އެމްއެންބީސީގެ ޖާނަލިސްޓަށް ފަރުވާކުރުމަށް އެމްޑީޕީން ޚަރަދުކުރާނެ – ރީކޯ މޫސަ

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-24-01-2012-43

އެމްއެންބީސީ ލޯކަލް ނިއުސް ޑިޕާޓްމަންޓްގެ ޖާނަލިސްޓް މޫސާ ނައުޝާދަށް ބަޔަކު ހަމަލާދީފައިވަނީ ބޭއިންސާފުން ކަމަށާއި، އޭނާއަށް ލިބުނު ގެއްލުންތަކަށް ފަރުވާ ހޯދުމަށް އެމްޑީޕީން ޚަރަދުކުރާނޭ ކަމަށް، އެޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ 13 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްއެންބީސީގެ ޖާނަލިސްޓަކަށް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ރޭވުމުގެ ދަށުން ޙަމަލާދީފައިވަނީ އެމްއެންބީސީ އަކީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ތަނެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވުމާ ގުޅިގެން ކަމަށް ބެލެވޭ ކަމަށާއި، އެމްޖޭއޭ ފަދަ ހުރިހާ ނޫސްވެރިންގެ ހައްގުގައި އެއް ހަމައަކުން މަސައްކަތްކުރަންޖެހޭ ތަނެއްގެ ރައީސް ކަމުގައި ހުރެ، އެމްއެންބީސީގެ ޖާނަލިސްޓުންނަށް ހަމަލާދިނުމަށް ހިއްވަރުލިބި، އެ ސްޓޭޝަން ބަދުނާމްވެ އެސްޓޭޝަނާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް، ހިރިގާ އަޙުމަދު ޒާހިރު ވާހަކަދައްކަވާފައިވާތީ އޭނާ މަގާމުން އިސްތިއުފާދެވުމަށް ވެސް މޫސަ ގޮވާލެއްވިއެވެ.

“ނޫސްވެރިއަކަށް ރޭ ހަމަލާދިނީ ބޭއިންސާފުން. އޭނާ އަށް ލިބުނު ގެއްލުންތަކަށް ފަރުވާ ހޯދުމަށް އެމްޑީޕީން ޚަރަދުކުރާނެ. އެހެން ނޫސްވެރިޔަކަށް ވެސް ގެއްލުމެއް ލިބިގެން އެމްޑީޕީގައި އެދިއްޖެނަމަ އެހީތެރިވެދޭނެ.” މޫސަ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ފަނޑިޔާރުން ގަނޑުގައި ލިޔާ އެއްޗަކީ ރައްޔިތުން އިތުބާރު ނުކުރަންޏާ އެއްވެސް ބާރެއް އޮތް އެއްޗެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމް ފުރުއްވި އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާޣީންނަށްވެ މީހުންގެ ތަކެއްޗަށް ގެއްލުންދީ، ޓެރަރިސްޓް ހަމަލާތައް ދެމުން ގެންދަނީ އެމީހުންނާ މެދު ޝަރުޢީ ފިޔަވަޅެއް ނާޅާނޭ ކަން އެނގޭތީ ކަމަށެވެ.

މައުމޫނުގެ ވެރިކަމުގައި ޖަލުގައި ފަސް އަހަރު އިންނަވަން ޖެހިވަޑައިގެންނެވި ކަމަށާއި، އޭރު ޖަލުގައި މީހުންނަށް އަނިޔާކުރި ތަން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އަދި އެ އަނިޔާގައި ބައެއް މީހުން މަރުވެފައިވާ ކަމަށް ރޭގެ ޖަލްސާގައި ފޮރިންގ މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވިއެވެ.