ނޫސް ބަޔާން: އެމްޑީޕީ އުނގޫފާރު ބަނދަރު ގޮފި

mdp-logo1

ކްރިމިންލް ކޯޓްގެ އިސްގާޒީ އަބުދުﷲ މުހައްމަދު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި ކުރަމުން މިގެންދާ މުޒާހަރާއާއި ގުޅޭގޮތުން ދަންނަވަމެވެ.

ދިވެހިން އެދެމުންދާ، ތިން ބާރު ވަކިކުރުމުގެ ނިޒާމްގެ ތެރެއިން އަދުލް އިންސާފް ޤާއިމް ކުރުމުގެ ބާރު ފުނޑުފުޑުވެ، ފަނޑިޔާރުގެއިން ނިކުންނަ ހުކުމްތައް ޤާނޫނީ އިމުން ބޭރުވެ، ރައްޔިތުން ބޭނުންވާ އިންސާފް ލިބުމުގެ ދޮރު ބަނދުވީ ހިނދު، ދިވެހިރާއްޖޭގެ ކްރިމިންލް ކޯޓްގެ އިސްގާޒީ އަބުދުﷲ މުހައްމަދު، އާއިމެދު އަޅުއްވާފައިވާ ފިޔަވަޅަށް އެމްޑީޕީ ބަނދަރު ގޮފިން ތާއީދު ކުރަމެވެ.

އަޅުގަނޑުމެން ޤަބޫލްކުރާގޮތުގައި ހިތުހުރިގޮތަކަށް ހުކުމްތަށް ނުކުންނަ މަގަނޑު ސަބަބަކީ، ޖުޑިސިއަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ދާއިމީކުރުގައި ބަލަންޖޭ ސުލޫކީ މިންގަނޑުން ބޭރުވެ، އަވަސްއަރުވާލައިގެން ފަނޑިޔާރުން ދާއިމީ ކުރުމާއި، ޤާނޫން އެނގިވަޑައިނުގަންނަވާ ފަނޑިޔާރުންތަކެއް ޝަރުއީ ދާއިރަގައި މަސައްކަތް ކުރުމަށް ފުރުޝަތު ދެއްވުމެވެ. އަދިހަމައެހެންމެ ފަނޑިޔާރުންގެ ސްލޫކީމިންގަނޑު ހިފެހެއްޓުމުގައި ކޮމިޝަން ފެއިލްވެފައި ވުމެވެ.

މިޚަބަރުތަށް ކަވަރ ކުރުމުގައި ހަރަކާތްތެރިވާ މީޑިޔާގެ ފަރާތްތަކަށް، ޚާއްސަކޮށް އެމްއެންބީސީގެ ޖާރނަލިސްޓުންނަށް އަމާޒުކޮށްގެން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ލާއިންސާނީ އަނިޔާތަކާއި، ނަފްސާނީ ބިރުދެއްކުންތަކާއި، ރައްޔިތުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދިނުންފަދަ ކަންކަމުން ދޭހަވެގެންދަނީ އިންސާފުން ކަންކަން ކުރުމަށް އިދިކޮޅުފަރާތްތަށް ފެއިލްވެފައިވާ މިންވަރެވެ.

މުޒާހަރާތަކުގެ ކުރީސަފުގައި ހަރަކާތްތެރިވާ އިދިކޮޅު ސިޔާސީފަރާތްތަކުން، ލޭއޮހޮރުވުންތަކަށް ގޮވާލުމާއި، އަމަން ނަގާލުމަށް ހިތްވަރުދީފައިވާކަން ފާހަގަ ކުރަމެވެ. އަދި ދީން ހިމާޔަތްކުރުމަށްކަމަށް ބުނެ އަދާލަތު ފާޓީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދީނީ އިލްމުވެރިންނާއިމެދު ރައްޔިތުންގެ ހިތުގައި ސައްކާއި ވަހުމް އުފެއްދުމަށް ކުރަމުންގެންދާ ތާކުންތާކުނުޖެހޭ ނާތަހުޒީބީ މި އަމަލު ކުއްވެރި ކުރަމެވެ.

މިފަދަ ކަންކަން ހައްލުކުރުމަށް މަސްވަރާގެ ރިވެތި އުސޫލްތައް ދޫކޮށްލާ، މާލޭގައި އެއްވެ އުޅުމަށް ވަކި ސަރަހައްދުތަކެއް ޚާއްސަކުރެވިފައިވަނިކޮށް އެނޫން އެހެންތަންތަނުގައި މުޒާހަރާގެ ނަމުގައި ހިންގަމުންދާ ބަޢާވާތްތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރިކޮށް، ވަގުތުން ވަގުތަށް މިކަން ހުއްޓާލުމަށް އެމްޑީޕީ ބަނދަރުގޮފިން ގޮވާލަމެވެ.
މި ފުރުސަތުގައި ޤާނޫނު ހިމާޔާތްކުރުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަޅުއްވަމުންގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް އެމްޑީޕީ ބަނދަރުގޮފިން މަރުހަބާ ކިޔަމެވެ.