އުންމީދީ ގޮފި
ރ.އިންނަމާދޫ/ދިވެހިރާއްޖެ
ޤާނޫނުއަސާސީގެ 115މާއްދާގެ (ހ) ގެ ދަށުން ޤާނޫނު އަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމަށް ދައުލަތުގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަޕުޅުތަކަށް އިންނަމާދޫ އެމްޑީޕީ ގޮފިންނާއި އެންމެހާ މެންބަރުން ތާޢީދު ކުރަމެވެ.
މިއަދު ޤައުމަށް ދިމާވެފައިވާ މި ޙާލަތުން އަރައިގަތުމަށް ދިވެހި ފުލުހުންނާއި ސިފައިން އަޅުއްވަމުންގެންދަވާ އެންމެހާ ފިޔަވަޅުތަކަކީ ޤައުމުގެ މަސްލަޙަތާ އަމާންކަން ޤާއިމުކުރުމަށް އަޅުއްވާޙިކްމަތްތެރި ފިޔަވަޅުތަކެއްކަމަށްވެސް ޤަބޫލުކޮށް އެކަންތައްތަކައްވެސް ތާޢީދުކުރަމެވެ.
ޤައުމެއްގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެފާ އޮންނަނީ އެޤައުމެއްގައި އަދުލް އިންސާފް ޤާއިމްވެފައި އޮންނަ މިންވަރަކަށްކަންކަށަވަރެވެ. މިއަދުގެ ޙާލަތަށް ބަލާއިރު ސިޔާސީބައެއްގެ ވަކިތަކުން ސަލާމަތްނުވެ ތިބި ބަޔެއްފަނޑިޔާރުން ކުރައްވާ އިންސާފެއްނެތް ހުކުމްތަކުން މުޅި ޝަރުޢީނިޒާމަށް ރައްޔިތުން ކުރާ އިތުބާރުގެއްލި ދުވަހަކުވެސް އިންސާފެއްނުލިބިދާނޭކަމުގެމާޔޫސްކަން މިވަނީ އިންތިހާއަށްބޮޑުވެފައެވެ.ތަޙުޤީޤުކުރުމުގެ ފުރިހަމަބާރު ފުލުހުންނަށް ޤާނޫނުތަކުން ލިބިދީފައިވާއިރު ވަކި ބަޔަކާމެދު އިންސާފުވެރި ތަޙުޤީޤެއް ހިންގޭނޭ މަގުއެއްކޮށްބަންދުވެ ވަކިބަޔަކާމެދު ތަޙުޤީޤުކުރުމަކީ ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރެއްނޫންކަމަށްދޭހަވާހާ މިންވަރަށް ބައެއް ގާޒީންގެ ނިންމުންތައް ނިންމަމުންދާކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. ދައުލަތް ހިންގުމުގެ ތިންބާރުގެ ތެރެއިން ދައުލަތުގެ އެންމެ މަތީވެރިޔާ ނިސްބަތްވާ ބާރު، ވެރިކަންހިންގުމުގެ ބާރު އެއްކޮށްނެތިކޮށްލުމަށް ރާވަމުންދާ ހީލަތްތެރިރޭވުމުން ސަލާމަތްވުމަށް ދިފާޢީ ބާރުތަކުން އަޅުއްވާފިޔަވަޅުތަކަށް އަދިވެސްއެއްފަހަރު ތަޢުރީފުކުރަމެވެ.
ގިނަ ޕާރޓީއެކުލެވޭ ވެރިކަމުގެ ނިޒާމެއްގައި ވާދަވެރި އިންތިޚާބެއްގައި ރައްޔިތުންނަށް ހުށައެޅިކަންކަމަކީ ރައްޔިތުންނަށް ކަމުދާކަންކަން ރައްޔިތުންގެ ގިނަބަޔަކުބުނެ، ރައްޔިތުންގެ ފުރިހަމައަޤުލަބިއްޔަތުން ހޮވި މި ސަރުކާރުން އެކަންކަން ފުރިހަމަވާ މިންވަރާމެދު ޙަސަދަވެރިވެ، ޤާނޫނީ މުއްދަތުގެކުރިން ޤާނޫނީއިމުން ބޭރުން މިސަރުކާރު ބަދަލުކުރުމަށް އިދިކޮޅުފަރާތްތަކުން ފަށާފައިވާ މަސައްކަތްތަކަށް ހިތްވަރުލިބޭގޮތަށް ދައުލަތުގެ ބައެއްމުއައްސަސާތަކުން ކުރާމަސައްކަތްތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ. ޤާނޫނީވެރިކަމެއް ވައްޓާލުމަށް އިދިކޮޅުފަރާތްތަކުން މާލޭ ސިޓީގެ މަގުމައްޗަށް ނިކުންނަކޮންމެފަހަރަކު ނުފޯދޭ ފެންފޯއްރުއްތަކެއްވައްޓާލުމުން ލިބޭ ހިތްހަމަޖެހުމާއިއެކު ،ވެރިކަންކުރާ މާލޭ ސިޓީގެ އަމަނަށް ލިބޭގެއްލުމުގެ ޒިންމާވެސްނަގަންޖެހެނޭކަމަށް ވެރިކަމަށް ފެންބޮވައިގެންފައިވާ އިދިކޮޅުފަރާތްތަކަށް ހަނދާންކޮށްދެމެވެ. ކިތަންމެވަރަކަށް މަގުމައްޗަށް ނިކުތަސް ވެރިކަމަށް އާދެވޭނީ އިންތިޚާބަކުންކަމާއި، މި ހަލަބޮލިކަމުގައިވެސް ބާއްވާ އިންތިޚާބްތަކުގައި ނިކުންނަ ނަތީޖާއިން އިދިކޮޅުހުރިހާފަރާތްތަކުން ކަންބޮޑުވެ ގޮތްހުސްވެފައިވާމިންވަރު ވަރަށް ރަނގަޅަށް ހާމަވާކަން ދިވެހިރައްޔިތުންނަށް މިދަނީ އެނގިފާޅުވަމުންނެވެ.
