އެމްއެންބީސީގެ ދެ ޖާނަލިސްޓަކަށް ހަމަލަ ދިނުމަށް އިދިކޮޅު ފަރާތްތަކަށް ހިއްވަރު ލިބުނީ އެމްޖޭއޭގެ ރައީސް ހިރިގާ ޒާހިރު އިދިކޮޅު މީޑިއާގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން – ރީކޯ މޫސާ

އިބްރާހީމް ރާމިޒް

reeko-moosa

އެމްއެންބީސީގެ ދެ ޖާނަލިސްޓަކަށް ހަމަލަ ދިނުމަށް އިދިކޮޅު ފަރާތްތަކަށް ހިއްވަރު ލިބުނީ މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް ހިރިގާ ޒާހިރު އިދިކޮޅު މީޑިއާގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން ކަމަށާއި، އެ ދެ ޖާނަލިސްޓުންނަށް ދިން ހަމަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

” އެމްއެންބީސީގެ ނޫސްވެރިންނަށް އިދިކޮޅު ފަރާތްތަކުން ޙަމަލަދީފައި މިވަނީ އެމްޖޭއޭގެ ރައީސް ހިރިގާ ޒާހިރު، އެމްއެންބީސީން ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރަނީއޭ ކިޔައިގެން، އެމްއެންބީސީ އާ ދެކޮޅަށް ނިކުތުމަށް އިދިކޮޅު މީޑިއާގައި ހިއްވަރު ދިނުމުގެ ސަބަބުން. އެމްޖޭއޭ ފަދަ ތަނެއްގެ އިސްވެރިއަކަށް ހުރެ ހިރިގާދައްކާފައިވާ ވާހަކަތައް އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން،” އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ހިރިގާއަކީ އެއްވެސް ޒިންމާދާރުކަމެއް ނެތް ގޮތެއްގައި ނޫސްވެރިކަން ކުރުމަށް ހިއްވަރުދޭ މީހެއްކަން އޭނާގެ ބެލުމުގެ ދަށުން ހިންގާ “ސަންއޮންލައިން” ގައި ވަކި ފަރާތަކަށް ބުރަވެ ގެނެސްދެމުންދާ ޚަބަރުތަކުން ހާމަވާ ކަމަށެވެ.

މީގެ އިތުރުން ވެސް އެމްޑީޕީ އަކީ ދުވަހަކުވެސް ނޫސްވެރިންނަށް ހަމަލަދިނުމަށް ހިއްވަރުދޭނޭ ޕާޓީއެއް ނޫން ކަމަށާއި، އެމްޑީޕީއާއި ސަރުކާރާއި ދެކޮޅަށް ޚަބަރުފަތުރާ މީޑިއާތަކަށް ވެސް އެމްޑީޕީގެ ހަރުގޭގައި އޮންނަ އިވެންޓްތަކަށް ވެސް އެމްޑީޕީން ބަރާބަރަށް ދަޢުވަތުދެމުންދާ ކަމަށާއި، އެއިން އެއްވެސް ރިޕޯޓަރަކަށް އެމްޑީޕީގެ ހަރުގެ ތެރެއިން މިހާތަނަށް ގޯނާއެއް ކޮށްފައިނުވާ ކަމަށް މޫސަ ވިދާޅުވިއެވެ.

އެމްއެންބީސީގެ ޖާނަލިސްޓް މޫސާ ނައުޝާދަށް ލަކުޑިބުރިތަކުން ހަމަލަދީ، ޠޮއްޔިބު ޝަހީމުގެ ގައިގައި ކަރަންޓް ޝޮކެއް ޖައްސައި، އެ ޖާނަލިސްޓުންނަށް ހަމަލަދީފައިވަނީ އެމްއެންބީސީ ކައިރީގައި އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުން ކަވަރުކުރަމުންދަނިކޮށެވެ.

ލަކުޑިބުރިތަކަކުން ދިން ހަމަލާގައި މޫސާ ނައުޝާދުގެ ކަނާތު ކަށިގަނޑެއް މުގުރިފައިވާ ކަމަށާއި، އެ ކަށިގަނޑު ރަނގަޅުކުރުމަށް އޮޕަރޭޝަނެއްކުރަން ޖެހޭ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ނައުޝާދުގެ އާއިލާއިން ބުނެއެވެ. ނައުޝާދުގެ ކަނާތާއި ފަޔަށް އަނިޔާވެ އޭނާގެ ކަންފަތް ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.

ނައުޝާދަށް ދިން ހަމަލަ އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވަނީ ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމްއެންބީސީގެ ޖަރނަލިސްޓުންނަށް ދިން ހަމަލައަކީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލައެއް ކަމަށެވެ.