ރައީސް ނަޝީދުގެ ހިތްތިރިކަމާއި ކެތްތެރިކަން ދެކި އެމަނިކުފާނަށް ސެލިއުޓް އަރުވަމެވެ.

ފުނަމާ

hiy-thiri-raees

ޚުދުމުޚުތާރު ކަމުގައި ދުނިޔެއަށް ނަމޫނާ ދައްކަމުންދިޔަ ވެރިކަމެއްގެ އަނިޔާވެރި ކަމުގެ އިންތިހާ ތަހަންމަލު ކުރައްވަމުން މިގައުމުގެ ދީނީ އިލްމުވެރީންނާއި އާންމު ރައްޔިތުންގެ ހައްގުގައި ނުކުމެ ވަޑައިގެން ދެގޮތެއްނުވާ އަޒުމެއްގައި ކުރެއްވި ލާމަސީލު ޖިހާދަށްފަހު މިގައުމުގެ ރައްޔިތުން ލޯތްބާއި އިޙުތިރާމާއެކު މިގައުމުގެ ވެރިކަން ގާނޫނީ އިމުގެ ތެރެއިން ހަވާލުކުރުމުން ރައީސް ނަޝީދު މުޅިދުނިޔެއަށް ސާބިތު ކޮށްދެއްވަމުން މިގައުމަށް ކުރެއްވި އެންމެ ފުރަތަމަ އިލްތިމާސް އަކީވެސް ” ކާމިޔާބުގެ ވަގުތުގައި ހިތްތިރި ކުރުމަށެވެ.”

އަނިޔާވެރި ވެރިކަމެއް ނިމިގެން ދާހިނދު އަލުން ވެރިކަމަށް އަންނަ ވެރީން މިހާތަނަށްވެސް ދުނިޔެއަށް ދައްކައިދެމުން ގެންގޮސްފައި ވަނީ މުޅީން އެހެން މަންޒަރެކެވެ. ކުރީގެ ވެރީންނާއި އެމީހުންގެ އާއިލާއާއި ގާތް ރަހުމަތްތެރީންނާއި ދިލަކޮޅު ފޯރާހާ ބަޔަކުވެސް އެކިއެކި ތުހުމަތު ތަކުގައި ހިފައި ހައްޔަރުކޮށް ގަދަފަދަ ވޭނާއި އަޒާބު ދައްކައި ހަދާފައިވާކަން ދުނިޔޭގެ ތާރީޚާއި މިގައުމުގެ ތާރީޚު ބަލާލިޔަސް އެނގޭން އެބައޮތެވެ.

މިކިޔާ އަނިޔާވެރި ތިރީސް އަހަރުގެ ވެރިކަމުގައި އެންމެންގެ ލޮލުގެ ކުރިމަތީގައި ހިންގާފައިވާ ބޮޑެތި ލާއިންސާނީ ޖަރީމާތަކަކީ މިއަދުވެސް އެކަންކަން ހިތުތެރެއަށް ވަނުމުން ބިރުން ފިއްކަނޑައިގެން ދާވަރުގެ ކަންކަމެވެ. ކުށެއް އަމުދުންނެތް މީހުން ހައްޔަރުކޮށް ޖަލުތަކުގައި ބޮޑެތި އަނިޔާތައްދީ މަރާލައި ހަދާފައިވާ ކަމުގެ ހެކިތައް އެހެރީ ފެންނާށެވެ. ލޮލުން ދުށް މީހުން އެވާހަކަތައް އެތިބަ ކިޔައި ދެނީއެވެ. ތާރީޚު ލިޔުއްވާ ފުންނާބުއުސް ފަރާތްތަކުން އަކުރުން އަކުރަށް ލިޔުއްވައި އެހެރީ ފެންނާށެވެ. ރަތްމަރު އެކުލެވޭ ބަޑިޖަހައި ހަތިޔާރެއްނެތް އެތައް ދިވެހި ރައްޔިތުންނެއް ޝަހީދުކޮށްލިއެވެ. ދީނީ އިލްމުވެރީން އޮރިޔާންކޮށް ބަނދެ ތުނބުޅި ބޭލުވިއެވެ. މިކަހަލަ އެތައް ސަތެކަ ވާހަކައެއް ދިރިތިބީން ލޮލުންދެކި، ތަހަންމަލުކޮށް އެތިބަ ކިޔައިދެނީއެވެ. ޝައްކު އުފައްދާނެ ފުރުސަތެއްވެސް ނެތްމިންވަރަށް އެކަންކަން ސާބިތު ކުރެވޭނެއެވެ. ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ގިނަގުނަ ޚިޔާނާތްތަކުގެ އިތުރުން މުޅިގައުމުގެ ޖީލެއް އެކުގައި މަސްތުވާ ތަކެތީގެ ވަބާގައި ޖެއްސިކަމީ ފާޅުގައި ފެންނާންއޮތް ހަގީގަތެކެވެ.

