ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނުގެ މާތް އުޞޫލުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-gaumy-inaaam-dhinun

ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނުގެ މާތް އުޞޫލުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޤައުމިއްޔަތު ބިނާކުރެއްވުމުގައި، ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް، އިރާދަކުރެއްވިއްޔާ، ސާބިތުކަމާއެކީގައި ކުރައްވާނެ ކަމަށާއި، އެކަމެއް ކުރައްވައިގެން، އެމަނިކުފާނުގެ މައްޗަށް ތުހުމަތެއް ކުރެވި ނުވަތަ ފާޑުކިޔާ، ބަސްބުނެވިދިޔަ ކަމުގައިވިޔަސް، އެމަނިކުފާނު ކުރައްވާ ކަމެއް ކުރައްވާނީ، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމީ ދުވަސް ފާހަގަކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، އެދުވަސް ފާހަގަކުރަނީ، ޤައުމިއްޔަތެއް ބިނާކޮށް، ޤައުމިއްޔަތެއްގެ މަންފާއާއި ފައިދާ، ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. އަދި އީމާންތެރިކަމާއި، އިހްސާންތެރިކަމާއި، ކިބުރުވެރިކަމެއް ނެތުމާއި، އޯގާތެރިކަމާއި، ހަމަހަމަކަމާއި، އިންޞާފްވެރިކަމާއި، އެކަކު އަނެކަކަށް އަޅާލުމާއި، މާތްވެގެންވާ އިސްލާމްދީން މުޅި އިންސާނިއްޔަތަށް ހިދާޔަތުގެ ނޫރެއްގެ ގޮތުގައި ފާޅުކޮށްދެއްވާފައިވާ އެންމެހާ ރިވެތި ގޮތްތައް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން ބަދަލުވަމުން މިދަނީ، މުޅިން އެހެން ޤައުމިއްޔަތަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ ޤައުމިއްޔަތުގެވެސް ރުކުންތަކަކީ، އިސްލާމްދީނާއި، ދިވެހި ޤައުމާއި، ދިވެހިން ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތު ސިފަވާއިރު، ފަނޑިޔާރުގެޔަކީ އެހެން އެއްވެސް ތަނަކުން އެތަނުގެ މައްޗަށް ނުފޫޒު ނުފޯރާ ގެޔަކަށް އެބަވާންޖެހޭ ކަމުގައި ވިދާޅުވެ، ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ދިވެހި ދައުލަތުން ދެއްވެންހުރި ހުރިހާ އެއްބާރުލެއްވުމެއް ސަރުކާރުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ފަނޑިޔާރުގެޔަށް ހުށަހެޅިފައިވާ މައްސަލަތައް، ވީހާވެސް އިންޞާފްވެރިކަމާ އެކީގައި، އަވަސް ގޮތެއްގައި ނިންމަވައިދެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނުއަސާސީގެ ބާރު އަބަދުވެސް ދެމިއޮންނަނީ، ރައްޔިތުންގެ ކިބައިގައި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެން އިންޞާފް ހޯދައިދޭންވީވެސް ރައްޔިތުންނަށެވެ. ތަރައްޤީވާންވީވެސް ރައްޔިތުންނެވެ. ތަނަވަސްވާންވީވެސް ރައްޔިތުންނެވެ. ޤައުމީ ލޯބި އުފެދޭންވީވެސް ރައްޔިތުންގެ މެދުގައެވެ. އަދި ޤައުމީ ލޯތްބާއި، ޤައުމީ ރޫޙު އުފެދިގެން އަންނަނީ، އަޅުގަނޑުމެންގެ ތެރޭގައި އިންޞާފްވެރިކަމާއި، ޢަދުލުވެރިކަމާއި، އަނިޔާވެރިކަން ނެތުމާއި، ހަމަހަމަކަން ޤާއިމްވެގެންނެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ބާއްވަވާ އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް މިއަދު ވަޑައިގަތުމުން، އެރަށުގެ ރައްޔިތުން، އެދެކަނބަލުންނަށް ވަރަށްހޫނު މަރްޙަބާއެއް ދެންނެވިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށްފަހު، އުތީމު ކުޑަކުދިންގެ ޕާކްގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވިއެވެ.