މެންބަރުންގެ ޚިޔާލު: މިއީ ދުރާލާ ރޭވިގެން، ގުޅިގެން ހިންގާ ބަޣާވާތެކެވެ!

ފުނަމާ

މިއަދު ރާއްޖޭގެ ވެރިރަށް މާލޭގައާއި ރާއްޖޭގެ އެކިކޮންކޮޅު ތަކުގައި ސަރުކާރާ އިދިކޮޅަށް މިހިންގަމުންދާ ހަރަކާތްތަކާއި، ދެމުންދާ ލާއިންސާނީ ހަމަލާ ތަކަކީ ވަކިމީހަކު ހައްޔަރު ކޮށްގެން ނުވަތަ ، ވަކިމީހަކަށް އިންސާފު ލިބިނުދީގެން ހިންގާ ކަންކަމޭ މިހާރު ބުނެވޭކަށް ނެތެވެ. ފެންނަމުންދާ މަންޒަރުތަކާއި، އިވެމުންދާ އަޑުތަކަށް ބަލާލާއިރު މިކަމުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް ވާކަން މިއަދު މިދަނީ ހާމަވެ އެނގެމުންނެވެ.

ކުރީސަރުކާރުގަވެސް އެމީހެއްގެ ސުލޫކީ މިންގަނޑާމެދު އެތަކެއް ސުވާލުތަކެއް އުފެދުނު ނަމަވެސް އެއިރުގެ ސަރުކާރު ހިންގާންހުރި ވެރިމީހާ އަދި ، ޝަރުއީ ދާއިރާގެ އެންމެއިސް ވެރިޔާ ކަމުގައި ކަނޑައަޅާފައިވާ ރައީސުލް ޖުމްހޫރިއްޔާ އެގާޒީއެއްގެ ކުށްތައް ފޮރުވައި އޭނާ ބޭނުންވާ ގޮތަށް ހުކުމްތައް ކަނޑައެޅުމަށް ބާރުލިބިދިނުމަށް ގޮނޑީގައި ވަޑުވާފައި އެއިން ހިޔަަޅު ގާޒީ އަކީ މިއަދުވެސް ޝަރުއީ ދާއިރާގެ އެންމެ މުހިންމު އެއްކޯޓުގައި އެނޫންމީހެއްގެ ނުފޫޒު އޮތަނުދީ ބާރުގައި އިން މީހާއެވެ. މިހާރުގެ ގާނޫނުއަސާސީއިން ބާރުދީގެން އުފެއްދި ޝަރުުއީ ދާއިރާގެ ބެލެނިވެރިން ކަމުގައިވާ ޖޭއެސްސީ އިންވެސް ހަމަ މިކަލޭގެއާއި މެދު ފިޔަވަޅު އެޅުމަށް އެވަނީ ނިންމައި އިއުލާނު ކޮށްފައެވެ. ނަމަވެސް އެކަން ނުކޮށް ހިފެހެއްޓުމަށް ޖޭއެސްސީގެ މަށްޗަށް އެމުއައްސަސާގެ ދަށުގައިވާ ކުޑަކޯޓަކުން އަމުރެއް ނެރެ އިހުނަށްވުރެ ބޮޑަށް އެބުނާ ގާޒީއެއްގެ ނޭއްގާނިކަން މިގައުމަށް ދައްކާން ތިއްތިކޮށް އެއިނީ ބައިންދާފައެވެ. މިއިންކަމަކާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއް ، އިންސާނީ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި މަސައްކަތްކުރާ ބަޔަކު ޗުއްޕުވެސް ނުބުނެ އެތިބީ ބަލާށެވެ.

ދިވެހިރާއްޖޭގައި ބޮޑެތި ޖިނާއީ ކުށްތައް ކުރާ ކޮންމެ މީހަކު ޚާއްސަކޮށް މިއަދުގެ ސަރުކާރާ އިދިކޮޅު ކޮންމެމީހަކު، ކިތަންމެ ބޮޑުކުށެއް ކުރިކަމަށް ޝައްކު ކުރެވިގެންވިޔަސް ، ފުލުހުންގެ ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން ކޯޓުއަމުރަކާ ނުލައި ތަހުގީގަށް ހައްޔަރުކޮށްފައި ބަހެއްޓުމުގެ ބާރުލިބިދޭ 24 ގަޑިއިރުވެސް ނުވަނީސް ކޮންމެ ވަގުތަކަސް ކޯޓުހުޅުވައިގެން އެމީހަކު ވަގުތުން ދޫކޮށްލުމަށާއި ، ހައްޔަރުކުރި ބަޔަކު އެކަން އެކުރީ ގާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅަމުން މިފަދަ ބައެއް މީހުން ވީއްލިގެން ނުކުންނަތާ ރެޔަކާ ދުވާލު ހަމަނުވަނީސް އެހެންމީހެއްގެ ފުރާނަ ދުއްވާލާއިރުވެސް މުޅިގައުމުގައި މިކަންކަމާ ބަސްބުނާން އޮތިއްޔާ އޮތް މުއައްސަސާއެއް އެއޮންނަނީ ހަމަހިމޭނުން ހައްޕު ކިޔައިގެންނެވެ.