މިވަރުގެ އަނިޔާވެރި ވެރިޔަކާ މެދުގައި ހަމައެހެންމެ، އެއްވެސް ކުށަކާއި ނުލައި ޚުދު އެމަނިކުފާނަށްވެސް ހައްގެއްނެތި ބޮޑެތި އަނިޔާތައްދީ ހެދި މީހާޔަށްވެސް ހިތްހެޔޮ ކުރައްވައި މިގައުމުގައި އިއްޒަތާއެކުގައި އުޅުމުގެ ހުރިހައި ފުރުސަތެއް ރައީސް ނަޝީދު ފުރިހަމަކޮށް ދެއްވާފައި އެވަނީ މިގައުމުގެ އެތަކެއް ރައްޔިތުންނެއް އެކަމާ އިންކާރު ކޮށްކޮށް އޮއްވާވެސް މެއެވެ. އެމަނިކުފާނުންގެ އެންމެ އަރިއަހުގައި އުޅުއްވަމުން ގެންދަވާ އެންމެހައި މަދަދުގާރުންނާޢި އެނޫންވެސް އެތަކެއްހާސް ދިވެހި ރައްޔިތުންނެއް އެކަމާ އިންކާރު ކޮށްކޮށް އޮއްވައިވެސް މެއެވެ. ކިތަންމެ ބަލިކަށި ވެފައި ހިމޭނުން އޮތަސް ހަރުފައެއް މަރާނުލައި ފައިބުޑުގައި ބާއްވައި އަޅާނުލައިފިނަމަ ވިހަލާނެކަން ހަނދުމަ ކޮށްދީދީ އޮއްވައެވެ. ޚުދު ރައީސް ނަޝީދުގެ އަރުފުޅުގައި އެޖައްބާރުކަލޭގެ ކާންދިން ފުޅީތޮށިތަކުގެ ޒަޚަމްތައް އާވެއާވެ ހުއްޓައެވެ. ސާބިތެއްނެތް މައްސަލައެއްގައި އަބުރާ އިއްޒަތް ނަގާލައި ވަގުބަދުނާމު އަޅުވައި އަނިޔާދީފައި ވަނިކޮށެވެ.

