އެމްޑީޕީގެ ނައިބު ރައީސްގެ ސައިކަލު ވަގަށް ނަގައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ ސައިކަލު ވަގަށް ނަގައި، އޭނާގެ ކޮއްކޮ އަޒްބާން ފަހުމީގެ ގެއަށް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ރޭވުމުގެ މަތިން ބަޔަކު ގެއްލުންދީފިއެވެ.

އަލްހާންގެ ސައިކަލު ވަގަށް ނަގާފައިވާކަން އެނގުނީ އިއްޔެ ހެނދުނު ކަމަށާއި، ސައިކަލު ގެއްލުނީ އަލްހާން ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ބަހައްޓާފައި ހުއްޓާ ކަމަށް އެމްޑީޕީ ވެބްސައިޓަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި އަޒްބާން ދިރިއުޅޭ މއ.އަކިރިފުއްޓަށް ކޯރާޑިއެއް ހިފައިގެން 8 މީހުންގެ ގްރޫޕަކުން ވަދެ އެގޭގެ ބިއްލޫރިތައް ތަޅާލައި، އައިސް އަލަމާރިއަށާއި، މީޓަރު ބޯޑަށް ވަނީ ގެއްލުންދީފައެވެ.

އަލްހާން ތުހުމަތު ކުރައްވާ ގޮތުގައި މި އަނިޔާވެރި އަމަލަކީ އެމްއެމްއޭ ކައިރީގައި، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް އުމަރު ނަސީރު ގޮވާލެއްވުމާ ގުޅިގެން އެ ޕާޓީން ހިންގާފައިވާ އަމަލެއް ކަމަށް އަލްހާން ތުހުމަތު ކުރައްވައެވެ.

އަލްހާން ވިދާޅުވީ އޭނާގެ ކޮއްކޮ އަޒްބާންގެ ގެއަށް ގްރޫޕަކުން ވަދެ އެގެއަށް ގެއްލުންދިން އިރު، އަޒްބާން ގޭގައި ނޫޅޭ ކަމަށާއި، ގޭގައި އެވަގުތު ތިބި މީހުން ބިރުން ދެވަނަ ބުރިއަށް އަރާފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ނަފްސާނީ ގޮތުން ގެއްލުންވެފައިވާ ކަމަށާއި، އެގޭ ކުޑަކުއްޖަކު ބިރުން ހުން އައިސްފައިވާ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.