ދީފައެވެ. ނަމަވެސް މިއަދު އެއުޅޭހެން ބަޔަކު ދޮޅުރޯނާވެ ގާނޫނީ އިމުގެ ބޭރުން ވެރިކަން ވަށްޓާލަން އުޅުނަކަސް އެކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ.

ކުރީން ބުނެވި ދިޔަހެން މަދުބަޔަކު ކުޅަ މިންނެތް މަސައްކަތް ކަމުފޮޅައިގޮތް ވުމާއެކު މަވެސް މަވެސް ގޮވާލައި ކުރީން އިދިކޮޅަށް ނުކުމެ އެންމެ އަނިޔާވެރި ކަމުގައި އަހަރެމެންނާއި ކުރިމަތިލީ މީހުންވެސް މިއަދު އަހަރެމެންގެ އުސޫލުތައް ގަބޫލުކޮށް އަހަރެމެންނާއި ގުޅިއްޖެއެވެ. އެމްޑީޕީއަކީ އެންމެންނާވެސް ހިތްހެޔޮ ، މާފުކުރުމަށް އިސްކަންދޭ އަދި ، ހަމައެހެންމެ ކާމިޔާބުގެ ވަގުތުގައި ހިތްތިރިކުރުމުގެ މޮޓޯގައި ތިބި ބައެއް ކަމުން އެގޮތައް އަހަރެމެންނަށް ދިއްކޮށްލި ކޮންމެ އަތެއްގައި މިތިބީ ހިފައިގެންނެވެ. އިންޝާ ﷲ ހެޔޮ ރަޙުމަތް ލައްވާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ގަބޫލުކުރާންޖެހޭ އަސާސްތަކަކާއި މިންގަނޑު ތަކެއް ހުންނާނެކަން ގަބޫލުކުރާން ޖެހޭނެއެވެ.

އިއްޔެ އިންތިހާއަށް މިކަމުގައި ގުރުބާނީތައް ވަމުން މިއަދުވެސް ހަމައެގޮތުގައި ސާބިތުވެ ތިބި މަދުމީސްކޮޅަކީ މުހިންމު ނޫންބައެއް ކަމުގައި ދުށުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަތްޖަހާލައި އަލަށް އައިސް ގުޅިގަންނަ ކޮންމެ މީހަކީ އެންމެ މުހިންމު މީހާކަމުގައި ދެކިގެން ނަގައި އަހަރެމެން ކަހަލަ މީހުންގެ ބޯމަތީގައި ބުރައެއްހެން ބޭންދުމުގެ ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. އަހަރެމެންވާ މިބުރަވެސް ޗުއްޕުވެސް ނުބުނެ އުފުލައިގެން ޕާޓީގެ ހައްގުގައި ތިބެދާނަމެވެ. އަހަރެމެންނަށް އުނދަގޫވެ ދެން ކެތްނުވެގެން އަޑެއް ލައްވާލެވުނަސް ބޮލަށް އުނދަގޫވަނީ ކަމުގައި ބުނެ ދެން އަހަރެމެންނާ ހަތަރުކަޅި ހަމަނުކުރިޔަސް އަހަރެމެން މިގޮތުގައި ވަފާތެރިކަމާއެކު ތިބޭނެއެވެ. ވެދެވޭންއޮތް ޚިދުމަތެއްވެސް ދިނުމުގައި ފަހެއްނުވެ އަތުކުރި އޮޅާލާނަމެވެ. ފުލެއްވެސް ނުދައްކާނަމެވެ. އެކަމަކުވެސް ބައެއްފަހަރަށް މުށުތެރެއަށް މިލެވެނީ ދުނބުރިއެއްކަން ޔަގީންވާއިރުވެސް ދޮންއަނބަކަށް ބަދަލުވެދާނެ ކަމުގެ އުންމީދުގައި އަހަރެމެންގެ އިސްވެރީން ތިއްބަވާތަން ދެކޭކަށް އަބަދަކު ކުޅަދާނައެއް ނުވެއެވެ.

ޕާޓީއަށް މެންބަރުންގެ މުހިންމުކަން އެންމެ ބޮޑުވާ ވަގުތުތަކުގައި ، ގައުމަށް އަންނަ މިފަދަ މުހިންމު ޚުތޫރަތްތެރި ދަނޑިވަޅު ތަކުގައި ފެންއޮތްތާކަށް މަސްދާނެޔޭ ބުނާބީދައިން މަހުޖަނަކު ނުކުމެ ދެތިންނޫޓު ދަށްކާލީމައި މަދާމަގުން ތަންދޭށޭ ބުނެ އެދާމީހުން އަނެއްކާ މާދަމާ ބޮޑުބުރުގާ އަޅައިގެން އައުމުންވެސް ހަމަވީ ތިއްތިކޮށް ބައިންދާންތޯ މިއަދު ސުވާލުކޮށްލާ ހިތްވެއެވެ. އެހެނީ މިކުޅިކުޅެކުޅެ ވަރުބަލިވި އިރުވެސް ނުކުންނަތަން ފެންނަނީ އެއް ނަތީޖާއެވެ. ހުރިހައި އަހުވަޔަކާއި ހިތާމައެއް މިއިހުސާސް ކުރަނީ އަހަރެމެން ފަދައިން މިގޮތުގައި މިތިބޭ މަދު ބައެކެވެ. މިކަމުގައި މުޅިދިރިއުޅުން ފަނާކޮށް ގުރުބާންވެގެން ތިބި މީހުންނެވެ.

ނަސޭހަތެކޭ ހީކުރާނެ ކަމުގައި ހީކޮށް ބުނަމެވެ. އަޑުއަހާނެ މީހަކު އަހާށެވެ. ކަނޑުތެރޭގައި ބަލިވެފައި އޮށްވައި ނަގައިގެން ގެނެސް ރަށުމެދުގައި ބާއްވައިގެން އޮޅުވާނެ ކަމުގައި ހިތައިގެން ބަޓަރާ ޖޭމާ ،ނުވިތާކަށް ދޮންކޭލާ ޗީޒާ އެއްކޮށްގެން ކެރަމަލް ޕުޑިން އަނގައިތެރެއަށް ލަވައި ކާންދިނަސް ކަހަނބެއް ހަމަ ރާޅުގެ އަޑުއިވެންޏާ ޖަހާނީ އެދިމާލަށެވެ. ގޮނޑުދޮށް ފެނިއްޖިއްޔާ ލަހެއްފަހެއްނެތި އެރިގަނެގެން ކަހަނބުދާނީ ކަނޑަށެވެ. މިވަރު ގަބޫލުކޮށްގެން އުޅެން ދަސްކުރާށެވެ.