ވުމާއިއެކު، ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމަކީ ރައްޔިތުންގެ މެދުގައި އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާމަސައްކަތްޕުޅުތަކަށް އިންނަމާދޫ އެމްޑީޕީ އުންމީދީ ގޮފިންނާއި އެންމެހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރު ލެއްވުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމުން ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އަށް އަށްސަރިބަހުން ސާބަސް ރަށްދު ކުރަމެވެ.
ގައުމަށް ގެންނަން ޖެހޭ އެންމެހާ އިސްލާހީ ފިޔަވަޅު ތަކެއް މަނިކުފާނު ތިގެންނަވަނީ ވަރަށްވެސް ހިކުމަތްތެރިކަމާއި އެކުގައިކަން އަޅުގަނޑުމެން އުފަލާއި އެކު ބަލާއި ގަންނަމެވެ. ދީނީ އެންމެހާކަންކަން ރާވާ އިންތިޒާމު ކުރަށްވަމުންް އެގެންދަނީ ރާއްޖޭގެ އެންމެމަތީ ދީނީ އިލްމުވެރިން އެބޭކަލުންނަށް ލިބިފައިވާ އިލްމީ އަލީގައި އެއްވެސް ނުފޫޒެއްނެތިއެވެ. ސަރުކާރު ކޯލީސަންގެ ދަށުގައި އަދާލަތު ޕާޓީ އޮތްހިނދުު ހަފުތާއަކު އެއްފަހަރު އެޕާޓީއިން މުޅިރާއްޖެއަށް ފެންނާނެހެން ދެއްވަމުންގެންދިޔަ އަގުހުރި ދަރުސުތައް ކޯލީސަނުން ވަކިވިފަހުން ދެވޭތަނެއް ނުފެނެއެވެ.
އެފަދަ ދަރުސުތައް ދެއްވަމުން ގެންދެވި ދުވަސްވަރު އެޕާޓީއަށް ރައްޔިތުންގެ ތާއީދު ދިޔައީ ވަރަށްބާރަށް އިތުރުވަމުންނެވެ. ނަމަވެސް މިއަދު އެޕާޓީއަށް އާއި ވެރިއެއްގެ ސަބަބުން މުޅިޕާޓީ އެވަނީ ކިލަނބުވެ ޚަރާބުވާން ފަށާފައެވެ. އެހެންކަމުން އިންނަމާދޫ އެމްޑީޕީ ގޮފިން އަދާލަތު ޕާޓީއަށް މިގޮވާލަނީ މިހާރު ހިންގަމުން ތިޔަ ގެންދަވާ އިދިކޮޅު ހަރަކާތްތައް މިހާރުން މިހާރަށް ހުއްޓާލާ ގައުމުގައި އަމަންއަމާންކަން ގާއިމްކޮށް އިސްލާމްދީނުގެ އަޤީދާ މިހާރަށްވުރެން ބޮޑަށް ރައްޔިތުންގެ ހިތްތަކުގައި ހަރުލެއްވުމަށް ކުރީގައި ތިޕާޓީ ހިންގެވުމަށް ތިއްބެވި ޝައިޚް ހުސައިން ރަޝީދުއާއި ޑޮކްޓަރ މަޖީދުފަދަ ބޭބޭ ފުޅުން ޕާޓީހިންގެވި ރިވެތި އުޞޫލުން ސަރުކާރާއި ގުޅިގެން ވަކިފަރާތަކަށް ނުޖެހި ދިވެހި ރައްޔިތުންގެ ޙައްޤުގައި ޕާޓީ ހިންގެވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.