މިހިޔަޅު ގާޒީއަކީ އޭނާގެ ނުފޫޒުގެ ބާރުގައި ރާއްޖޭގެ ޝަރުއީދާއިރާ މުށްދަށުލައިގެން އޭނާގެ ހިމާޔަތުގައި އެތަކެއް ބޮޑެތި ޚަރަދުތަކެއް ކުރީގެ ވެރިމީހާ ކޮށްދީގެން ނެރެފައިވާ ވަކީލުންގެ ޓީމެއްގެ މަދަދާއި ، ރާއްޖޭގެ މަތީކޯޓުތަކާއި މިނިވަން އެންމެހައި މުއައްސަސާ ތަކާޢި މީޑިޔާ ތަކުގެ ހިމާޔަތް ލިބިގެން ފާޅުގައި އިސްލާމީ ޝަރީއަތަށް ގޮންޖަހައި ، ގާނޫނީ އިމުގެ ބޭރުން މިއަދުގެ ސަރުކާރު ވަށްޓާލުމަށް މަސައްކަތް ކުރަމުން ގެންދާ ކޮންމެ ބަޔަކަށް ވާގިވެރިވުމުގައި ފާޅުގައި މަސައްކަތް ކުރަމުން ގެންދާ މީހެއް ކަމުގައި ބުނެ ދޭތެރެދޭތެރެއިން ރައްޔިތުންގެ ގިނަބަޔަކު އަޑުއުފުލަމުން ގެންދާ ކަމީ އޮޅިފައި އޮންނާނެ ކަމެއްނޫނެވެ. އެހެންކަމުން މިފަދަ މީހަކު މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބަހައްޓައިގެން ރާއްޖޭގައި ރޫލްއޮފްލޯ ގާއިމް ކުރުމަށް ދަތިވާކަމަށް ދައުލަތުގެ އެންމެ މަތީވެރިޔާއަށް ކިތަންމެ ބަޔަކު އިލްތިމާސްކޮށް ދެންނެވުމުން އެއެޅުއްވި ފިޔަވަޅާ ގުޅިގެން ބަޔަކު ނުކުމެ މިގައުމުގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވަށްޓާލުމަށް މަސައްކަތް ކުރާންފެށީމައި މިކަމުގެ އަސްލާއިމެދު ކުރީން އުފެދުނު ސުވާލުތަކުގެ ތެރެއަށް ސުވާލުތަކެއް އިތުރުވެގެން އެބަދެއެވެ.
މިގައުމުގައި އޮތް އިންސާނީ ހައްގުތައް ހިމާޔަތްކުރާ ކޮމިޝަން އަކީ ހަމައެކަނި ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އެމީހުން ކުރާނެހައި ކަމެއް ކުރުމަށް ބާރުދީ ދެންމިގައުމުގައި މިތިބިހައި ރައްޔިތުންނާމެދު އެއްވެސް އަޅާލުމެއް އަމުދުން ނެތް ކޮމިޝަންއެއް ކަމުގައި މިއަދު މީހުން އެބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ސަރުކާރުގެ އިސްވެރިޔެއްގެ ގައިގައި ރޯމެންދުވާލު ކަޓަރު އަޅާލިޔަސް ، ދައުލަތުގެ ވަޒީރެއްގެ ގެދޮރަށްވަދެ އެގެ ފުނޑުފުނޑު ކޮށްލިޔަސް ، އަދި ކިއެއްތަ މިގައުމުގައި ލިބިގެންވާ އިސްލާމްދީނުގެ މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން އެދީނުގައި އުޅެމުންގެންދާ ފަންސާހަކަށް ހާސް މީހުން ހިމެނޭ ޖަމާއަތެއްގެ އެންމެންނަކީ ހަރުބިއްޔަ ކާފަރުންނޭ ގޮވާއިރުވެސް ހިއުމަން ރައިޓްސް ކޮމިޝަންއަކަށް މިކަމެއް ބޮޑުވެ އަގައިން ބަހެއްވެސް ނުބުނެވެއެވެ. އެކަމަކު އިދިކޮޅު މީހެއްގެ ވެއްޓިފައިއޮތް އިސްތައްޓަކަށް ސަރުކާރަށް ނިސްބަތްވާ މީހެއްގެ ފައިން އެރުނަސް އެދެން މިގައުމަށް އިންގިލާބެއް ގެނައުމަށް އިދިކޮޅު މީހުންނަށް އެކޮމިޝަނުން ގޮވާލަން ވީއެވެ. ބާރުދީ ސީދާ ހަރަކާތަށް ނެރުމަށް ހިއްވަރު ދޭންވީއެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރު ވަށްޓާލަން ނުކުމެ ގައުމުގެ ހިމާޔަތުގައި ތިބި ފުލުހުންގެ ޖާނަށް ފުރާނަޔަށް ހިތުހުރި އިރަކު ގެއްލުންދޭއިރު ޕޮލިސް އިންޓަރގްރިޓީ ކޮމިޝަން އޮންނަނީ ހިންޏާ މަރުވެ މަރުވެއެވެ. ނަމަވެސް ފުލުހަކު އިދިކޮޅު މީހުންގެ ހަމަލާއަކުން ޒަޚަމްވެ ވެއްޓެމުން ދާއިރު އެއިން މީހެއްގެ ގައިގައި ޖެހިލިޔަސް އެ ” ހިންދާގެ” ހިގުގައި އިދިކޮޅު މީހުންގެ މައްޗަށް އުތުރިއަރާ ޖަޒުބާތުން ފުރިގެން ހިތައް ކެއްނުވެގެން ނުކުމެ ފުލުހުންނާއި ދިމާލަށް ކޮންމެ ފަހަރަކު ފޮޅާލައެވެ. މިއީ އެކޮމިޝަންގެ އިންސާފުވެރި ކަމާމެދު އެތަކެއްހާސް ރައްޔިތުން މިއަދުވެސް ސުވާލު އުފައްދަމުން ގެންދާ ކަމެކެވެ.