ނަމަވެސް މިއަދު މިފެންނަނީ ދުނިޔެ ދައްކައިދޭ ހަގީގަތްތަކަށް ބޯނުލެނބުމުގެ ނަތީޖާ ކަމުގައި އަހަރެމެން ކަހަލަ މީހަކު ބުނިނަމަވެސް ރައީސް ނަޝީދު އެކަމާ އެއްބަސްވެ ވަޑައި ގަންނަވާ ވަރަށްވުރެ މިއަދުވެސް އެމަނިކުފާނުންގެ އަޒުމު މާވަރުގަދައެވެ. ﷲގެ މިންވަރު ފުޅާމެދު އެމަނިކުފާނުންގެ ހިތްޕުޅުގައި އޮންނަ އިތުބާރު މާބޮޑެވެ. އެއިލާހުގެ މިންވަރުފުޅުން މެނުވީ އެއްވެސް ކަމެއް މިދުނިޔޭގައި ނުވާނެކަން އެމަނިކުފާނު ދެނެވަޑައި ގަންނަވައެވެ. ގުރުއާނުގެ އާޔަތްތަކުގެ އެންމެހައި މާނަތަކާއި މުޚާރީއާއި މުސްލިމު ހިތުން ދަސްކުރައްވައިގެން ނެތަސް، ވެރިކަމަކީ ކިހާވަރެއްގެ އަމާނާތެއްކަން ރައްޔިތުންގެ ޙައްގުތަކަކީ ކޮބައިކަން އެމަނިކުފާނު ދެނެވަޑައި ގަންނަވައެވެ. ކޮންމެ ރެއެއްގެ ފަތިސްވުމުގެ ކުރީން ތެދުވެ ވަޑައިގެން މުނާޖާ ދެންނެވުމުގައި އެހޭދަ ކުރައްވާ ވަގުތާއި ފަތިސް ނަމާދަށްފަހު ގައުމުގެ އެންމެހައި ރައްޔިތުންގެ ހައްގުގައި ގައުމުގެ ހެވާއި ލާބަޔަށް ޓަކައި ފަށްޓަވައިގެން ކޮންމެ ދުވަހެއްގެ މެންދަމާ ހަމަޔަށް އެކުރައްވާ މަސައްކަތްތަށް ގައިމުވެސް އެނގޭ އަހުރެން ކަހަލަ ކިތަންމެ ބަޔަކު މިގައުމުގައި އެބަތިއްބެވެ. ރޭގަނޑު އަވަހާރަފުޅު ލައްޕަވާ މަދުގަޑިއިރު ކޮޅުގެ ތެރޭގައިވެސް ގައުމަށް ނުވަތަ ރައްޔިތުންނަށް ދިމާވާ ކޮންމެ ހިތާމަވެރި ކަމެއްގައި އަރާމުގެ ތަންމަތީން ނަގައި ކޮޅަށް ޖެހުމަށްޓަކައި މީހުން ބައިތިއްބަވާކަން ދާދިފަހުން ރޭގަނޑެއްގެ ދަންވަރު މެދުރާއްޖެ ތެރޭގެ ރަށެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ޚުދު އަހުރެންނަށް ޔަގީންވިއެވެ. މީހަކު ބުނާކަށް ނުޖެހޭނެއެވެ. މިފަދަ ވެރިޔަކު މިފަހު ޒަމާނުގައި ފެނިދާނެ ކަމުގައި ހީކުރެވިފައި ނުވިނަމަވެސް އެހެރީ ފެންނާށެވެ.

