ޖުވެނައިލް ކޯޓުު ހިންގެވުމާއި ހަވާލު ހުންނެވި ގާޒީ މުޙަންމަދު ނައީމްގެ އަމަލުތައް އެމްޑީޕީ ކުޑަހުވަދޫ ދާއިރާއިން ކުށްވެރިކޮށްފި

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-24-01-2012-41

ޖުވެނައިލް ކޯޓު މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ޖުވެނައިލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ މުޙަންމަދު ނަޢީމްގެ ސަރުކާރާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ދައްކަވަމުން ގެންދާތީ އޭނާގެ އެ އަމަލުތައް އެމްޑީޕީ ކުޑަހުވަދޫ ދާއިރާއިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު ޢަބްދުއްރަޙްމާން މިއަދު ނެރުއްވި ނޫސް ބަޔާނުގައި މުޙަންމަދު ނަޢީމް މިވަގުތު ޗުއްޓީއެއް ގައި ދ.ކުޑަހުވަދޫގައި ހުންނަވައިގެން ރަށުގެ ޖޯލިފަތިތަކާއި އާންމު ރައްޔިތުން އެއްވެ އުޅޭ ތަންތަނުގައި އަޑުގަދަކޮށް ސަރުކާރާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ދައްކަވަމުން ގެންދާތީ އެކަން ހިތާމައާއި އެކު ފާހަގަކުރާ ކަމަށާއި، 25 ޖެނުއަރީ 2012 ވީ ބުދަ ދުވަހު (މިއަދު) ސެންޓްރަލް ޔުޓިލިޓީޒްގެ ހެޑް އޮފީސް ހިންގަމުންދާ އިމާރާތުގެ ގޯތިތެރޭގައި ތިބި އެ ކުންފުނީގެ މުޥައްޒަފުންނާއި ދިމާލަށް ރައީސް ނަޝީދަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށްފައިވާތީ ގާޒީ މުޙަންމަދު ނަޢީމްގެ އެ އަމަލުތައް އެ ދާއިރާއިން ކުށްވެރިކޮށްފައިވެއެވެ.

“ރާއްޖޭގެ ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި މުޅި ޝަރުޢީ ނިޒާމާ ދޭތެރޭ ރައްޔަތުންގެ އިތުބާރު ގެއްލެމުންދާ ދަނޑިވަޅެއްގައި ގާޒީ މުޙަންމަދު ނަޢީމްގެ ޢަމަލުތައް މިފަދަ ދަށު ދަރަޖައަކަށް ވެއްޓިފައިވާތީ އެކަމާ މިދާއިރާއިން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ކޯޓުތަކުގައި އިސްކޮށް ތިއްބެވި ގާޒީންގެ އަމަލުތައް މިދަރަޖައަށް ވެއްޓުމަކީ ޝަރުޢީ ދާއިރާ މިހާލަތަށް ވެއްޓެން ޖެހުނު ސަބަބު ކަމަށް ވެސް މިދާއިރާއިން ދެކެމެވެ. އަދި ގާޒީ މުޙައްމަދު ނައީމް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުން ބޭރުވެ ހިންގަމުންމިދާ އަމަލުތައް، ބައްލަވައިދެއްވާ އޭނާއާއި މެދު ފިޔަވަޅުއެޅުމަށް ވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެމްޑީޕީ ކުޑަހުވަދޫ ދާއިރާއިން މި ފުރުސަތުގައި ގޮވާލަމެވެ.” އެމްޑީޕީ ކުޑަހުވަދޫ ދާއިރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވެއެވެ.