ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ އިތުބާރާއި ޔަޤީންކަން ގެއްލި، ރައްޔިތުންނަށް ޢަދުލު އިންސާފް ލިބޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް ޙާލަތަށް ޢަދުލު އިންސާފު ނިޒާމު ގޮސްފައިވުމުގެ ސަބަބުން، މިއަދު ޤައުމުގެ އާންމު ޙާލަތާއި، އަމަން އަމާންކަމާއި، ރައްޔިތުންގެ އެއްބައިވަންތަކަން ގެއްލި، ޤައުމު ހަލަބޮލިކަމެއްގެ ތެރޭގައި މިވާ ދަނޑިވަޅުގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ މައްޗަށް ފާރަވެރިވެ، ފިޔަވަޅު އަޅަންޖެހޭ ފަރާތްކަމުގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން ނުކުޅެދިފައި އޮތުމަކީ އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
ޢަދުލު އިންސާފު ޤާއިމުކުރަންތިބި ފަނޑިޔާރުންނާމެދު އުފުލޭ ޝަކުވާތައް ބަލައި، ވަގުތުން ފިޔަވަޅު އެޅުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް ޤާނޫނު އަސާސީން ލާޒިމުކޮށްފައިވާ ކަމަކަށްވީހިނދު، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ސާބިތުވެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފިޔަވަޅު އަޅަން ނިންމާފައިވީ ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅައި، އޭނާ ބޭނުން ގޮތަކަށް ޢަދުލު އިންސާފުގެ މުޅި ނިޒާމު ހަލާކުކޮށްލަމުން ގޮންޖައްސަވަމުންދާއިރުވެސް ޖުޑިޝަރީގެ އިސްފަރާތްތަކުންވެސް އޭނާއާމެދު އެއްވެސް ފިޔަވަޅެއް އެޅުމަށް މުޅި ޖުޑިޝަރީވަނީ ނުކުޅެދިފައެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހި ދައުލަތް ހިމާޔަތްކުރުމަކީ ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމަކަށްވެފައި، ސުލޫކީ މިންގަނޑުން ބޭރުވެ، ސިޔާސީ ވިސްނުމެއްގައި ޝަރީޢަތްކުރަމުން ގެންދާ ފަނޑިޔާރުންގެ ޙުކުމްތަކާމެދު ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި މިވާ ދަނޑިވަޅުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރައްވާ ދެބޭފުޅުންކަމަށްވާ ރްއޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުގެ ފުރިހަމަ ޒިންމާއާއި މަސްއޫލިއްޔަތު އެކޮމިޝަނުގައި އަދާކޮށް މިނާޒުކު ހާލަތުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށް އަދުލުއިންސާފުގެ ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯއްދެއްވުމަށް އެމް.ޑީ.ޕީ ޕާލަމެންޓަރީ ގްރޫޕުން އިލްތިމާސް ކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް