ހަމަނުޖެހުންތަކުގައި ނޫސްވެރިންނަށް އަނިޔާ ލިބެމުންދާތީ އެކަން ސަރުކާރުން ކުށްވެރިކޮށްފި

މިހާރު މާލޭގައި ހިންގަމުންގެންދާ ސިލްސިލާ ހަމަނުޖެހުންތަކުގައި، ނޫސްވެރިންނަށް ބޮޑެތި އަނިޔާ ލިބެމުންދާތީ ސަރުކާރުން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިގޮތުން ހޯމަދުވަހުގެ ރޭގެ ހަމަނުޖެހުންތައް ރިޕޯޓްކުރުމަށްދިޔަ އެމްއެންބީސީގެ ނޫސްވެރިއެއް ކަމުގައިވާ މޫސާ ނައުޝާދަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާތީއާއި، އެމް.އެން.ބީ.ސީގެ އެޑިޓަރ ޠައްޔިބު ޝަހީމަށް ދީފައިވާ އަނިޔާތައް ފާހަގަކުރައްވައި، އެކަންވެސް ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ.

މިކަންކަން ކުށްވެރިކުރައްވަމުން، ޕްރެސް ސެކްރެޓެރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، ސިޔާސީ ބޭނުންތައް ފުއްދުމަށް، ވާދަވެރި ފަރާތްތަކުން މާލެތެރޭގައި ހަމަނުޖެހުން އުފައްދައި ބިރުދައްކަމުން ގެންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ބިރުވެރިކަމުން ސަލާމަތްވެހުރެ، ޚަބަރުތައް ރިޕޯޓްކުރުމަށް ނޫސްވެރިންނަށް ލިބިފައިވާ ޙައްޤަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމްކުރުމަށް ޒުހައިރު ގޮވާލެއްވިއެވެ.