ގައުމުގެ ރައްޔިތުންގެ ހައްގުގައި ފުއްދަވައި ދެއްވާނެ ކަމުގައި ވައުދުވެ ވަޑައިގެން އެންމެހައި ކަންކަން އެގެންދަވަނީ ފުއްދަވައި ދެއްވަމުންނެވެ. ރެޔާއިދުވާލުގެ އަރާމާއި ނިދިން މަހުރޫމުވެގެން ހުންނަވައެވެ. އަމިއްލަ އާއިލާއާޢި ގާތްތިމާގެ އަހުލުންނަށް ބޭނުންވާ މަދު ވަގުތު ކޮޅުވެސް ރައްޔިތުންނަށް ޓަކައި ގުރުބާން ކުރައްވަމުންނެވެ. ވަރުބަލި ކަމެއް އަމުދުން ނުދައްކަވައެވެ. އަބުއިކަމެއް ޝަހެންޝާހިއްޔަތެއް ނުގެންގުޅުއްވައެވެ. ފަރިއްކުޅުއްވުމާއި ދިރިއުޅުއްވުމުގައި އެގެންގުޅުއްވަނީ އެންމެ ސާދާގޮތްތަކެވެ. ވާހަކަފުޅު ދެއްކެވުމުގައި ބޭނުންކުރައްވަނީ އެންމެ ސާދާ އިބާރާތްތަކެވެ. އިނގިރޭސި ވިލާތުގައި ތަޢުލީމު ހާސިލް ކުރެއްވި ޔުނިވަރސިޓީ ގައި ބޭއްވި ބޭރުބަހަކުން ވާހަކަ ދެއްކުމުގެ ޚާއްސަ މުބާރާތްތަކުން ރަންވަނަތައް ހޯއްދަވައިގެން ހުންނެވި ނަމަވެސް އަދި މިއަދު ދުނިޔޭގެ އެންމެ ފުންނާބު އުސް ލީޑަރުންނާއި އެއްފޯރަމެއްގައި އަޑުހަރުކޮށް އެމީހުން މޮށިއުޅޭ ބަހުން ދޫފަސޭހަކޮށް ބަސްވިދާޅުވަމުން ގެންދަވާއިރުވެސް އެމަނިކުފާނުންގެ ވާހަކަފުޅު ދެއްކެވުމުގައި އެބޭނުންކުރައްވާ މަށް ދިވެހި ބަހުގެ ސަބަބުން މިއަދު މިގައުމުގެ އެންމެންގެ ސަމާލުކަންވެސް އެމަނިކުފާނަށް މިވަނީ ހުއްޓިފައެވެ. ވޭތުވެދިޔަ ތިރީސްއަހަރު އަރަބިބަހާއި ދިވެހިބަސް އެއްކޮށްގެން ދިވެހީންގެ ކަންފަތަށް އެޅިހައި އެއްޗެއް ފަހުމްނުވެ ބޮލަށް އުނދަގޫވެފައިވާ އެންމެންނާއި އެންމެ ފާޅުގައި އެމަނިކުފާނަށް ފުރައްސާރަކުރާ މީހުންވެސް މިއަދު ދުލަށް ފަސޭހަވެގެން އެބޭނުން ކުރަނީ އެމަނިކުފާނުންގެ ބަހުރުވައެވެ.

މިއަދު މިގައުމުގައި މިހިންގަމުން ގެންދާ ފިތުނަވެރި ކަންކަމަކީ ރައީސް ނަޝީދުގެ ތާއީދު މިގައުމާއި ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގައި އިންތިހާޔަށް ބޮޑުވުމުގެ ސަބަބުން ކުރީގައި ވެރިކަމުގައި ތިބެގެން ދިވެހީންގެ މަސް ރޮލައި ވީދައިގެން ކެއިމީހުންގެ ހިތްތަކަށް ކެތްނުވެގެން ނުކުމެ ތެޅޭތެޅުންތަކުގެ ނަތީޖާކަން ދިވެހީންނަށާއި ބޭރުމީހުންނަށްވެސް އެނގެއެވެ.
ﷲ ގަންދީފައި ބުނަމެވެ. މިހާރު މިހިނގަމުންދާ ކަންކަމަކީ ކުރީގެ ޚުދުމުޚުތާރު އަނިޔާވެރި ޖައްބާރު ވެރިމީހާގެ އާރާއި ބާރުއޮތްއިރު ހިންގި ކަންކަންނަމަ ކުރީންވެސް ހެދިހެން ބަޑިޖަހައި ދިވެހި އެތަކެއް އަޚުންނާއި އުޚުތުން މަރައި ހުސްކޮށްފީހެވެ. އަދިއަރައި އިނދެގެން ޖައްވަށް ފަޒާއަށޭ ބުނެ ލަވަކީހެވެ. މިކަންކަން ހާމަވުމުން މިއަދުގެ ރައީސް ނަޝީދުގެ ހިތްތިރިކަމާއި ކެތްތެރިކަންދެކި އައްސަރިބަހާއި ސާބަސް ރައްދުކުރާހާލު އެމަނިކުފާނަށް ސެލިއުޓް އަރުވަމެވެ.