އުއްތަމަ ފަނޑިޔާރާއި ޕުރޮސިކިއުޓަރ ޖެނެރަލްއަށް އަބަދުވެސް ބޮޑުވެގެން އުޅޭތީ ފެންނަނީ މިސަރުކާރު ދެމިއޮންނަ ކަމެވެ. ސަރުކާރު ވަށްޓާލުމަށް ނުކުންނަ ކޮންމެ ބަޔަކަށް ވާގިވެރިވުމުގައި މަގާމުގެ ނުފޫޒާއި ބާރުގެ ބޭނުން މިދެ މުއައްސަސާއިންވެސް ކުރަމުން ގެންދާ ކަމުގައި އެތަކެއްހާސް ދިވެހި ރައްޔިތުން ގޮވަމުން އެގެންދަނީ ހަމަ އެއްވެސް ސަބަބެއް ނެތީމަ ހެއްޔެވެ؟ އެގޮތަށް އެބުނާ އެތައް ހާސް މީހުންނަކީ ދިވެހީން ކަމުގައި މިދެމުއައްސަސާއިން ގަބޫލުނުކޮށް އެމީހުންގެ އައިޓެންޓިޓީ ފޭރިގަނެފައި ވަނީ ހެއްޔެވެ؟ ދީނީ އިލްމުވެރީން ކަމުގައި ބުނެ އަމިއްލަ ފަހަރިންގެ އިއްފަތް ތެރިކަން ފެލާލި ކަމުގައި ބައެއް އޮންލައިން ނޫސްތަކުގައި އިޝްތިހާރު ކޮށްފައިވާ މީހަކާ ، ހިލޭ އަންހެނުންނާ އާންމު ތަންތަނުގައި ސަލާމްނުކުރިޔަސް ފަރުދާގެ ފުރަގަހުގައި އޮޅުލައި ބައްދާ ހަދާ މަންޒަރުތައް ހާމަވެފައިވާ މުނާފިގުން މަގުމައްޗަށް ނުކުމެ އިސްލާމްދީނަށް މަލާމާތް ކުރަމުން އެދީނުގެ އަގުވަށްޓަމުން ގެންދާއިރު ރާއްޖޭގައި މިކަން ބޮޑުވާ ހަމަ އެންމެ ރަސްމީ މުއައްސަސާއެއްވެސް އެބައޮތް ހެއްޔެވެ؟ ސަރުކާރުގެ ހައްގުގައި ބަހެއްބުނާ ކޮންމެ މީޑިޔާއެއްގެ މުއައްޒަފުންކޮޅު ތަޅާ ރޯނާގަންނަވާއިރު ޖާނަލިސްޓް އެސޯސިއޭޝަން އާއި މީޑިޔާ ރެގިއުލޭޓުކޮށް ބަލަހައްޓާ އިސްފަރާތްތަކުން އެތިބެނީ ބަދުރުވާ ލައިގެނެ ހިމޭން ވެފައެވެ. އެހެންކަމުން މިއަދު ގާގޫނީ ގޮތުން މިގައުމުގައި އުފެދިފައިވާ ސަރުކާރު ވަށްޓާލުމަށް މިކުރަމުން ގެންދާ މަސައްކަތް ތަކަކީ ދުރާލާ ރޭވިގެން ރާއްޖޭގެ އެންމެހައި މިނިވަން މުއައްސަސާ ތަކާއި ޝަރުއީ ދާއިރާވެސް ގުޅިގެން ހިންގާ ބޮޑު ބަޣާވާތެއް ކަމުގައިވެސް މީހަކަށް ސިފަވެ ބުނެވިދާނެތާއެވެ.