މިބަދަލަކީ އެމްޑީޕީ ވިހޭބަދަލެއް. މިބަދަލު ބަލާ ބޮޑުކުރާނީވެސް އެމްޑީޕީ- އަލްހާން

ފަހަލަސަޢިދު

alhaan

ވެރިކަންބަދަލުކުރީ 30 އަހަރު ވެރިކަމުގައި ތިބޭކަށް ނޫންކަމަށާއި، ވެރިކަންބަދަލުކުރީ 30 އަހަރުގެ އަނިޔާވެރި ވެރިކަމާއި އެވެރިކަމުގެ މުޅިނިޒާމު ބަދަލުކުރުމަށް ކަމަށް ވީހިނދު މިގެންނަ ބަދަލަކީ ރައްޔިތުން އެދުނު ބަދަލުކަމުގައި އެމްޑީޕީގެ ނާއިބްރައީސް އަލްޙާނު ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދާ ” ތިހެނެއް ނުކިޔޭނެ” މިޝިޢާރުގެ 12ވަނަ ސިލްސިލާ ޖަލްސާގައި އެޕާޓީގެ ހަރުގޭގައި ރޭވާހަކަފުޅުދައްކަވަމުން އަލްޙާނު ވިދާޅުވީ ރައްޔިތުން އެދުނު ބަދަލަކީ ވެރިކަމުގެ ބާރުތައް ވަކިކޮށް އެއްބާރު އަނެއްބާރަށް ފާރަވެރިވެވޭ ބަދަލާއި، ރާއްޖޭގައި ނުފޫޒާއި ބާރުގެ ދަށުން މިނިވަންވެފައިވާ ޢަދުލުވެރި ޝަރުޢީ ނިޒާމެއް ގާއިމްކޮށް ދިނުމުގެ ބަދަލާއި، ރައްޔިތުންގެ ދުލާގަލަން މިނިވަންކުރުމުގެ ބަދަލާއި، ރައްޔިތުމީހާ ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމުގެ ބަދަލާއި، މުޅިރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ ބަދަލާއި، ރައްޔިތުމީހާ ފޮތްލިސްޓުހިފައިގެން މަހުޖަނުންގެ ފައިބުޑަށް ވެއްޓެންޖެހޭ ޖެހުމުން ހުއްޓުވުމުގެ ބަދަލާއި، އެކަނިވެރި މައިންނާއި ނުކުޅެދޭމީހުންނާ އުމުރުން ދުވަސްވީމީހުންނަށް އެހީވެދެވޭނެބަދަލާއި، އަޅާލާނެ ފަރާތެއްނެތި މަގުމަތިވެފައި ތިބި މާދަމާގެ ޒުވާނުން ބިނާކޮށްދިނުމުގެ ބަދަލާއި، މަސްތުވާތަކެތީގެ ވަބާގައިޖެހި ފަނާވަމުންދާ ޒުވާނުން އަލުންބިނާކޮށް އެމަގަށް ޒުވާނުން އެނބުރުވި މަގުތައް ބަންދުކުރުމުގެ ބަދަލާއި، މިއެންމެހައި ބަދަލަކީ އެމްޑީޕީ ވިހޭ ބަދަލުކަމުގައެވެ. އެމްޑީޕީއާއި މި ސަރުކާރުން މަސައްކަތްކުރަމުންދަނީ މިއެންމެހައި ބަދަލުތައް ބަލާބޮޑުކޮށް ފަސްއަރުގެ ވެރިކަމުގެ ނިޒާމުގެ ބަދަލުގެ ތެރެއިން ރައްޔިތުންނަށް ހޯދައިދޭންކަމުގައި ޖޯޝާފޯރިޔާއެކު ވާހަކަދައްކަވަމުން އަލްހާނު ވިދާޅުވިއެވެ.

މި ބަދަލުތަކުގެ ތެރެއިން މިހާތަނަށް ނުގެނެވި އޮތް ހަމައެކަނި ބަދަލަކީ ރައްޔިތުން އެންމެ ބޭނުންވި ޢަދުލު އިންޞާފް ގާއިމް ކޮށްދިނުމުގެ ބަދަލު އިންޞާފް ވެރި ނިޒާމަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ބަދަލުކަމުން މިއަދު މަސައްކަތްކުރަނީ ރައްޔިތުން އެދުނު ފަދަ ޢަދުލު ވެރި އިންޞާފް ވެރި ފަނޑިޔާރުގެ އެއް ރައްޔިތުންނަށް ހޯދައިދޭންކަމުގައި އަލްހާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ސްޕްރީމް ކޯޓާއި، އެކޯޓުގެ ބެންޗު ފިޔަވައި، ދެންހުރި ހުރިހާ ކޯޓުތަކާ ފަނޑިޔާރުންނަކީ ބާޠިލު ޣައިރުޤާނޫނީ ހުވައެއް ކޮށްގެން ތިބި މީހުންނާއި ތަންތަން ކަން ގާނޫނު ދަންނަމީހެއްގެ ނަމުގައި ވާހަކަދައްކަވާ އިރު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދަށް އެނގިވަޑައި ނުގަތުމަކީ ނުވަތަ އެވާހަކަ ނުދެއްކުމަކީ އޭނާ ކުރައްވައިގެން ހުންނެވި ހުވަޔާޚިލާފް ކަމެއްކަމުގައެވެ.

މީގެއިތުރުން އަލްހާނު ޑީއާރުޕީ ޙަޔާތަށް ބައްލަވާލައްވަމުން ވިދާޅުވީ އެމަނިކުފާނު ޑީއާރުޕީ ދެކެ ފޫހިވާންޖެހުނީ މިސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަން ނިންމަވާފައި ހުރި ކަންކަން ކުރުމަށް މަޖިލީހުގެ ތެރެއިން ކުރައްވާ މަސައްކަތްތަކަށް ޖެއްސުންކޮށް ހުރަސްއަޅުއްވަން ޚުދު މައުމޫނު ޑީއާރުޕީގެ މުޅިޕާލަމެންޓްރީ ގްރޫޕް ހައިޖެކް ކުރައްވާތީކަމުގައެވެ.

ނަމަވެސް “ރައްޔިތުންނަށްޓަކާ އަޅުގަނޑުމެންގެ ޅަދަރީންނަށްޓަކާ އެފަދަ އަނިޔާވެރި ނިންމުންތަކަށް މަރުޙަބާކިއުމަކީ އަޅުގަނޑުގެ ޒަމީރު އެއްބަސްވާ ކަންކަމަށް ނުވީހިނދު އަޅުގަނޑުގެ ހިތުގައި އެކަންކަމަށް ނަފުރަތު އުފެދި އެމްޑީޕީ އަށް ވޯޓް ދޭތީ އަޅުގަނޑު އެޕާޓީން ވަކިކުރީ”، އަލްހާނު ވިދާޅުވިއެވެ.